ރެހެންދި އެވޯޑްސް

ރެހެންދި އެވޯޑު މިއަހަރު ތިން މީހަކަށް!

ގައުމީ ހިދުމަތުގައި އަންހެނުން ކުރާ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން ދޭ ރެހެންދި އެވޯޑް މިއަހަރު ތިން އަންހެނަކަށް ދީފި އެވެ.

އެވޯޑު ހޯދި ތިން އަންހެނުންނަކީ ވެސް މިއަހަރު އަލަށް ތައާރަފްކުރި ދެ ދާއިރާއިން އިނާމު ހޯދި ތިން ފަރާތެކެވެ. އެއީ ރެހެންދި އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލު ކޮށްދެއްވީ ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޭއްވި ޖަލްސާގައި ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.

ރެހެންދި އެވޯޑް ލިބުނު ފަރާތްތައް

  • އާމިނަތު ވަހީދާ، ކ ހ. މާހާ: އަދާކުރާ ދާއިރާގެ ގޮތުން ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާއިން
  • ފާތުމަތު ނަޝްވާ، ޅ. ނައިފަރު، ސީސައިޑް: އަދާކުރާ ދާއިރާގެ ގޮތުން ނުވަތަ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތުގެ ދާއިރާއިން
  • ޒޫނާ ނަސީމް، ނ. ކުޑަފަރި، ލަކީ ކޯނާ: އަންހެނުން އާންމުކޮށް ނޫޅޭ ދާއިރާއި ނުވަތަ ނަން ޓްރެޑިޝަނަލް ރޯލްސް ދާއިރާ

ރެހެންދި އެވޯޑް ދިނުމުގެ ބޭނުމަކީ ގައުމީ ހިދުމަތަށް އަންހެނުންނަށް ބާރު އަޅާ، މުޖުތަމައަށް ފައިދާހުރި ހިދުމަތް ކުރާ އަންހެނުން ފާހަގަ ކުރުމެވެ. އަދި އަދި ގައުމީ ހިދުމަތުގައި މަސައްކަތް ކުރާ އަންހެނުންނަށް ހިތްވަރު ދީ އެމީހުންގެ އަގު ވަޒަންކޮށް، ޖަމާއަތަށް ފައިދާހުރި މަސައްކަތްކުރާ އަންހެނުންނަށް ޝަރަފާއި އިއްޒަތް ދިނުމެވެ. މީގެ އިތުރުން އަންހެނުންގެ ހިއްސާ މަދު ދާއިރާތަކަށް އަންހެނުންގެ ހިއްސާ އިތުރުކުރުމާއި، އަދި އާ ދާއިރާތައް ތައާރަފް ކޮށް އެދާއިރާތަކަށް އަންހެނުން ނެރުމަށް ބާރު އެޅުމެވެ.

މިހާތަނަށް ރެހެންދި އެވޯޑި 18 ފަރާތަކުން ވަނީ ހާސިލްކޮށްފަ އެވެ. ރެހެންދި އެވޯޑް ދޭން ފެށީ 2014 ވަނަ އަހަރު އެވެ.