އިލެކްޝަންސް ކޮމިޝަން

ދެން ވެސް ޔާމީން!

"ދެން ވެސް ޔާމީން" މިއީ އިލެކްޝަން ކޮމިޝަންގެ އާ ރައީސް އަހުމަދު ޝަރީފް އާދަމްގެ އެ މަގާމަށް ވަޑައިގެންނެވިއިރު ވެސް އޭނާގެ ވައިބާގެ ފޮޓޯއަށް ލާފައިވާ ފޮޓޯގައި ލިޔެފައިވާ ލިޔުމެވެ. އޭނާއަކީ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ. ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިހާބު ކުރުމަށް ބޭނުންފުޅުވި، ބޭފުޅެކެވެ. މިހާރު ގޮތެއް ނޭނގެ އެވެ. މިހާރު އޭނާއަކީ މިނިވަން މުއައްސަސާއެއް ކަމަށްވާ އީސީގެ ރައީސެވެ. އިންތިހާބުތައް ބޭއްވުމާއި ރޭވުމުގެ އެންމެ އިސްވެރިޔާ އެވެ.

ފެނަކައިގެ އެމްޑީއަކަށް ޝަރީފު ހުންނެވި އިރު ޕީޕީއެމަށް މެންބަރުން އިތުރު ކުރަން ޝަރީފު ވަރަށް މަސައްކަތް ކުރެއްވި އެވެ. ޓީޝާޓްގައި "ރައީސް ޔާމީން 2018" ޖައްސަވައިގެން ގޭގެއަށް ވަޑައިގެންނެވި އެވެ. "ރައީސް ޔާމީން 2018" ކެމްޕޭން ޖަލްސާތަަކުގައި ވާހަކަފުޅު ދެއްކެވި އެވެ. އެކަމުގައި އެއްވެސް ގޯހެއް ނެތެވެ. އެއީ އެއްވެސް މައްސަލައެއް ވެސް ނޫނެވެ.

އެކަމަކު އެކަންކަން ކުރެއްވުމަށްފަހު ކުއްލިއަކަށް މިނިވަން މުއައްސަސާއެއްގެ ވެރިޔަކަށްވަޑައިގެންނެވުމަކީ ގިނަ ބަޔަކަށް ބަލައިގަންނަން ފަސޭހަ ވާނެ ހެއްޔެވެ؟ ދެވަނަ ދައުރަކަށް ރައީސް ޔާމީން ހޮވަން ގަދަ އަޅާ މަސައްކަތް ކުރެއްވި ބޭފުޅަކު ރައީސް ޔާމީން ވާދަ ކުރައްވާނެ އެ އިންތިހާބު ބާއްވާ އޭގެ ހުރިހާ ކަމެއްގެ ވެރިޔާއަށް ވުމުން "ހަޖަމުކޮށްލާނީ" ކިހިނެއް ހެއްޔެވެ؟ އިންސާފުވެރިވާނެ ހެއްޔެވެ؟ އިތުބާރު ކުރެވޭނެ ހެއްޔެވެ؟

މީގެ ކުރިންވެސް އީސީގެ ކޮންޕޮޒިޝަން އަންނަނީ އެގޮތަށެވެ. ޒަމާނުއްސުރެ އެތަނުގެ ތެރެއިން އައި ގިނަ ބޭފުޅުން ވެސް ސިޔާސީވި އެވެ. އަލަށް ލަނީ ވެސް މުޅީން ސިޔާސީ ބޭފުޅުންނެވެ. އެކަމަކު އިރެއްގައި އޮތް ގޮތަކަށް މިހާރު ކަންކަން ވާކަށް ލާޒިމެއް ވެސް ނޫނެވެ.

"މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމުގައި ބަލަން ޖެހޭ އެ މެންބަރުންގެ ނަޒާހަތްތެރިކަން، އެ މެންބަރުންގެ ޕްރޮފެޝެނަލްކަމާއި ކޮލަޓީ އަދި ޝަރުތުތައް، ނަމަވެސް އެ ހުރިހާ ކަމެއް ބާއްވާފައި އައްޔަން ކުރެއްވީ ވަކި ސިޔާސީ ޕާޓީއެއްގެ ޕޯޑިއަމްތަކުގައި އާއި ކެމްޕެއިން ބެނާތަކުގެ ފަހަތުގައި އިއްޔެއާ ޖެހެންދެއް މަސައްކަތް ކުރެއްވި ބޭފުޅެއް، ޝަރީފަކީ ސިޔާސީ ބޭފުޅެއް، އެކަން ރާއްޖޭގެ ހުރިހާ އެންމެނަށް އެނގޭ، އޭނާ ސިޔާސީ މަގާމުތަކުގައި ހުންނެވުން މައްސަލައެއް ނެތް، އެހެން ނަމަވެސް އީސީގައި ފަދަ މުއައްސަސާއެއްގައި ޝަރީފު ފަދަ ބޭފުޅަކު ހުރުމަކީ ކަންބޮޑުވާ ކަމެއް،" ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލީހުގެ މެންބަރު އަލީ ޝާހު ވިދާޅުވި އެވެ.

މިއީ ޝާހުގެ އެކަނި ހިޔާލެއް ނޫނެވެ. މިއަށް ތާއީދުކުރާ އެނޫން މީހުން ވެސް އެ ތިއްބެވެ. އެކަމާ ގުޅިގެން ޝަރީފު ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ. އެ ޝަކުވާ ބޮޑުވާނެކަން އޭނާ ވެސް ގަބޫލުކުރައްވަ އެވެ. އެކަމަކު ޝަރީފު ވިދާޅުވަނީ އިންސާފުވެރިވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އީސީގެ ރައީސެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާއިރު، މީގެ ކުރިން މަސައްކަތް ކޮށްފައިވާ ދާއިރާ އަކުން ނުވަތަ ފިކުރެއްގެ ސަބަބުން އޭނާގެ މަސައްކަތްތަކަށް އެއްވެސް ނުފޫޒެއް ނެތެވެ. އަބަދުވެސް މަސައްކަތް ކުރައްވާނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިނެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އިސީއަށް ވަކި މީހެއްގެ ބާރެއް ނޯންނާނެ އެވެ. އެ ކޮމިޝަނަކީ ފަސް މެންބަރުންގެ ބާރު ނުވަތަ މެޖޯރިޓީގެ ބާރު އޮންނަ ތަނެކެވެ. އަދި ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒު ކުރާނީ ކޮމިޝަނުގެ މެޖޯރިޓީއާއެކު އެވެ.

ޕާޓީ ކުލަ ނުޖެހޭ ބޭފުޅެއް ނެތީތަ؟

ޝަރީފުގެ ތައުލީމާއި ގާބިލްކަމާއި އޭނާގެ ތަޖުރިބާ އާއި މެޗްއާރިޓީއާ މެދު އެއްވެސް ސުވާލެއް ނެތެވެ. އެކަމަކު ނުފޫޒެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން ގަބޫލުކުރަން އާންމުން މީހާއަށް ދަތިވާނެ އެވެ. އެހެންވީމާ ޕާޓީ ކުލަ ނުޖެހޭ މިނިވަން ބޭފުޅަކު ނެތީ ހެއްޔެވެ؟

ރާއްޖޭއަކީ ތައުލީމީ ބޭފުޅުން ވަރަށް ގިނަ ގައުމެކެވެ. ސިޔާސީ މައިދާނުގައި ނޫޅުއްވާވެސް ވަރަށް ގާބިލް ބޭފުޅުން އެބަ ތިއްބެވި އެވެ. މިނިވަން މުއައްސަސާއަކަށް ގާބިލު ވަރަށް ގިނަ ބޭފުޅުން އެބަ ތިއްބެވި އެވެ. އެފަދަ ބޭފުޅެއްގެ ނަމެއް މަޖިލީހަކަށް ނުފޮނުވަ އެވެ. މަޖިލީހާ ހަމައަށް ދިޔައީ ޝަރީފުގެ ނަމެވެ. އޭގެ އަނެއްކޮޅަށް އެކަމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންނަކީ ކޮބައި ކަމެއްވެސް ނޭނގެ އެވެ.