އިދިކޮޅު ފަރާތްތައް

ފުލުހުންނާހެދި އިދިކޮޅު އަންހެނުންނަށް ހިނގޭ ގޮތެއް ނުވި

Mar 8, 2018
1

ބައިނަލް އަގުވާމީ އަންހެނުން ދުވަސް ފާހަގަ ކުރަން އިދިކޮޅު ފަރާތްތަކުގެ އަންހެނުން މިއަދު ހެނދުނަށް ރޭވި ހިނގާލުން ފުލުހުން ހުއްޓުވައިފި އެވެ.

މިއަދު ހެނދުނު 7:00 ޖަހާއެހާކަންހާއިރު އިދިކޮޅު ފަރާތްތަކުން ކުނޫޒު ސަރަހައްދަށް އެއްވެ ފަށަން އުޅުނު ހިނގާލުމެއް ފެށުމުގެ ކުރިން ފުލުހުން ވަނީ އެސަރައްދުން ނުދެވޭ ގޮތަށް ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ. އެސަރަހައްދު ބަންދު ކުރުމުން އިދިކޮޅު ބައިވެރިން ވަނީ ކުނޫޒު ސަރަހައްދުގައި މަޑުކޮށްލައިގެން ތިބެ ޝުއޫރު ފާޅުކޮށްފަ އެވެ.

ކުނޫޒު ސަރަހައްދުގެ އެއްވުމުގައި އިސްވެ އުޅުނު އެކަކު ބުނީ ފުލުހުން ހިނގާލުމަށް ހުރަސް އެޅުމުން ހިތާމަ ކުރާ ކަމަށާއި ހިނގާލުން ފެށުމުގެ ކުރިން ވެސް އެއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި ހިނގާލުން ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމަށް ފުލުހުންގެ ކިބައިން އެދުނު ކަމަށެވެ.

"ފުލުހުން ބުނި ގޮތަކަށް ހިނގާލުން ކުރިއަށް ގެންދަން ތައްޔާރަށް ތިބީ، އެބޭފުޅުން އިންސްޓްރަކްޓް ކުރި ގޮތަކަށް ހިނގާލުން ކުރިއަށް ގެންދަން އަޅުގަނޑުމެން ތައްޔާރަށް މިތިބީ، ނަމަވެސް ފުލުހުން އެކަމަށް އެއްބާރުލުން ނުދިން، މިއީ ވަރަށް ބޮޑަށް ހިތާމަ ކުރާ ކަމެއް،" އޭނާ ބުންޏެވެ.

މިއަދުގެ އެއްވުމުގައި އިދިކޮޅު ކޯލިޝަންގެ ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރުންނާއި އާންމު މެންބަރުންގެ އިތުރުން ފިރިހެން ބޭފުޅުންވެސް ބައިވެރިވެފައި ވެއެވެ. އެއްވުމުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ. އެ ހިނގާލުމަށް ފުލުހުން ފުރުސަތު ނުދިނުމުން އިދިކޮޅުން ވަނީ 8:00 ޖެހި އިރު އެއްވުން ނިންމާލާފަ އެވެ.