އަވަށްޓެރި ސްރީލަންކާގެ އެކި ރަށްތަކުގައި މުސްލިމުންނާއި ބުޑިސްޓުންނާ ދެމެދު ތަޅާފޮޅުންތައް ހިނގަމުންދާތީ އެ ގައުމުގަައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.
ލަންކާ ސަރުކާރުގެ ތަރުޖަމާނާ ހަވާލާ ދީ އަލްޖަޒީރާއިން ބުނީ މުޅި ސްރީ ލަންކާއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ އެކި ދީންތަކުގެ މީހުންގެ މެދުގައި ހަމަނުޖެހުން އުފައްދާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ކަމަށެވެ.
ލަންކާ ފުލުހުން ބުނީ ކެންޑީ ޑިސްޓްރިކްޓްގައި ހަމަނުޖެހުން ހިންގި މީހުން މުސްލިމުންގެ ފިހާރަތާއި މިސްކިތްތަކަށް އިއްޔެއިން ފެށިގެން ބުޑިސްޓުން ހަމަލާތައްދީ ހަމަނުޖެހުންތައް ހިންގާފައިވާ ކަމަށެވެ. އެގޮތުން ބައެއް ތަންތަނުގައި ހުޅުޖެހުމުގެ އަމަލުތައް ވެސް ވަނީ ހިންގާފަ އެވެ.
ނަމަވެސް އަލްޖަޒީރާއަށް މައުލޫމާތު ދިން މަސްދަރުތަކާ ހަވާލާދީ އެ އެޖެންސީން ބުނީ ހަމަނުޖެހުންތައް ހިންގަމުން ދަނީ ކެންޑީގައި އެކަނި ނޫން ކަމަށެވެ. އަދި ބުނީ ހަމަނުޖެހުންތައް ލަންކާގެ ކަންކޮޅުތަކަށް ފެތުރެމުންދާ ކަމަށެވެ. ކޭންޑީގެ ސަރަހައްދަށް ވަނީ ކާފިއުވެސް ނެރެފައެވެ.
ސްރީލަންކާގެ އާބާދީގެ 10 ޕަސެންޓަކީ މުސްލިމުންނެވެ. އެމީހުންނާ ދެކޮޅަށް ބުޑިސްޓުން ކުރީ ފަހަރުތަކުގައި ހިންގި ހަމަނުޖެހުންތައް ވަރަށް ނުރައްކާތެރި ހާލަތަކަށް ގޮސް މީހުން މަރާފައި ވެސްވެ އެވެ. ލަންކާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތަކުގެ ފަހަތުގައި އޮތީ ބުޑިސްޓުންގެ ހަރުކަށި ވަތަނީ ޖަމާއަތެއް ކަމަށްވާ ބޮޑުބަލަސޭނާ ކަމަށް އެ ގައުގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ.
މިފަހަރުގެ ހަމަނުޖެހުންތައް ފެށުނީ ލަންކާގެ އިރުމަތީ ޕްރޮވިންސްގެ އަމްޕާރާ ނަމަކަށް ކިޔާ ރަށުގައި ފެބްރުއަރީމަހުގެ 27 ވަނަ ދުވަހުއެވެ.
ކޮލަމްބޯ ގެޒެޓް ނޫހުން އޭރު ބުނީ ހަމަނުޖެހުންތައް ފެށުނީ މުސްލިމަކު ހިންގާ ފިހާރައަކުން ވިއްކާ ކާތަކެއްޗަށް ބޭސް ގުޅަތަކެއް އެއްކުރާ ކަމަށް ބުޑިސްޓުންގެ ބަޔަކު ކުރި ތުހުމަތު ތަކަކަށް ފަހު ކަަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގައި ބުޑިސްޓުންގެ ޖަމާއަތަކުންް އާއްމު ކުރި ވީޑިއޯއެއްްގައި ވަނީ، ކާތަކެއްޗަށް ބޭސް ގުޅަތައް އެއްކުރި ކަމަށް މީހަކު އިއުތިރާފުވާ މަންޒަރު ދައްކާފަ އެވެ.
ނަމަވެސް އެމީހާ އެގޮތަށް އިއުތިރާފު ކުރަނީ ބަޔަކު އޭނާ ހިފަހައްޓައި މަޖުބޫރު ކުރުމުން ކަން ވީޑިއޯއިން އެނގޭ ކަމަށް ނޫހުން އޭރު ބުންޏެވެ.
ގިނަ އަދަދެއްގެ ދިވެހިން އުޅޭ ސްރީ ލަންކާގައި ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކުރިއިރު ރާއްޖޭގައި އޮތީ އިމަޖެންސީ އިއުލާންކޮށްފައެވެ.