ލޯކަލް ކަައުންސިލްތަކުގެ އިންތިހާބަކީ މީގެ އަހަރު ދުވަސް ކުރިން އޭޕްރީލް 4، 2020 ގައި ބޭއްވުމަށް ނިންމި އިންތިހާބެކެވެ. ކޮވިޑްގެ ބަލާއާފާތާއި ގުޅިގެން އިންތިހާބު ފަސް ކުރަމުން ގޮސް އަހަރު ދުވަސް ފަސްވީއެވެ. އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށް ނިންމާފައިވާއިރު އިންތިހާބުގެ ވޯޓް ނަގަން ފެށެން އޮތީ ދެ ދުވަހެވެ. މިއީ އިދާރީ ގޮތުން އެންމެ ބުރަ އަދި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިހާބަށްވުމުން އިންތިހާބުގެ ތައްޔާރީތަކަކީ ބުރަ މަސައްކަތެކެވެ. ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންްގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު ވޯޓް ނަގަން ފަށާއިރު އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަނީ ނިމުމަކާ ގާތުގައެވެ.
ކޮވިޑްގެ ބަލިމަޑުކަމުގައި ވަނިކޮށް ކައުންސިލް އިންތިހާބު ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަނުން ބޭނުންވި ގޮތެއް ނޫނެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުން ބޭނުންވީ އިންތިހާބު ދެން އިތުރަށް ފަސް ނުކުރާށެވެ. ކޮމިޝަނުން އިންތިހާބު ފަސްކުރަން އަލުން މަޖިލީހަށް ހުށައެޅުމުގެ ވިސްނުން ގެންގުޅުނު ނަމަވެސް ޕާޓީތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެެސް ސީދާ ދެކޮޅު ހެއްދެވުމުން އެ މަސައްކަތް ހުއްޓާލާ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް ނިންމާލީއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި ފުއާދު ތައުފީގު ވިދާޅުވި ގޮތުގައި ގޮންޖެހުންތަކާއެކުވެސް އިންތިހާބަށް އެ ކޮމިޝަން އޮތީ ފުރިހަމައަށް ތައްޔާރަށެވެ. ބަލިމަޑުކަމުގެ ހާލަތުގައި އިންތިހާބެއް ބޭއްވުމަކީ ދަތި އަދި ތުރާބޮޑު ކަމަކަށްވީނަމަވެސް އިންތިހާބަށް އެންމެ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ.
އިންތިހާބަށް ބޭނުންވާ ވޯޓް ކަރުދަހާއި ވޯޓް ފޮށިތައް އެންމެ އަތޮޅަކަށް ނޫނީ ހުރިހާ އަތޮޅަކަށް އިއްޔެ ވަނީ ފޮނުވާފައެވެ. ރަށްރަށަށް ފޮނުވަން ޖެހޭ އޮފިޝަލުންވެސް މިހާރު ވަނީ ފޮނުވާފައެވެ. ވޯޓް ކަރުދާހާއި ވޯޓްފޮށިތައް ނުފޮނުވި ވަނީ ގދ އަތޮޅަށް އެކަންޏެވެ. ނަމަވެސް އެ އަތޮޅުގެ ރަށްތަކަށް މިއަދު އެތަކެތި ފޮނުވާފައެވެ. އަދި އޮފިޝަލުންވެސް ފޮނުވާ ނިމޭނެއެވެ.
މިފަހަރުގެ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ފަސް ވޯޓް ފޮށި ބަހައްޓާނެ އެވެ. އެއީ ދިވެހީންގެ 15،000 ވުރެ ބޮޑު އާބާދީއެއް އޮތް ސްރީލަންކާ އާއި އިންޑިއާގައެވެ. ލަންކާގައި ހަތަރު ފޮށި އަދި އިންޑިއާގައި ފޮއްޓެކެވެ. އިންތިހާބުގައި ލަންކާގައި ބަހައްޓާ ވޯޓްފޮށިތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ޓީމު އިއްޔެ ވަނީ ފުރާފައެވެ. އިންޑިއާއަށްދާ އޮފިޝަލުންވެސް މިއަދު ފުރާނެ އެވެ. އެހެންވީމަ އިދާރީގޮތުން ކުރަން ޖެހޭ މަަސައްކަތްތަކުގެ ވަރަށް ގިނަ މަސައްކަތް މިއަދުގެ ނިޔަލަށް މުޅީން ނިންމާލެވޭނެ އެވެ.
"އަޅުގަނޑުމެންނަށް މިވަގުތާ ހަމައަށް ވޯޓް ފޮއްޓާއި ވޯޓް ކަރުދާސް އަދި އޮފިޝަލުން ނުފޮނުވި ވަނީ ގދ އަތޮޅާއި އިންޑިއާއަށް. ނަމަވެސް މިއަދު އެ މަސައްކަތްތައްވެސް ނިންމާލެވޭނެ. އެހެންވީމަ އިންތިހާބަށް އަޅުގަނޑުމެން މި ތިބީ އިރާދަކުރެެއްވިޔާ ފްލީ ރެޑީގައި،" ފުއާދު ވިދާޅުވިއެވެ.
ގޮންޖެހުން ބޮޑު، މަސައްކަތް ބުރަ
މި ފަހަރުގެ ކައުންސިލް އިންތިހާބަކީ އިލެކްޝަންސް ކޮމިޝަނަށް އެންމެ ގޮންޖެހުން ބޮޑު އަދި ކުރަން ޖެހޭ މަސައްކަތް އެންމެ ބުރަ އިންތިހާބެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު އިންތިހާބު ބޭއްވުން ވާނީ ވަރަށް ތުރާބޮޑު ދަތި ކަމަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ތަކުރާރުކޮށް ބުނެފައެވެ. އެކަމުގެ ކަންބޮޑުވުންވެސް އެ ކޮމިޝަނުން ގެންދިޔައީ ފާޅު ކުރަމުންނެވެ.
ނަމަވެސް އިންތިހާބުގެ ކުރިން ވަރަށް ގިނަ ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ. އެއީ އިންތިހާބުގެ މަސައްކަތަށް ލިބުނު ކޮންމެވެސް ވަރެއްގެ ލުޔެކެވެ. ނަމަވެސް ރާއްޖޭގައި އަދިވެސް ކޮވިޑްގެ ހާލަތު ގޯސްވުމާއި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ މިހާރު ހުރި ފިޔަވަޅުތައް ދެން ލުޔެއް ނުކުރާނެ އެވެ. އެހެންވީމަ އިންތިހާބު ބާއްވަން ޖެހޭނީ މިހާރު ހުރި ފިޔަވަޅުތަކާ އެކުގައެވެ.
ބަލިމަޑުކަން އޮތުމުން ވޯޓް ފޮށީގެ އަދަދު އިތުރުކުރަން ޖެހިފައިވެއެވެ. އެކަމާއި ގުޅިގެން ވޯޓްލާ މަރުކަޒުތައް އިތުރުކުރަން ޖެހެއެވެ. ހާއްސަކޮށް މާލެ ސިޓީގައެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މާލޭގައި ތިން ސަރަހައްދެއްގައި ޓެންޓްތައް ޖަހާ ވޯޓިން މަރުކަޒުތައް ގާއިމު ކުރަން ނިންމާފައެވެ. އެ މަަސައްކަތް ވީ ކޮމިޝަނުން އުންމީދުހާ ފަސޭހަ ކަމަކަށް ނޫނެވެ.
ކޮމިޝަނުން އުންމީދު ކޮށްގެން ތިބީ ހެންވޭރު ބޯޅަ ދަނޑާއި ޓާފް ދަނޑުގައި ވޯޓިން މަރުކަޒުތައް ގާއިމުކުރަން އެ ދެތަން ލިބޭނެ ކަމަށެވެ. ނަމަވެސް ކޮމިޝަނަށް އެކަން ކާމިޔާބެއް ނުވިއެވެ. އެހެންވީމަ މިހާރު ނިންމާފައިވަނީ މިފްކޯ ކުރިމަތީ އޮތް ޔޫތު މިނިސްޓްރީގެ ބިމުގަ އާއި ކުރީގެ ދަރުމަވަންތަ ގޯތިތެރޭގައި އަދި ކާނިވާ ސްޓޭޖް ކުރިމަތީ ޓެންޓް ޖަހާށެވެ. އެ ގޮތުން ޔޫތު މިނިސްޓްރީގެ ބިމުގައި 30 މަރުކަޒު އަދި ކުރީގެ ދަރުމަންތަ އާއި ކާނިވާ ސްޓޭޖް ކުރިމަތީ ކޮންމެ ތަނެއްގައި ފަސް މަރުކަޒު ގާއިމު ކުރާނެ އެވެ.
އަޅުގަނޑުމެންނަށް މިވަގުތާ ހަމައަށް ވޯޓް ފޮއްޓާއި ވޯޓް ކަރުދާސް އަދި އޮފިޝަލުން ނުފޮނުވި ވަނީ ގދ އަތޮޅާއި އިންޑިއާއަށް. ނަމަވެސް މިއަދު އެ މަސައްކަތްތައްވެސް ނިންމާލެވޭނެ. އެހެންވީމަ އިންތިހާބަށް އަޅުގަނޑުމެން މި ތިބީ އިރާދަކުރެެއްވިޔާ ފްލީ ރެޑީގައިފުއާދު ތައުފީގު | އިލެކްޝަންސް ކޮމިޝަންގެ ރައީސް
ފުއާދު ވިދާޅުވި ގޮތުގައި ޔޫތު މިނިސްޓްރީގެ ބިން ހަމަޖެހުނު ނަމަވެސް އޭރު އެތަން އޮތީ ކުނިގޮނޑަކަށް ވެފައެވެ. އެހެން ކަމުން އެތަނުގައި ވޯޓިން މަރުކަޒުތައް ގާއިމުކުރުމަށް މުޅި ސަރަހައްދު އެެއްކޮށް ސާފުކޮށް ބިން އެއްވަރު ކުރުމުގެ ބުރަ މަސައްކަތް ކުރަން ޖެހުނެވެ. އެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލާފައެވެ.
"އަޅުގަނޑުމެންނަށް ކުރީން ވިސްނިފައިވެސް ނެތް މިވަރުގެ މަސައްކަތެއް ކުރަން ޖެހިދާނެ ކަމަށް. އެހެންވީމަ އެއީ ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް،"
މީގެ އިތުރުން ރަށްރަށަށް އޮފިޝަލުން ހަމަޖެއްސުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ލަންކާއަށް ފޮނުވަން ފުރަތަމަ ނިންމި ޓީމުން ހަތަރު އޮފިޝަލަކަށް އެކި ސަބަބުތަކާއި ގުޅިގެން ދަތުރު ކުރެވޭ ގޮތެއް ނުވިއެވެ. އަދި މިހާރު ކޮވިޑްގެ ހާލަތު އެންމެ ގޯސް ހަތަރު ރަށް ކަމަށްވާ ޅ. ނައިފަރު އާއި ހިންނަވަރު އަދި ކ. ތުލުސްދޫ އާއި ހުރާއަށް ޓްރެއިން ކުރި ބައެއް އޮފިޝަލުންނަށް އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި ބައިވެރިނުވެވި އިތުރު އޮފިޝަލުން ހަމަޖައްސަން ޖެހުނެވެ.
އޮފިޝަލުން ހަމަ، ޓްރެއިން ކުރިއަށް
އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިގެންއިރު ކޮމިޝަންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ މިފަހަރުގެ އިންތިހާބަށް ބޭނުންވާ އަދަދަށް އޮފިޝަލް ނުލިބިދާނެތީ އެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެންމެ އުނދަގޫވީ އޮފިޝަލުން ހަމަ ކުރުމަށެވެ. ހާއްސަކޮށް މާލޭގައި ހަރަކާތްތެރިވާން ޖެހޭ އޮފިޝަލުންނެވެ. އޮފިޝަލުން ނުލިބި އެކަންބޮޑުވުން ކޮމިޝަނުން ވަރަށް ބޮޑަށް ފާޅުކުރިއެވެ. އަދި އޮފިޝަލުން ބޭނުން ވެގެން ކިތަންމެ ފަހަރަކު އިއުލާނު ކުރަން ޖެހުނެވެ.
ނަމަވެސް އިއްޔެގެ ނިޔަލަށް މިހާރު ވަނީ އިންތިހާބަށް ބޭނުންވާ އަދަދަށް އޮފިޝަލުން ލިބޭނެކަން ޔަގީން ކުރެވިފައެވެ. މާލެ ސަރަހައްދުގައި ހަރަކާތްތެރި ހުރިހާ އޮފިޝަލުން ވަނީ ހަމަކުރެވިފައެވެ. އަދި އެ އޮފިޝަލުންގެ ޓްރެއިންތައް މިހާރު ވަނީ ފެށިފައެވެ. އެ މަސައްކަތްވެސް އޮތީ ނިމުމަކާ ހަމައިގައެވެ.
"އިރާދަކުރެއްވިއްޔާ މާލޭގައި ބޭނުންވާ އަދަދަށް އޮފިޝަލުން މިހާރު ހަމަވެއްޖެ. އަދި ރިސޯޓްތަކަށް ފޮނުވަން ޖެހޭ އޮފިޝަލުން ކަނޑައެޅި ޓްރެއިންތައް މިހާރު ވަނީ ފެށިފައި. އަދި މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ހުރިހާ އޮފިޝަލުނަށްވެސް އިންތިހާބުގެ ކުރިން ޓްރެއިން ހިންގާ ނިމޭނެ،" ފުއާދު ވިދާޅުވިއެވެ.
މިވަގުތު އޮފިޝަލުންގެ ކަންކަން މުޅީން ނުނިމި އޮތީ ކޮވިޑްގެ ހާލަތު އެންމެ ގޯސް ހަތަރު ރަށުގައެވެ. ޅ އަތޮޅުގެ ދެ ރަށާއި ކ އަތޮޅުގެ ދެ ރަށުގަިއ ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދާ އެކަންވެސް މިއަދުގެ ނިޔަލަށް މުޅީން ފައިނަލް ކުރެވޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
އިންތިހާބުގެ ތައްޔާރީތަކުގެ ބޮޑުބައި ނިމިފައިވާއިރު ވޯޓް ނެގުން ކުރިއަށްދާ 10 ވާ ހޮނިހިރު ދުވަހު ވިއްސާރަ ކޮށްފާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެހެން ކަމުން ވިއްސާރަވެއްޖެނަމަ އިންތިހާބު ކުރިއަށް ގެންދެވޭނެ ގޮތްތަކާމެދުވެސް ކޮމިޝަން އޮތީ ސަމާލުވެއެވެ. ހާއްސަކޮށް ރަށުތެެރޭގައި ޓެންޓް ޖަހައިގެން ހަދާ 40 މަރުކަޒުގައި ވޯޓްލުން މެދު ނުކެނޑި ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ދަނީ ކުރަމުންނެވެ.
ކޮވިޑް ޕޮޒިޓިވް މީހުން ވޯޓްލުން
އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ހޮނިހިރު ދުވަހުގެ ބޮޑު އިންތިހާބު ހެނދުނު ހަތަކުން ހަވީރު ފަހަކަށް ކުރިއަށް ގެންދާށެވެ. އިންތިހާބުގައި ފުރަތަމަ ވޯޓް ދޭނީ ކޮވިޑަށް ޕޮޒިޓިވް ނޫން މީހުންނެވެ. ޕޮޒިޓިވްވެފައިވާ މީހުން ވޯޓްލުން ކުރިއަށް ގެންދާނީ ވަކިން އަދި އެންމެ ފަހުންނެވެ.
ފުއާދު ވިދާޅުވި ގޮތުގައި ހަވީރު ފަހެއް ޖަހާއިރު އިންތިހާބުގެ ވޯޓް ނެގުން ނުނިމޭނެއެވެ. އެހެން އިންތިހާބުތަކެކޭ އެއްގޮތަށް މި ފަހަރުގެ އިންތިހާބުގައިވެސް ވަގުތު އިތުރުކުރާން ޖެހޭނެ އެވެ. އަދި އެހެން އިންތިހާބުތަކަށްވުރެ ވަގުތު މާބޮޑަށްވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
"ފަހެއް ޖެހުމާއެކު އާންމުންގެ ކިއު ބަންދުވާނެ. ނަމަވެސް ފަހެއް ޖެހުމުގެ ކުރިން [ކިއު ބަންދުކުރުމުގެ ކުރިން] ކިއުގައި ތިބި އެންމެންނަށް ވޯޓް ލުމުގެ ފުރުސަތު ދޭނެ. އެއީ ކިތަންމެ ބައިވަރު ބަޔަކު ނަމަވެސް ވޯޓްދީ ނިމެންދެން އިންތިހާބު ކުރިއަށް ގެންދާނެ. ނަމަވެސް ފަހެއްގެ ފަހުން އާންމުންގެ ކިއުއަށް އިތުރު ބަޔަކަށް ނުވަދެވޭނެ،" ފުއާދު ވިދާޅުވިއެވެ.
ފަހެއް ޖެހުމާއެކު ޕޮޒިޓިވްވެފައިވާ މީހުންނަށް ވޯޓް ދިނުމުގެ ފުރުސަތު ހުޅުވާލާނެ އެވެ. ޕޮޒިޓިވް މީހުންނަށް ވޯޓް ދިނުމަށް ކަނޑައަޅާފައިވަނީ ގަޑިއިރެކެވެ. ފަހަކުން ހަޔަކަށެވެ. ނަމަވެެސް ކޮމިޝަންގެ ވިސްނުން ހުރީ ބައްޔަށް ޕޮޒިޓިވްވެފައިވާ އެންމެނަށްވެސް ވޯޓް ލުމުގެ ފުރުސަތު ފަހިކޮށް ދިނުމަށެވެ.
ޕޮޒިޓިވް މީހުން ވޯޓްލާން އައިސް ތިބެން ޖެހޭނީ ހަ ފޫޓްގެ ދުރު މިނުގައެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވޯޓްގެ ކަންކަން ކުރިއަށްދާއިރު އޮފިޝަލުން ތިބޭނީ ޕީޕީއީ އަޅައިގެންނެވެ. އިންތިހާބުގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އެޗްޕީއޭ މެދުވެރިކޮށް ޕޮޒިޓިވް މީހުންގެ ލިސްޓެއް ހޯދާނެ އެވެ. ފުރަތަމަ ލިސްޓް މާދަމާ ހޯދާނެ އެވެ. އެއީ މާދަމާގެ 12 އާ ހަމައަށް ޕޮޒިޓިވްވެފައިވާ މީހުންގެ ލިސްޓެވެ. އޭގެ ފަހުން ވޯޓްލާ ދުވަހުގެ މެންދުރު 12 ޖެހުމާ ހަމައަށް ޕޮޒިޓިވްވެފައިވާ މީހުންގެ ލިސްޓެއް ކޮމިޝަނުން ހޯދާނެ އެވެ.
ރާއްޖޭގައި މިވަގުތުވެސް 3،000 ވުރެ ގިނަ އެކްޓިވް ކޭސް އެބަހުއްޓެވެ. އަތޮޅުތެެރޭގައި 900 ވުރެ އެކްޓިވް ކޭސް އެބަހުއްޓެވެ.
ފުއާދު ވިދާޅުވި ގޮތުގައި ޕޮޒިޓިވްވެފައިވާ މީހުން ވޯޓްލާ މަރުކަޒަށް އަންނާނީ އަމިއްލައަށް އަށެވެ. އަދި ވޯޓް ދޭނީވެސް އެހީތެރިއަކާ ނުލައެވެ. ނަމަވެސް ގެއިން ނިކުތުމުގެ ކުރިން އެޗްޕީއޭއިން ހުއްދަ ހޯދަން ޖެހެއެވެ. އަދި މޮނިޓަރިންގެ ހާލަތުގައި އޮތް ނަމަވެސް އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށް ވޯޓް ދޭން ދެވޭނެ އެވެ. އެކަން ކުރާނީ އެޗްޕީއޭގެ ބެލުމުގެ ދަށުން ރަށްރަށުން އުފައްދާފައިވާ ކޮވިޑް ޓާސްކް ފޯހުގެ ހުއްދަ ހޯދައިގެންނެވެ.
ފަހެއް ޖެހުމާއެކު އާންމުންގެ ކިއު ބަންދުވާނެ. ނަމަވެސް ފަހެއް ޖެހުމުގެ ކުރިން [ކިއު ބަންދުކުރުމުގެ ކުރިން] ކިއުގައި ތިބި އެންމެންނަށް ވޯޓް ލުމުގެ ފުރުސަތު ދޭނެ. އެއީ ކިތަންމެ ބައިވަރު ބަޔަކު ނަމަވެސް ވޯޓްދީ ނިމެންދެން އިންތިހާބު ކުރިއަށް ގެންދާނެ. ނަމަވެސް ފަހެއްގެ ފަހުން އާންމުންގެ ކިއުއަށް އިތުރު ބަޔަކަށް ނުވަދެވޭނެފުއާދު ތައުފީގު | އިލެކްޝަންސް ކޮމިޝަންގެ ރައީސް
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވި ގޮތުގައި ވޯޓްލާ މަރުކަޒަށް ވޯޓްލާން އަންނަ މީހާގެ ނަން ވޯޓާސް ލިސްޓްގައި އޮވެއްޖެނަމަ އެ މީހަކަށް ވޯޓް ލެވޭނެ އެވެ. އޭނާއަކީ ކިހިނެތް، ކޮންތާކުން އައި މީހެއްތޯ އޮފިޝަލުން ނުބަލާނެ އެވެ. އަދި އެއީ އެޗްޕީއޭގެ ހުއްދަ ހޯދައިގެން އައި މީހެެއްތޯ ކޮމިޝަނުން ނުބަލާނެ އެވެ. ޝަރީފް ވަނީ ރައްކާތެރިކަމާއެކު ވޯޓްގެ ކަންކަން ކުރިއަށް ގެންދިއުމަށް ހުރިހާ ރައްޔިތުންގެ އެހީތެރިކަމަށް އެދިފައެވެ.
ރާއްޖޭގައި ވޯޓްގެ ކަންކަން ހަމަޖެހިފައިވާ ގޮތުން އެކަކަށް ދެ ފަހަރު ވޯޓް ނުދެވޭނެ ކަމުގެ ޔަގީންކަން ކޮމިޝަނުން މިފަހަރުވެސް ދެއެވެ. މާސްކު އަޅައިގެން ތިބެން ޖެހުނު ނަމަވެސް އެމީހަކަށް ވޯޓް ދެވޭނީ ވޯޓާސް ލިސްޓްގައި ނަން އޮތް ނަމަ ކަމަށާ އަދި އެއް ފަހަރު ވޯޓް ދިން މީހަކަށް ދެވަނަ ފަހަރު ވޯޓް ނުދެވޭނެ އެވެ.
"އަޅުގަނޑުމެންގެ އޮފިޝަލުން ފަހަރުގައި އިތުރަށް ޔަގީންކޮށްލަން މާސްކު ތިރިކޮށްލަން ބުނެފާނެ. އެއީ ލިސްޓްގައިވާ މީހާ އަދި އޭނާ ގެންނަ އައިޑީކާޑްގައިވާ މީހާތޯ ޔަގީން ކޮށްލަން. އަޅުގަނޑުމެން ޔަގީންކަން ދޭން މާސްކު އަޅައިގެން ތިބި ނަމަވެސް އެކަކަށް ދެ ފަހަރު ވޯޓް ނުދެވޭނެކަން. އެ ފުރުސަތު ރާއްޖޭގައި މިހާރު މި ނިޒާރު އޮތް ގޮތުން އެއްގޮތަކަށްވެސް ނޯންނާނެ،" ފުއާދު ވިދާޅުވިއެވެ.