ވިލާގެ ފަސް ކުންފުންޏަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ އެގްރިމެންޓް ޓޫރިޒަމް މިނިސްޓްރީން ބާތިލުކޮށް އެ ރަށްތަކާއި ފަޅުތައް ސަރުކާރަށް އަނބުރާ ނަގާފައިވަނީ ސިޔާސީ މަގުސަދެއްގައި ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށް ވިލާ ކުންފުނިން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ. ވިލާގެ ކުންފުނިތަކާއެކު ވެފައިވާ އެއްބަސްވުންތައް ސަރުކާރުން ބާތިލުކުރީ ފެބުރުއަރީ 2، 2015 ގަ އެވެ.
ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި ވިލާ ޝިޕިން އާއި ވިލާ ހޮޓެލްްސް އާއި މާނެންފުށި ޕްރައިވެޓް ލިމިޓެޑާއި ގަޒީރާ ޕްރައިވެޓް ލިމިޑެޓުން ދައުލަތާ ދެކޮޅަށް ސުޕްރީމް ކޯޓުގައި ދައުވާކޮށްފައިވާ މައްސަލާގެ އަޑުއެހުން މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ވިލާއިން ދައުވާ ކޮށްފައިވަނީ އެ ރަށްތަކުގެ މައްސަލާގައި ހައިކޯޓުން މިދިޔަ އަހަރު އިއްވާފައިވާ ހުކުމްތައް ރަނގަޅު ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ވިލާގެ އެ ފަސް ކުންފުންޏަށް ދޫކުރި ރަށްތަކާއި ފަޅުތައް ސަރުކާރަށް ނަގާފައިވަނީ ގޯސްކޮށް ކަމަށް ދަށު ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އެ ހުކުމް ހައިކޯޓުން ބާތިލުކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިލާގެ ވަކީލް އަހުމަދު މުއިއްޒު ވަނީ ދަށު ކޯޓާއި ހައިކޯޓުގައި ވެސް ފާހަގަ ކުރެއްވި ކަންކަން ތަކުރާރު ކުރައްވާފަ އެވެ.
އޭގެއިތުރަށް މުއިއްޒު ވިދާޅުވީ، އެއްބަސްވުންތައް ބާތިލު ކުރިކަން އަންގާ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ފޮނުއްވި ސިޓީއަކީ ވަރަށް ޒިންމާދާރުކަން ކުޑަ ސިޓީއެއް ކަމަށާއި އެއްބަސްވުންތައް ބާތިލުކުރަން ޖެހޭ އެކަށީގެންވާ ސަބަބެއް އަދި އެއްވެސް ތަފްސީލެއް އެ ސިޓީގައި ނެތް ކަމަށެވެ. އެ ކަމަކީ ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ކަމެއް ކަން ވެސް ފާހަގަކުރެއްވި އެވެ.
އެ ދުވަސްވަރަކީ ވިލާގެ ވެރިޔާ ގާސިމް އިބްރާހިމް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ސަރުކާރާ ދެކޮޅަށް މަގުމަތީ ހަރަކާތުގައި ބައިވެރިވަޑައިގެންނެވި ދުވަސްވަރެވެ.
މުއިއްޒު ވިދާޅުވީ ރަށްތަކާއި ފަޅުތަކުގެ މައްސަލާގައި އެއްވެސް ފައިސާއެއް ދެއްކުމަށް މިހާތަނަށް އެއްވެސް ކޯޓަކުން އެ ކުންފުންޏަށް ހުކުމް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ފައިސާތަކެއް ދައްކަންޖެހޭ ކަމަށް މީރާއަށް ގަބޫލުކުރޭތީ ކުންފުނިތަކުގެ އެކައުންޓްތައް ފްރީޒްކޮށް އިމިގްރޭޝަނުންނާއި ކަސްޓަމްސްއިން ދޭ ހިދުމަތްތަކުން ކުންފުނިތައް މަހުރޫމްކޮށްފައިވާ ކަމަށެވެ. އެހެންވެ ވިލާއަށް ބޮޑެތި ގެއްލުންތައްވަމުންދާ ކަމަށެވެ. މުވައްޒަފުން އަނބުރާ ފޮނުވުމާއި ގެނައުމަށް ހުރަސް އެޅިފައިވާއިރު ރާލާއި އޫރު މަސް އެތެރެ ވެސް ނުކުރެވޭ ކަމަށެވެ.
އެއީ މީރާއިން ވިލާގެ ވެރިޔާ ގާސިމް އިބްރާހިމްއާ ދެކޮޅަށް ހިންގާ ބޭއިންސާފު އަމަލެއްގެ ގޮތުގައި މުއިއްޒު ފާހަގަކުރެއްވި އެވެ. އެ ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 188 މިލިއަން ޑޮލަރު ހޯދަން މީރާއިން ވަނީ ވިލާއާ ދެކޮޅަށް ދައުވާކޮށްފަ އެވެ. ސިވިލް ކޯޓުގައި އެ މައްސަލާގައި ޝަރީއަތް ވެސް ދަނީ ކުރިއަށެވެ. ނަމަވެސް މިހާރު ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ އެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ އެއްވެސް ކަމެއް ސިވިލް ކޯޓުން ސުޕްރީމް ކޯޓުން ގޮތެއް ނުނިންމަނީސް ނުކުރުމަށް އަންގާފަ އެވެ.
ހދ. ހަނިމާދޫގެ ބިމަކާއި ލ. ކައްދޫގެ ބިމަކާއި މާނެންފުށި އަދި ގަޒީރާއާ ގުޅިގެން ސަރުކާރުން ވަނީ ވިލާގެ ކުންފުނިތަކާއެކު "ސެޓްލްމަންޓް އެގްރިމަންޓް" އެއް ހަދާފަ އެވެ. އެ އެގްރިމެންޓްތައް ހެދީ ކައްދޫއިން އަލީ އިބްރާހިމް ކިޔާ މީހަކަށް ދޫކުރި ބިމެއްގެ މައްސަލާގައި ދައުލަތަށް 9.7 މިލިއަން ރުފިޔާ ދައްކަން ޖެހުމުންނެވެ. ވިލާގެ ބިންތަކުގެ މައްސަލާގައި އެ ކުންފުނިތަކުން ދައުވާކޮށް އެ މައްސަލާގައި ޝަރުއީ މަރުހަލާތައް ނިމިއްޖެނަމަ އެފަދަ ބޮޑު އަދަދެއް ވިލާއަށް ވެސް ދައްކަން ޖެހިދާނެ ކަމަށް ދައުލަތަށް ލަފާކުރެވުމުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެ އެއްބަސްވުމުގައި ވަނީ ފަސް ކުންފުންޏަށް ދޫކޮށްފައިވާ ޕްލޮޓް އަދި ލޭންޑްއާ ގުޅިގެން އެއްވެސް ދައުވާއެއް ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އެއްބަސްވުމުގެ ފަހުން އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމަންޓްއެއް ފަސް ކުންފުންޏާއެކު ވަނީ ހަދާފަ އެވެ. ސެޓެލްމެންޓް އެގްރިމެންޓް ނަހަދާ އިތް ތ. އެލާ މައްސަލާގައި ވެސް އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމަންޓް ހެދި އެވެ. އެ އެގްރިމެންޓްގައިވާ ގޮތުން ކަމަކާ ދެބަސްވެއްޖެނަމަ އެކަން ހައްލުކުރާނީ ވާހަކަ ދައްކައިގެންނެވެ. ނަމަވެސް އެގްރިމެންޓްތައް އުވާލިކަން އެންގިއިރު ވެސް އެއްވެސް ދެބަސްވުމެއް އުޅޭ ކަމުގެ އިޝާރަތް ވެސް ސަރުކާރުން ކޮށްފައިނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ ސަރުކާރުން އެގްރިމެންޓާ މުޅިން ހިލާފުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މުއިއްޒު ވިދާޅުވީ، އެއްބަސްވުންތައް ބާތިލުކުރި ސަބަބެއް ކަމަށް ބުނެފައިވަނީ އަލީ އިބްރާހިމްއާ ގުޅުންހުރި ފަރާތްތަކުން ބޮޑެތި އަދަދުތައް ހޯދުމަށް ސަރުކާރާ ދެކޮޅަށް ދައުވާކުރަމުންދާތީ އެވެ. އެ ސިޓީގައި އެއީ ކޮން ފަރާތްތަކެއްކަން ވެސް ބަޔާންކޮށްފައިނުވާ ކަމަށެވެ. ނަމަވެސް މައްސަލަ ޝަރީއަތަށް ގެނައުމުން ޝަރީއަތުގެ މަޖިލީހުގައި އެއްބަސްވުން ސަރުކާރުން ބާތިލުކޮށްފައިވަނީ ވިލާ ކުންފުންޏެއް ކަމަށްވާ ވިލާ ޝިޕިންގެ 70 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ ވޯލްޑް ލިންކް ޓްރެވެލް (ޑަބްލިއުއެލްޓީ)އިން ދައުލަތާ ދެކޮޅަށް ދައުވާއެއް ކުރުމުން ކަމަށް ބުނެފައިވާ ކަމަށެވެ. ދައުލަތުން ބުނަނީ އެއީ، ވެފައިވާ ސެޓެލްމެންޓް އެއްބަސްވުމުގެ މަގުސަދާ ހިލާފު ކަމެއް ކަމަށެވެ. މުއިއްޒު ވިދާޅުވީ، އެއީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށާއި، އެއްބަސްވުންތަކުގައިވާ ބިންތަކާ ގުޅިގެން އެއްވެސް ދައުވާއެއް ކޮށްފައިނުވާ ކަމަށެވެ.
ޑަބްލިއުއެލްޓީއިން ކުރާ ދައުވާއަކީ ސެޓެލްމެންޓް އެގްރިމެންޓް އެކުލަވާލިއިރު ވެސް ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައެއްކަން މުއިއްޒު ފާހަގަކުރެއްވި އެވެ. އެގޮތުން ޑަބްލިއުއެލްޓީއިން ސަރުކާރު ހިއްސާ އޮންނަ އެމްޓީސީސީގެ ސްބްސިޑަރީ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފައިވަނީ ޖޫން 13، 2012 ގަ ކަމަށެވެ. ސެޓެލްމެންޓް އެގްރިމެންޓްތަކުގައި ސޮއިކޮށްފައިވަނީ ޑިސެމްބަރު 12، 2013 ގަ އެވެ. އެހެންވެ އެއްބަސްވުންތައް ބާތިލުކުރީ ޑަބްލިއުއެލްޓީއިން ދައުވާކުރުމުން ކަމަށް ދައުލަތުން ބުނާ ބުނުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ. ޑަބްލިއުއެލްޓީއަށް 16.9 މިލިއަން ޑޮލަރު ދެއްކުމަށް ދައުލަތުގެ މައްޗަށް ޖޫން 15، 2014ގައި ހުކުމްކޮށްފައިވެ އެވެ. އެއީ ސެޓެލްމެންޓް އެގްރިމެންޓްތައް އުވާލުމުގެ ކުރިންނެވެ. އޭރު ވެސް އެކަމުގައި ދެބަސްވުމެއް އުޅޭކަން ފާހަގަނުކުރާ ކަމަށާއި އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމަންޓްތައް ސެޕްޓެމްބަރު 2014 ގައި އިސްލާހުކޮށްފައިވާކަން ވެސް މުއިއްޒު ފާހަގަކުރެއްވި އެވެ. އޭރު ވެސް ދެބަސްވުމެއް ނޫޅޭ ކަމަށެވެ.
މިއަދު ވިލާގެ ފަރާތުން ފާހަގަކުރި ކަންކަމާ ދައުވާ ފޯމްގައި ފާހަގަކޮށްފައިވާ ހަތް ނުކުތާގެ މައްޗަށް ލިޔުމުން ޖަވާބު ހުށަހެޅުމުގެ ފުރުސަތަކަށް ބަންޑާރަ ނައިބު އޮފީހުގެ ވަކީލް އައިޝަތު މުހައްމަދު އެދިވަޑައިގަތުމުން އެކަމަށް ފުރުސަތު ދެއްވުމަށް މިއަދު އަޑުއެހުން ވަނީ ނިންމާލާފަ އެވެ. މައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުގެ ޖަވާބު ހުލާސާ ގޮތެއްގައި ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމެވެ.
މައްސަލާގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަބްދުﷲ އަރީފެވެ. ބެންޗްގައި ދެން ތިއްބެވީ އާދަމް މުހައްމަދު އަބްދުﷲ، އާއި ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.