މަޝްހޫރު ޝަހުސިއްތަޔަތުންގެ ހަޔާތުގެ މައްޗަށް ފިލްމު ހެދުން ނުވަތަ ބަޔޮޕިކް ފިލްމުތައް ތައްޔާރު ކުރުމަކީ މިހާރު ބޮލީވުޑްގައި ވަރަށް އާންމުވެފައިވާ އަދި ވަރަށް ކާމިޔާބުވެސް ކަމަކަށް ވަނީ ވެފައެވެ.
މިހާރު ބޮލީވުޑްގައި އެންމެ ގަދަޔަކަށް ވާހަކަ ދެކެވޭ ބަޔޮޕިކް ފިލްމުތަކުގެ ތެރޭގައި ރާޖްކުމާރު ހިރާނީ ފެނިގެންދާ މަޝްހޫރު ފިލްމީ ތަރި ސަންޖޭ ދަތްގެ ބަޔޮޕިކާއި ރިތިކް ރޯޝަން ފެނިގެންދާ މަޝްހޫރު ހިސާބު އިލްމުވެރިޔާ އަނަންދު ކުމާރްގެ ބަޔޮޕިކް ފިލްމު ހިމެނެ އެވެ.
މި ދެ ބަޔޮޕިކްގެ އިތުރަށް އެންމެ ގަދައަށް ވާހަކަ ދެކެވެނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ބަޔޮޕިކްގެ ވާހަކަ އެވެ. އެ ފިލްމުގައި މޯދީގެ ރޯލުން ފެނިގެންދާނެ އެކްޓާ މިހާރު ވަނީ ކަށަވަރުވެފަ އެވެ. ބޮންބޭ ޓައިމްސްގައި ރިޕޯޓުކޮށްފައިވާ ގޮތުން މޯދީގެ ރޯލުން ފެނިގެންދާނީ ކުރީގެ މަޝްހޫރު އެކްޓާ އަދި މިހާރު ސިޔާސީ ދާއިރާގައި ވެސް މަސައްކަތްކުރާ ޝަތްރުގާން ސިންހާ އެވެ.
އިނގެރޭސިވިލާތުގެ ނޫހެއް ކަމަށްވާ ބްރިޓިޝް އޭޝިއަން ވޮއިސް ވީކްލީ އިން އިންތިޒާމްކޮށްގެން ކޮންމެ އަަހަރަކު ބާއްވަމުން އަންނަ "ޕޮލިޓިކަލް އެންޑް ޕަބްލިކް ލައިފް އެވޯޑްސް" ގެ މިއަހަރުގެ އެވޯޑް ހަފުލާގައި އޭނާއަށް ވަނީ ސިޔާސީ ދާއިރާ އާއި ފަންނުވެރިކަމުގެ ދާއިރާއަށް ހިދުމަތްކުރުމުގެ ރޮގުން ލައިފްޓައިމް އެޗީވްމަންޓްސް އެވޯޑު ލިބިފަ އެވެ.
އެވޯޑާ ހަވާލުވުމަށްފަހު ޝަތްރުގާން ބުނީ "ބޮޑު ވަޒީރް މޯދީއަކީ އަހަރެމެންނަށް ލާމަސީލު ބޭފުޅެއް. އޭނާގެ ރޯލު ކުޅެން ބޭނުން ނުވާނީ ކާކު؟ އަހަރެން މިހުރީ އެ ރޯލަށް އިންސާފުކުރުމަށް ތައްޔާރަށް." މިހެންނެވެ.
ބޮންބޭ ޓައިމްސް އިން އިތުރަށް ރިޕޯޓުކުރި ގޮތުގައި އެ ފިލްމު ޕްރޮޑިއުސްކުރާނީ ޝީތަލް ތަލްވާރް އަދި ފިލްމު ޑައިރެކްޓުކުރާނީ ޝީތަލްގެ އަންހެނުން ބާވްނާ ތަލްވާރް އެވެ.
ސަތްރުގާން، ނަރެންދުރަ މޯދީގެ ރޯލުން ފެނިގެންދާނެ ކަމަށް ބުނެފައިވާއިރު މީގެ ހަފްތާއެއްގެ ކުރިން މަޝްހޫރު ބޮލީވުޑް އެކްޓާ ޕަރޭޝް ރަވަލް ވެސް ވަނީ ނަރެންދުރަ މޯދީގެ ބަޔޮޕިކް ފިލްމެއް ހަދަން އުޅޭކަމަށް ބުނެފަަ އެވެ. އެ ފިލްމުގެ ސްކްރިޕްޓުވެސް މިހާރު ތައްޔާރުވެފައި އޮތްކަމަށް އޭނާ ބުނެފައިވެ އެވެ.
"ހަމައެކަނި އަހަންނަށް މޯދީގެ ރޯލު ކުޅެވޭނީ. ސަބަބަކީ އަހަރެންނަކީ އޭނާދެކެ ވަރަށް ލޯބިވާ މީހަކަށްވެފައި އަހަންނަށް މޯދީ އާއި ބެހޭގޮތުން އެތަށް މައުލޫމާތެެއް އިނގޭތީ." ކުރިއަށް އޮތް ސަންޖޭ ދަތުގެ ބަޔޮޕިކް ފިލްމުގައި ސުނީލް ދަތްގެ ރޯލުން ފެނިގެންދާ އެކްޓާ ބުންޏެވެ.