އަންހެނުންގެ ދުވަސް

އިސްކަން ދޭ އެއް ކަމަކީ، އަންހެނުންގެ ހައްގުތައް ހޯދައިދިނުން: ރައީސް

Mar 8, 2018

ސަރުކާރުން އެންމެ ބޮޑަށް އިސްކަން ދޭ އެއް ކަމަކީ، އަންހެނުންގެ ހައްގުތައް ހޯދައިދީ ދާއިރާތަކުން އަންހެނުން ބާރުވެރި ކުރުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހާގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އާންމު ކުރެއްވި ހިތޯބެއްގައި އެ މަނިކުވަނީ އަންހެނުންގެ މަސައްކަތްތަކަށް ހިތްވަރު ދެއްވާ ވިދާޅުވީ އަންހެނުންނަށް ހަމަހަމަކަމާއި ރައްކާތެރިކަން އިތުރަށް ހޯދައިދޭން މި ސަރުކާރުން ބައެއް ގާނޫނުތަކަށް ބަދަލުގެނެސް މިހާރު އެ ގާނޫނުތަކަށް އމަލުކުރާ ކަމަށެވެ. އަންހެނުން ބާރުވެރިކުރުވުމަށާއި އަންހެނުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް، ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން މިއަދު ބަލައިގަނެފައިވާ ކަމަށެވެ.

އެކިކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުމާއި ހިއްސާ އިތުރު ކުރުމަކީ ވެސް، ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއްދޭ ކަމެއްކަމަށް އެމަނިކުފާނުގެ ހިތޯބުގައި ވިދާޅުވެފައި އެވެ.

އަދި ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެންބަރުންގެ ގޮތުގައި އަންހެނުން ހަމަޖައްސަވަމުން ގެންދަވަނީ ވެސް އެ ސަބަބަށްޓަކައި ކަމަށާއި ރާއްޖޭގެ އަންހެން ކުދިންނަށް ތަޢުލީމީ ރޮނގުންނާއި މަސައްކަތްތެރިކަމުގެ ރޮނގުން ތަފާތު ފުރުޞަތުތައް ހުޅުވާލައި ދޭން ސަރުކާރު ފަށާފައިވާ މަސައްކަތްތަކުގެ ނަތީޖާ ފެންނަ ކަމަށެވެ. އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ ބާވަތުގެ، ނުވަތަ ނަން-ސްޓީރިއޯ ޓައިޕްގެ މަސައްކަތްތަކުން ޒުވާން އަންހެންކުދިން ފެންނަ ކަމަށާއި އެއީ ގައުމުފެ ކުރިމަގު އުޖާލާވަމުން އަންނަ ކަމުގެ ހެތްކެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.