ސްރީލަންކާ

ލަންކާގެ ބުޑިސްޓުން ވަރުއަރާފައި، މުސްލިމުން ވަރަ ބިނދިފައި!

ރުޅިއަރައިގެންފައިވާ ބުޑިސްޓުންގެ އެތައް ސަތޭކަ މީހުންނެއް އައީ ދަނޑިބުރިތަކާއި ޕެޓްރޯލް ބޮންތަކާއި ގާބުރިތައް ހިފައިގެންނެވެ. އަވަށްޓެރި ސްރީލަންކާގެ މެދު ތެރޭގައިވާ އަމްބަޓީނާއަށް ބުދަ ދުވަހު އެމީހުން ވަދެގަތް އިރު އެރަށުގައި ތިބި ފުލުހުންނާއި ސިފައިން ތިބީ ކުރާނެ ކަމެއް ނޭނގިފަ އެވެ.

އެރަށުގެ މުސްލިމުން ބުނާ ގޮތުގައި މުސްލިމުންގެ ގެތަކާއި ފިހާރަތައް ބުޑިސްޓުން އެދުވަހު ލޫޓުވާލައި އެތަންތަނުގައި ހުޅުޖެހީ ސިފައިންނާއި ފުލުހުންގެ ކުރިމަތީގައެވެ.

"އަހަރެމެން ތިބީ ވަރަށް ބިރުން. އަހަރެމެން ދާނެ ތަނެއް ނެތް. އެމީހުން އަހަރެންގެ ގޭގެ ހުރިހާ ކުޑަދޮރުތަކެއް ހަލާކުކޮށްލި. މުޅި ގެ އެމީހުން އަންދާލި،" މިދިޔަ ބުދަ ދުވަހުގެ ހެނދުނު އަމްބަޓީނާގައި ބުޑިސްޓުން ހަމަނުޖެހުން ހިންގި އިރު ހާލަތު އޮތް ގޮތް އަލް ޖަޒީރާއަށް ކިޔައި ދެމުން ފާތިމާ ޒަމީރު ބުންޏެވެ.

މަންޒަރު ދުށް މީހުން އަލްޖަޒީރާއަށް ބުނެފައިވާ ގޮތުގައި ވޭލެކަޑައަށް އެރި ބުޑިސްޓުންގެ ބައިގަނޑުގައި 200 އާއި 500 އާ ދެމެދުގެ އަދަދަކަށް މީހުން ތިއްބެވެ. އެމީހުން އެއަވަށަށް އެރީ ކެންޑީގައި ހިނގި ހަމަނުޖެހުންތަކަށް ފަހު ލަންކާގެ މަޝްރަހު ހަމަޖެއްސުމަށް ރައީސް މައިތިރިޕާލާ ސިރިސޭނާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށެވެ. އަދި އެސަރަހައްދުގައި ބޭރަށް ނުކުމެ އުޅުންވެސް މަނާކޮށްފައި އޮއްވަ އެވެ.

އަލްޖަޒީރާއާ ވާހަކަ ދެއްކި މީހުން ބުނީ ވޭލެކަޑައަށް އެރި ބުޑިސްޓުން އެއަވަށުގެ ބައިމަދު މުސްލިމުންގެ 15 ގެއަކާއި މިސްކިތެއް ލޫޓުވާލި އެވެ. އޭގެ ތެރެއިން ހަތަރު ގެއެއްގައި އެމީހުން ހުޅުވެސް ޖެހިއެވެ.

ލަންކާގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން އެ ގައުމުގައި އަހުލީ ހަނގުރާމައެއް އަނެއްކާ ފެށިދާނެ ކަމުގެ ބިރު އެބަ އޮތެވެ.

ލަންކާގެ ދެކުނުގައި މިފަހަރު ހަމަނުޖެހުންތައް ފެށުނީ ކެންޑީގައި މިދިޔަ އާދީއްތަ ދުވަހު ހިނގި ހާދިސާއަކާ ގުޅިގެންނެވެ. އެގޮތުން ހިނގި ހާދިސާއަކީ ކެންޑީގައި މަގުމަތީ އެކްސިޑެންޓަކާ ހެދި އުފެދުނު އަރައިރުމެއްގައި މުސްލިމުންގެ ބަޔަކު ކުރި އަނިޔާއިން ބުޑިސްޓުންގެ މީހަކު މަރުވުމެވެ.

އެހާދިސާ ހިނގީ ކެންޑީގެ ތެލެޑީނިއާ ނަަމަކަށް ކިޔާ ސަރަހައްދުގަ އެވެ. އެއީ ބުޑިސްޓުންގެ ދީނީ ގޮތުން މުގައްދަސް އެތަް ތަނެއް ހުންނަ ސަރަހައްދެކެވެ.

ޖެހިގެން އައި ދުވަހު ބުޑިސްޓުންގެ އެތައް ސަތޭކަ ބަޔަކު ކެންޑީގެ މަގުތަކަށް ނުކުމެ މުސްލިމުންގެ އެތައް ފިހާރައަކާއި އެތައް ގެއަކާއި މިސްކިތެއްގައި ހުޅުޖެހި އިރު އޮފިޝަލުން ބުނާ ގޮތުގައި އޭގެ ތެރޭގައި ގިނައިން ތިބީ އެހެން ސަރަހައްދުތަކުން އައި މީހުންނެވެ. އަންދާލި ތަންތަނުގެ ތެރެއިން އެއް އިމާރާތަކުން އުމުރުން 23 އަހަރުގެ މުސްލިމެއްގެ ހަށިގަނޑު ފެނުނެވެ. ހަމަނުޖެހުންތައް އިތުރަށް ވަރުގަދަ ވެދާނެ ކަމުގެ ބިރަށް ލަންކާ ސަރުކާރުން ކެންޑީގައި ކާފިއު ހިންގީ އެހިސާބުންނެވެ.

އަންގާރަ ދުވަހުން ފެށިގެން ކެންޑީގައި ކާފިއު ހިންގައި ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި އޮތަސް ހަމަނުޖެހުންތައް ނުހުއްޓި ބުދަދުވަހާ ހަމައަށް ކުރިއަށް ދިޔައެވެ. ލަންކާ ފުލުހުންގެ ފަރާތުން ވާހަކަ ދެއްކި ރުވާން ގުނަސޭކަރަ އަލް ޖަޒީރާއަށް ބުނެފައިވާ ގޮތުގައި އަންގާރަ ދުވަހުގެ ރޭ ހަތަރު ރަށެއްގައި ހަަމަނުޖެހުންތައް ހިނގިއެވެ. އެގޮތުން މީނިކިންނަ ނަމަކަށް ކިޔާ ރަށުގައި ހިނގި ހަމަނުޖެހުންތަކުގައި ތިން ފުލުހަކު ޒަހަމްވި އެވެ. އޭގެ ފަހުން ބުޑިސްޓުންގެ ތެރެއިން އަންބަޓީނާއަށް ދިން ހަމަލާގައި ބައިވެރިވި ބުޑިސްޓަކު މަރުވި އެވެ. އޭނާ މަރުވީ އޭނާ ގެންގުޅުނު އަތުބޮމެއް އަތުގައި އޮއްވައި ގޮވުމުގެ ސަބަބުންނެވެ.

ގުނަސޭކަރަ ބުނީ ހަމަނުޖެހުންތައް ފެށި ފަހުން އިއްޔެއާ ހަމައަށް ބުޑިސްޓުންގެ 35 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހަމަނުޖެހުންްތަކާ ގުޅޭ ދޮގު ވާހަކަތައް ފަތުރައި ކަންތައް އިތުރަށް ގޯސް ކުރަން ފުރުސަތު ނުދޭން ވެގެން ލަންކާ ސަރުކާރުން ވަނީ އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލައި ފޭސްބުކް، ވަޓްސް އެޕް އަދި ވައިބާ ބްލޮކް ކޮށްފަ އެވެ.

ރައްކާތެރިކަމެއް ނެތް، ދާނެ ތަނެއް ވެސް ނެތް

ޝުކުރީ ގާސިމް ބުނީ އޭނާގެ ހަތަރު ކޮޓަރީގެ ގެ، ބުޑިސްޓުން ލޫޓުވާލުމުން ހުރެވުނީ "ގަބުވެފައި" ކަމަށެވެ.

"އަހަރެމެންނަށް ރައްކާތެރިކަން އިހުސާސެއް ނުކުރެވޭ. އަހަރެމެންގެ ހުރިހާ ދަރިން މިތިބީ ބިރުން ހަލާކުވެފައި. ދާންވީ ކޮންތާކަށް ކަމެއް، އިތުބާރު ކުރަންވީ ކާކަށް ކަމެއް އަހަރެެމެންނަކަށް ނޭނގޭ،" އެކައުންޓެންޓެއްގެ ގޮތުގައި މަސައްކަތްކުރާ އުމުރުން 27 އަހަރުގެ ގާސިމް ބުންޏެވެ. އޭނާ އެވާހަކަ ކިޔައިދިނީ އަންދާލާފައިވާ އޭނާގެ ކާރުގެ ކައިރީގައި ހުރެގެނެވެ.

އޭނާ ބުނި ގޮތުގައި މިހާރު ހިނގަމުންދާ ކަންތައްތައް ހިނގަނީ ކީއްވެކަން އޭނާއަށް އެއްގޮތަކަށް ވެސް ނޭނގެ އެވެ. އެކަމަކު އޭނާއަށް ޔަގީންވާ އެއް ކަމެއް އެބަ އޮތެވެ. އެއީ ބޭރުން އަރާ ބަޔަކަށް އަމިއްލަ އަމިއްލައަށް އެގޮތަށް ކަންތައް ނުކުރެވޭނެ ކަަމެވެ.

"ބައިގަނޑުގެ މީހުންނަކީ އަހަރެމެންގެ ސަރަހައްދުގެ މީހުންނެއް ނޫން. އެކަމަކު އަހަރެމެންގެ ސަރަހައްދުގެ މީހުންގެ މަދަދާ ނުލައި މިމީހުންނަކަށް މިކަމެއް ނުކުރެވޭނެ. އެހެނީ އެމީހުން ޓާގެޓް ކުރަނީ މުސްލިމުންނަށް. އެނޫން މީހުން އިސްތިސްނާ ކުރޭ،" އޭނާ ބުންޏެވެ.

އެކަމަކު ގާސިމް ދެކޭ ގޮތުގައި ހަަމަނުޖެހުމުގެ ހުޅު ރޯކުރީ މަދުބައެކެވެ.

ބުޑިސްޓުން ގަދަ ދައްކަން ފެށީ ކީއްވެ؟

ލަންކާގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އެގައުމުގައި ހަމަނުޖެހުންތަކަށްް މަގުފަހިވީ 30 އަހަރަށް ވުރެ ދިގުލީ އަހުލީ ހަނގުރާމަ ނިމުމުންް ބުޑިސްޓުންގެ ވަތަނީ ޖަމާއަތްތަކުގެ ބާރު ގަދަވާން ފެށުމުންނެވެ. އެގޮތުން ނުފޫޒު ގަދަވި ޖަމާއަތްތަކުގެ ތެރޭގައި މިޔަންމާގެ ހަރުކަށި ބުޑިސްޓުންނާ ވެސް ގުޅުން އޮންނަ ހަރުކަށި ބޮޑުބަލަސޭނާ އެވެ.

ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ތާއީދު އޮންނަ އެ ޖަމާއަތުން އެގައުމުގެ 21 މިލިޔަން މީހުންގެ އާބާދީގެ 20 ޕަސެންޓް ކަމަށްވާ މުސްލިމުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއެވެ. އެގޮތުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ބުޑިސްޓުން މުގައްދަސްތަންތަން ހަލާކުކުރާ ކަމުގެ ތުހުމަތެވެ. އަދި ބުޑިސްޓުން އިސްލާމްދީނަށް ވައްދަން މަސައްކަތް ކުރާކަމަށް ބުނެ އެކަމާ ވެސް އެމީހުން ރުޅި އާދެއެވެ.

ކެންޑީގައި މިފަހަރު ހިނގި ހަމަނުޖެހުންތަކުގެ ކުރިންވެސް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މުސްލިމުންނާ ދެކޮޅަށް ޖަރީމާ ހިންގުމުގެ މައިގަނޑު ތިން ހާދިސާއެއް ލަންކާގައި ހިނގިއެވެ.

"ސްރީލަންކާ އޮތީ [ހަނގުރާމައެއްގެ] ތުންފަތްމަތިގައި،" އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕުގެ ރިސާޗަރު އެލަންް ކީނަން ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ލަންކާގެ މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގާ ޖަރީމާތަކަކީ ވަރަށް ބޮޑަށް ރާވައިގެން ދޭ ހަމަލާތަކެކެވެ. ބޭނުމަކީ މުސްލިމުން ރުޅި އަރުވައިގެން، އެމީހުންގެ މެެދުގައި ބަދަލު ހިފުމުގެ ރޫހު އުފެއްދުމެވެ.

"އޭރުން މުސްލިިމުންނާ ދެކޮޅަށް އިތުރު ހަމަނުޖެހުންތައް ހިންގަން ބަހަނާއެއް ލިބޭނެ،" އޭނާ ވިދާޅުވިއެވެ.

މުސްލިމުން މިހައިތަނަށް ތިބީ ވަރަށް ކެތްތެރިކަމާ އެކީގަ އެވެ. ބަދަލު ހިފުމުގެ އެއްވެސް ކަމެއް އެމީހުން އަދި ނުކުރެއެވެ.

ފުލުހުން ފިޔަވަޅެއް ނާޅާ

ކީނަން ވިދާޅުވާ ގޮތުގައި ހަަމަނުޖެހުންތަައް ހުއްޓުވަން ލަންކާގެ ފުލުހުންނާއި ސިފައިން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާ ކަމީ ވެސް ކަންބޮޑުވާ ކަމެެކެވެ. އެކަން އެެހެން ވަނީ ކީއްވެކަން ސާފެއް ނުވެއެވެ. އެގޮތުން ފުލުހުންނާއި ސިފައިން ސަރަހައްދުތަކަށް ފޮނުވާފައި ވަނީ އެކަށީގެންވާ އަދަދުތަކުން ކަމަށް ނުވެދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އަހަރެން ކަންބޮޑުވާ ކަމަކީ ފުލުހުންނާއި ސިފައިންގެ ފާހަފަ ކޮށްލެވޭ މިންވަރެއްގެ ހަމްދަރުދީ ހަމަނުޖެހުން ހިންގާ މީހުންނަށް އޮންނަ ކަމަށް ބެލެވޭތީ. އެއީ ހައިރާންވާންވީ ކަމެއް ނޫން،" ކީނަން ވިދާޅުވިއެވެ.

ތިންވަނަ ސަބަބަކަށް ވެދާނެ ކަަމަށް އޭނާ ދެކެވަޑައިގަންނަވަނީ ލަންކާގައި އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ޕާޓީއަށް ބޮޑު ކާމިޔާބެއް ލިބި ސަރުކާރު ބަލިކަށި ވުމެވެ. މިހާރު ހާލަތު އޮތް ގޮތުން ސަރުކާރު ހިންގުމުގެ ބާރު ރާޖަޕަކްސާ ޕާޓީއަށް ލިބުމުގެ ހުރިހާ ފުރުސަތެއް ވެސް އެބަ އޮތެވެ.

އެފަދަ ގޮތަކަށް ހާލަތު ބަދަލުވެެއްޖެ ނަމަ ހަމަނުޖެހުން ހިންގާ ބުޑިސްޓުންނާ ދެކޮޅަށް ހަރުކަށިކަން ދެއްކި މީހެއްގެ ގޮތުގައި ލޭބަލް ވާކަށް އެއްވެސް ފުލުހެއް ބޭނުމެއް ނުވާނެ އެވެ.

"އެމީހުންނަށް [ފުލުހުންނަށް] ޔަގީނެއް ނުވޭ ހަމަނުޖެހުން ހިންގާ މީހުން ފަހާ ދުވަންވީ ކަމެއް ނުވަތަ ނޫން ކަމެއް. އެހެނީ ހަމަނުޖެހުން ހިންގާ މީހުންނަށް ރާޖަޕަކްސާއާއި އޭނާގެ މީހުން މަދަދު ކުރިޔަސް ނުކުރިޔަސް ހަމްދަރުދީ އޮންނާނެކަން އިނގޭ،" ކީނަން ވިދާޅުވިއެވެ.

ކަން މިހެން ހުރުމުން ވޭލެކަޑައިގައި ދިރިއުޅޭ ފާތިމާ ޒަމީރާއި ގާސިމް މެން ފަދަ މީހުން ތިބީ ގޮތް ހުސްވެފައެވެ.

"ހަމަނުހެމުގެ ސަބަބުން އަހަރެމެން މިތިބީ ހިތް ހަލާކުވެފައި. އަހަރެމެން ބޭނުންވަނީ ސަލާމަތްތެރިކަމާ ރައްކާތެރިކަން. އަހަރެމެން ބޭނުމެއް ނޫން އެކަކަށް ވެސް މިކަން ކުރިމަތިވާކަށް،" ފާތިބާ ބުންޏެވެ.