އަހުމަދު އަރީފް

ކުރީގެ ސީޕީ އަރީފު ހައްޔަރުކޮށްފި

Mar 6, 2018
13

ފުލުހުންގެ ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް ދިރިއުޅުއްވާ ގޭގައި ހުންނަ އޭނާގެ އެޕާޓްމެންޓަށް ފުލުހުން ވަދެ ބަލައި ފާސް ކުރުމަށްފަހު އަރީފު ހައްޔަރުކޮށް ސަރުކާރުގެ ތަހުގީގު ޖަލު ދޫނިދޫއަށް މިއަދު ގެންގޮސް އޭނާގެ މައްޗަށް ތަހުގީގެއް ފަށައިފި އެވެ.

އަރީފް ދިރިއުޅުއްވާ މއ. ސްނޯ ރޯސްގެ ފަސް ވަނަ ބުރީގައި ހުންނަ އޭނާގެ އެޕާޓްމެންޓް ބަލައި ފާސް ކުރުމަށްފަހު ފުލުހުންގެ ވެހިކަލެއްގައި އަރީފު ގެންގޮސްފައި ވަނީ ހެނދުނު 10:00 ޖަހާއެހާކަންހާއިރު އެވެ. އޭނާގެ ގާނޫނީ ވަކީލު އިބްރާހިމް ޝަމީލު ވިދާޅުވީ އަރީފުގެ މައްޗަށް ކޮށްފައި ވަނީ ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތު ކަމަށެވެ. އަދި އޭނާގެ ގެ ބަލާފާސް ކުރި ނަމަވެސް އެއްވެސް އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވެ އެވެ.

އަރީފު ހައްޔަރު ކުރުމަށް ފަހު އޭގައި ދިރިއުޅުއްވަނިކޮށް ހައްޔަރުކޮށްފައިވާ ފާރިސް މައުމޫނުގެ އަނބިކަނބަލުން އެގޭގައި ދިރިއުޅުއްވާ އެޕާޓްމަންޓަށް ވަންނަން ފުލުހުން މަސައްކަތް ކުރި އެވެ. ނަމަވެސް އެ ގެޔަށް ވަނުމަށް އޭނަ ހުއްދަ ނުދިނުމުން ފުލުހުން އަނބުރާ ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މިކަން ކަމާ ގުޅިގެން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

އަރީފު މަގާމުން ވަކިކުރީ 1 ފެބުރުއަރީގެ ހުކުމަށްފަހު އެ މަހުގެ ދެވަނަ ދުވަހު އެވެ. އޭގެ ފަހުން އޭނާގެ ޕާސްޕޯޓު އޮތީ ވެސް ވަނީ ހިފަހައްޓާފަ އެވެ. ސީޕީގެ މަގާމުގައި އަރީފް ހުންނެވި އިރު އޭނާ ވަނީ 1 ފެބްރުއަރީގެ އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.