ސައުދީ އަަރަބިއްޔާ

އިޒްރޭލަށް ދާން އެއާއިންޑިއަށް ސައުދީ ވައިގެ ސަރަހައްދު ހުޅުވައިފި

އެއާ އިންޑިއާއިން އިޒްރޭލުގެ ވެރިރަށް ތެލްއަވީވަށް ދަތުރުކުރާ އިރު ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އެ ގައުމުން ދީފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.

ރަސްމީ ސިފައެއްގައި އިޒްރޭލާ ސިޔާސީ ގުޅުން ގާއިމްކޮށްފައި ނުވާ ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދު އިޒްރޭލަށް ކުރާ ދަތުރުތަކުަގައި ބޭނުން ކުރުން ކުރިން އޮތީ މަނާކޮށްފަ އެވެ. ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން އިޒްރޭލު އުފެއްދި ދުވަހުން ފެށިގެން ފާއިތުވި 70 އަހަރު ވެސް އެކަން އޮތީ އެގޮތަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ވިދާޅުވީ ތެލްއަވީވަށް އަދި އެރަށުން ފުރައިގެން އެހެން މަންޒިލްތަކަށް ދަތުރުކުރަން އެއާ އިންޑިއާއިން ކަނޑައެޅި އާ މަގުން ދަތުރުކުރާ އިރު ސައުދީގެ ވައިގެ ސަރަހައްދަށް ވަންނަން މިހާރު ހުއްދަ ދީފައިވާ ކަމަށެވެ. އޭނާ މިހެން ވިދާޅުވިޔަސް އެއާ އިންޑިއާއިން ވެސް އަދި ސައުދީ ސަރުކާރުން ވެސް އެކަން އަދި ކަށަވަރެއް ނުކޮށްދެއެވެ. ނަމަވެސް ސައުދީން އަދި އެ ވާހަކަ ދޮގެއް ވެސް ނުކުރެއެވެ.

ސައުދީ އަރަބިއްޔާއާ އިޒްރޭލާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްގައި ނުވިޔަސް، ފަހަކަށް އައިސް އެ ދެ ގައުމުން ގުޅުންތަކެއް ގާއިމްްކޮށްގެން އުޅޭ ކަމަށް މެދުއިރުމަތީގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެ ދެ ގައުމުގެ އެއްގޮތްވާ ދެކަމެއް އެބަ އޮތެވެ. އެއީ އެ ދެ ގައުމަކީ ވެސް އެމެރިކާގެ މިތުރުންނަށް ވުމާއި މެދު އިރުމަތީގައި އީރާނުގެ ނުފޫޒު ގަދަވިޔަ ނުދިނުމަށް މަސައްކަތް ކުރުމެވެ.