ފިނިޕޭޖް

ޝޯން ޕޯލްގެ ޝޯއަށް ދަންތަ؟ ވަނުން ހިލޭ!

ޖެމެއިކާގެ މަޝްހޫރު ރެޕާ، ޝޯން ޕޯލް އަކީ ދިވެހި ޒުވާނުންނަށް އިތުރު ތައާރަފެއް ބޭނުންވާ ފަންނާނެއް ނޫނެވެ. އެހެންވީމަ އޭނާގެ ޝޯ ބަލާލުމަށް ގަލޮޅު ދަނޑަށް ޖަމާވަނީ ކޮން ބައެއް ހެއްޔެވެ؟

މި މަހުގެ 31 އަކީ ޝޯން ޕޯލްއާ އެކު ގަލޮޅު ދަނޑު ކެކިގެންދާނެ ރެއެއްކަން ޔަގީނެވެ. ނުދާންވީ ސަބަބެއް ވެސް ނެތެވެ. ޝޯގެ ދޮރު އެ ވަނީ އެންމެނަށް ހިލޭ ސާބަހަށް ހުޅުވާލައިފަ އެވެ.

ޝޯ ބެލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ގަލޮޅު ދަނޑުގެ ދޮރުތައް ހުޅުވާލާނީ އިރުއޮއްސި 7:30ގަ އެވެ. މި ޝޯގެ ތެރެއިން ހަވާ އެރުވުމުގެ ކުލަގަދަ ހަފުލާއެއް ވެސް އޮންނާނެ އެވެ.

މި ކަންތައް ވެސް ވެގެންދާނީ ރާއްޖޭގެ ރިކޯޑް ފޮތްތަކުގައި ލިޔެވިގެންދާނެ ކަމަށެވެ. މި އިވެންޓް އޯގަނައިޒްކުރާ ޗޮޕާޓުން ބުނެފައި ވަނީ ހަވާގެ ކުޅިވަރުތައް ވެގެންދާނީ ރާއްޖޭގައި މީގެ ކުރިން ނުބާއްވާ ވަރުގެ ކުލަގަދަ އަދި އެހާމެ ފޯރިގަދަ ކަމަކަށް ކަމަށެވެ.

ޝޯން ޕޯލް ވެގެންދާނީ ރާއްޖޭގައި މިގޮތަށް ޕާފޯމްކުރާ މިފަދަ އެންމެ ބޮޑު އެއް ފަންނާނަށެވެ. އޭނާ 2000 ވަނަ އަހަރު ނެރުނު އަލަތު އަލްބަމް "ސްޓޭޖު ވަން" އަށް ފަހު ފަސް ސްޓޫޑިއޯ އަލްބަމް ނެރެފައިވެ އެވެ. އެންމެ ފަހުން ގެނެސްދިން އަލްބަމަކީ މި އަހަރުގެ ފެބްރުއަރީ މަހު ނެރުނު "ފުލް ފްރިކްއެންސީ" އެވެ.

ރެޕް، ރެގޭ އަދި އާރްއެންޑްބީ އާއި ޖެމެއިކާގެ ޝަރަފާ ގުޅިފައިވާ ޑާންސްހޯލް މިއުޒިކަށް ވެސް މަޝްހޫރު ޝޯލް ޕޯލް އަކީ މިއުޒިކްގެ އެންމެ ޝަރަފްވެރި އެވޯޑް ކަމުގައިވާ ގްރެމީ ވެސް ހާސިލުކޮށްފައިވާ ފަންނާނެކެވެ. ހަތަރު ފަހަރެއްގެ މަތިން ގްރެމީ އަށް ނޮމިނޭޓްވެފައިވާއިރު 2004 ވަނަ އަހަރު އެންމެ މޮޅު ރެގޭ އަލްބަމްގެ އެވޯޑް ހާސިލުކޮށްފައިވެ އެވެ.

އޭނާގެ މަޝްހޫރު ލަވަތަކުގެ ތެރެއިން "ވީ ބީ ބާނިން" އާއި "ޓެމްޕަރޭޗާ" ފަދަ ލަވަތަކީ ރާއްޖޭގެ ޒުވާނުންގެ މެދުގައި ވެސް ވަރަށް ބޮޑަށް މަޝްހޫރުވި ލަވަތަކެވެ.