ހަބަރު

ޝަރީފަކީ ސިޔާސީ ބޭފުޅެއް، އީސީ މިނިވަނެއް ނުވާނެ: އިދިކޮޅު

އިލެކްޝަން ކޮމިޝަން (އީސީ)އަށް މިއަދު އައްޔަންކޮށް، އެ ކޮމިޝަންގެ އާ ރައީސް ކަމަށް ވެސް ހަމަޖައްސާފައިވާ އަހުމަދު ޝަރީފް އާދަމްގެ ސަބަބުން އީސީ މިނިވަނެއް ނުވާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލީހުގެ މެންބަރު އަލީ ޝާހު ވިދާޅުވީ އީސީގެ މެންބަރަކަށް ބޭފުޅަކު އައްޔަންކުރި ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ މަޖިލީހުގެ ބައެއް މެންބަރުން ޖަލުގައި ބަހައްޓައިގެންނާއި 12 މެންބަރުންނަށް މަޖިލީހަށް ވަނަނުދީ ހިފަހައްޓައިގެން މަޖިލީސް ހިނގައިގެން ވާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާތީ ކަމަށެވެ.

އުސޫލުތަކުން ބޭރުން އީސީގެ މެންބަރު ކަމަށް ޝަރީފް އައްޔަން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެގޮތުން ނަޒާހަތްތެރިކަމަށް ބެލުމެއް ނެތި އީސީގެ ރައީސް ކަމަށް ހޮވި ޝަރީފްއަކީ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅެއް ކަމަށް ޝާހު ވިދާޅުވި އެވެ. އަދި އެފަދަ ބޭފުޅަކަށް މިނިވަންކަމާއެކު ޒިންމާތައް އަދާ ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުން މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމުގައި ބަލަން ޖެހޭ އެ މެންބަރުންގެ ނަޒާހަތްތެރިކަން، އެ މެންބަރުންގެ ޕްރޮފެޝިނަލްކަމާއި ކޮލަޓީ އަދި ޝަރުތުތައް، ނަމަވެސް އެ ހުރިހާ ކަމެއް ބާއްވާފައި އައްޔަން ކުރެއްވީ ވަކި ސިޔާސީ ޕާޓީއެއްގެ ޕޯޑިއަމްތަކުގައި އާއި ކެމްޕެއިން ބެނާތަކުގެ ފަހަތުގައި އިއްޔެއާ ޖެހެންދެއް މަސައްކަތް ކުރެއްވި މީހަކު،" ޝާހު ވިދާޅުވި އެވެ. "ޝަރީފްއަކީ ސިޔާސީ ބޭފުޅެއް، އެކަން ރާއްޖޭގެ ހުރިހާ އެންމެނަށް އެނގޭ، އޭނާ ސިޔާަސީ މަގާމުތަކުގައި ހުންނެވުން މައްސަލައެއް ނެތް، އެހެން ނަމަވެސް އީސީގައި ފަދަ މުއައްސަސާއެއްގައި ޝަރީފް ފަދަ ބޭފުޅަކު ހުރުމަކީ ކަންބޮޑުވާ ކަމެއް،"

ޝާހު ވިދާޅުވީ މިހާރު އޮތް ހަލަތުގައި ބާއްވައިގެން މަޖިލީހުގައި ފާސް ކުރެވޭ އެއްވެސް ގާނޫނެއް ނުވަތަ މަގާމަކަށް ބޭފުޅަކު އައްޔަން ކުރާ ބޭފުޅުން ސައްހައެއް ނުވާނެ ކަމަށެވެ. އަދި އިސްލާހީ މަސައްކަތުގެ ތެރެއިން ކަންކަން ރަނގަޅު ކުރެވިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝަރީފް މިއަދު ވިދާޅުވީ އީސީގެ ތެރޭގައި ވަކި މީހެއްގެ ބާރެއް ނޯންނާނެ ކަމަށާއި ނިންމުންތައް ނިންމާނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށެވެ. އަދި އީސީގެ ރައީސް ކަމުގެ މަގާމު އަދާކުރުމުގައި ވަކި ކޮޅަކަށް ނުޖެހޭނެ ކަމަށާއި އެ މަސައްކަތް ކުރައްވާނީ އެއްވެސް ނުފޫޒެއްނެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.