ހަބަރު

އަގު ހެޔޮ ކަރަންޓު ބިލް ލިބޭނީ މިމަހު: ފެނަކަ

ކަރަންޓާއި ފެނުގެ ހިދުމަތުގެ އަގުތަކުގައި ހުރި ފަރަގު ނައްތާލައި މާލެއާއި އަތޮޅުތަކުގެ ތެރޭގައި އެއް އަގެއްގައި ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ލިބޭ އަގުހެޔޮ ކަރަންޓު ބިލް މިމަހު ފެންނާނެ ކަމަށް ފެނަކައިން ބުނެފި އެވެ.

ކަރަންޓުގެ އަގަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާނީ މާޗް މަހުން ފެށިގެންނެވެ. މާޗް މަހުން ފެށިގެން ޔުނިޓަކަށް ޗާޖުކުރާނީ 1.5 ރ. އެވެ. 2016 އިން ފެށިގެން މިހާތަނަށް ޔުނިޓަކަށް ޗާޖުކުރީ 3 ރ. އެވެ.

ފެނަކައިން މިއަދު ބުނީ ކަރަންޓު އަގުހެޔޮ ކުރިކަން ސަރުކާރުން އިއުލާންކުރި ނަމަވެސް އެ ބަދަލު ފެބްރުއަރީ މަހު އަތަށް ލިބުނު ބިލުން ފެންނަން ނެތް ކަމަށް ބުނެ ވަރަށް ގިނަ ކަސްޓަމަރުން ފެނަކައަށް ޝަކުވާ ހުށަހަޅާ ކަމަށެވެ. ނަމަވެސް ކަރަންޓު އަގުހެޔޮ ކުރަން ސަރުކާރުން ނިންމި ނިންމުމަށް އަމަލުކުރަން ފަށާނީ މިމަހުން ފެށިގެން ކަމަށް ވާތީ އަންނަ އޭޕްރިލް މަހު ލިބޭ މިމަހުގެ ބިލުން އެ ބަދަލު ފެންނާނެ ކަމަށެވެ.

މާޗް މަހުން ފެށިގެން ޔުނިޓަކަށް ކުރިން ޗާޖްކުރަމުން ދިޔަ 3 ރ. 1.50 ރުފިޔާ އަށް ބަދަލުކޮށްފައިވާކަން އެ ކުންފުނިން މިއަދު ވަނީ ހާމަކޮށްފަ އެވެ.

ކަރަންޓަށް ގެނައި ބަދަލު

  • 1-100 - 1.5 ރ
  • 100-200 - 1.70 ރ
  • 201-300 - 2.40 ރ
  • 301 -400 - 2.50 ރ
  • 400-500 - 4.50 ރ
  • 600 ޔުނިޓުން މަތި 5.50 ރ

ފެނަކައިން ބުނީ މާޗް، އޭޕްރިލް އަދި މޭ މަހަކީ އާންމުކޮށް ކަރަންޓުގެ ހަރަދު ބޮޑު މަސްތަކެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު މި ތިން މަހުގައި ވެސް ބިލުތަކުން ވަރަށް ބޮޑު ތަން ހެޔޮވެގެންދާނެ ކަމަށެވެ.

މާޗް މަހު ކަރަންޓަށް ގެންނަ ބަދަލާ އެކު 100 ޔުނިޓާ ހަމައަށް އަރާ މީހެއްގެ ބިލުން 70 ރުފިޔާގެ ކުޑަވުމެއް އަންނަ އިރު، 200 ޔުނިޓާ 300 އާ ދެމެދަށް ކަރަންޓު ބޭނުންކުރާ މީހުންގެ ބިލުން 275 ރުފިޔާ، އަދި 400 އިން 500 ޔުނިޓާ ދެމެދަށް ބޭނުންކުރާ ފަރާތްތަކުގެ ބިލުން 275 ރުފިޔާ ކުޑަވާނެ ކަމަށް ފެނަކައިން ބުންނެވެ.

ކަރަންޓުގެ އަގަށް މާޗް މަހުން ފެށިގެން ހެޔޮ ބަދަލު ގެންނަ އިރު ފެނުގެ އަގު ޖެނުއަރީ މަހުން ފެށިގެން ހެޔޮކޮށްފައިވާ ކަމަށް ފެނަކައިން ބުންޏެވެ.