އަހުމަދު ރިލްވާން

ރިލްވާންގެ ޝަރީއަތް ކެންސަލްވާތާ ދެ ދުވަސް!

ދައުލަތުގެ ފަރާތުން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލާގައި ހުށަހަޅާފައިވާ ހެކިން ޝަރީއަތަށް ހާޒިރު ނުކުރެވިގެން ބާރު ސްޕީޑްގައި ކުރިއަށް ގެންދަން މަސައްކަތް ކުރަމުންދާ އެ ޝަރީއަތަށް ހުރަސް އެޅިއްޖެ އެވެ.

ރިލްވާން ފޮރުވި މައްސަލާގައި ދައުލަތުން ދައުވާކުރާ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވެފައިވާ ގޮތުގައި މައްސަލަ އަވަހަށް ކުރިއަށް ގެންގޮސް ނިންމާލަން ބޭނުންވެ އެވެ. އެހެންވެ ޖެހިޖެހިގެން ކޮންމެ ދުވަހަކަށް މައްސަލާގެ އަޑުއެހުންތައް ތާވަލުކުރާތާ ވަނީ ތިން ހަފުތާވެފަ އެވެ.

އެއީ ދައުލަތުން ހުށަހަޅާފައިވާ 29 ހެއްކާއި ދިފާއީ ހެކިންގެ ހެކި ބަސް ނެގުމަށެވެ. ނަމަވެސް މިހާތަނަށް ހެކި ބަސް ނެގިފައިވަނީ އާއިލީ އަށް މީހުންނާއި ސިއްރު ފަސް ހެކިވެރިޔެއްގެ ހެކި ބަހާއި ފާޅުގައި ހެކިބަސް ދިން ތިން މީހެއްގެ ހެކި ބަހެވެ.

އިއްޔެ އާއި މިއަދަށް ތާވަލުކުރި އަޑުއެހުން ވެސް ކެންސަލްކޮށްފަ އެވެ. އަޑުއެހުންތައް ތާވަލުކުރި ސަބަބެއް ރަސްމީކޮށް އަންގާފައެއް ނުވެ އެވެ. ނަމަވެސް ހެކިން ހާޒިރުނުކުރެވުން ނޫން ސަބަބެއް އަޑުއެހުންތައް ކެންސަލްކުރުމަށް ނެތެވެ.

ގާޒީ އާދަމް އާރިފް ވަނީ ހެކިން ހާޒިރުކުރުމަށް ދައުލަތަށް މިހާރު ވެސް އެކަށީގެންވާ ގިނަ ވަގުތުތަކެއް ދެވިފަކަން ފާހަގަކުރައްވާ ވީއެންމެ އަވަހަކަށް ހެކިން ހާޒިރުކޮށްދޭން އެދިވަޑައިގެންފަ އެވެ. ކޮންމެ ދުވަހަކު ވެސް އަޑުއެހުން ތާވަލުކުރަނީ މެންދުރުފަހު 3:00 ން ރޭގަނޑުގެ 10:00 އާ ހަމައަށެވެ. އެހާ ދިގުކޮށް އަޑުއެހުމަށް ވަގުތު ކަނޑައަޅާ ނަމަވެސް އަޑުއެހުންތައް އާންމުކޮށް 6:00 ހާއިރު ނިމެ އެވެ. އެއީ ކޮންމެ ދުވަހަކު ވެސް ހާޒިރުކުރެވެނީ މަދު ހެކިންނަށްވާތީ އެވެ.

ހެކިން ހާޒިރުކުރުމަށް ގިނަ ވަގުތުތަކެއް ދީފައިވާއިރު ވެސް ހެކިން ހާޒިރު ނުކުރެވޭތީ އެކަމުގައި ގޮތްތަކެއް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވެފައިވެ އެވެ. ކުރިމިނަލް ކޯޓުން ވަނީ މާދަމާ އަދި އޭގެ އަނެއް ދުވަހަށް ވެސް އަޑުއެހުން ތާވަލުކޮށްފަ އެވެ.