ލައިފްސްޓައިލް

އަންހެންވެރިންގެ ކްއީންސް ބީ ސިންޑްރޯމް!

Mar 10, 2018
3

އަންހެނުން އަންހެނުން ދެކެ ފޫހިވާ ކަމަށް ގަބޫލު ކޮށްފާނަން ހެއްޔެވެ؟ އެކުގައި އޮފީހުގައި އުޅޭ ކުއްޖަކު ވަރަށް ރޫޑު ކަމަށް ރައްޓެއްސެއް ކައިރީ ބުނާ އެއްބަސް ވެދާނަން ހެއްޔެވެ؟ ފަހަރުގައި ފޫހިވާ މީހަކު ނުހުރެ ވެސް ހިނގައިދާނެ އެވެ. އަންހެނުން އަންހެނުން ދެކެ ފޫހިވާކަން ހެއްކާއެކު އެމެރިކާގެ ދިރާސާއަކުން ވަނީ ހޯދައިފަ އެވެ. އެގައުމުގެ އެރިޒޯނާ ޔުނިވަސިޓީގެ ރީސާޗް ޕްރޮފެސަރުންގެ ޓީމަކުން ވަނީ މި ހަގީގަތެއް ބަލައި އެއަށް ސިންޑްރޯމެއްގެ މަގާމު ވެސް ދީފަ އެވެ. އަންހެނުން އަންހެނުން ދެކެ ވާ ފޫއްސަށް ދީފައިވާ ނަމަކީ "ކްއީންސް ބީ ސިންޑްރޯމް" އެވެ.

މި ހަގީގަތެއް ހޯދަން އަރިޒޯނާގެ ޕްރޮފެސަރުން ވަނީ ތިން ގޮތަކަށް ދިރާސާއެއް ހަދާފަ އެވެ.

އެ ސްޓަޑީގައި ހިމަނާފައި ވަނީ ފުލް ޓައިމްކޮށް އެއް އޮފީހެއްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނާއި ފިރިހެން މުވައްޒަފުންނެވެ. އެމީހުންނަށް ދީފައިވަނީ އޮފީހުގައި މަހެއްގެ ތެރޭގައި ހިނގާ ހިތްހަމަ ނުޖެހޭ ކަންކަމާ ބެހޭ ސުވާލުތަކެކެވެ. ދެބައި މީހުންނަށް ވަކިވަކިން ކުރި އެ ސުވާލުތަކަށްފަހު ލިބުނު ނަތީޖާއިން ފިރިހެން މުވައްޒަފުންނަށް ވުރެ ބޮޑަށް އަންހެން މުވައްޒަފުންގެ ފަރާތުން ހިތްހަމަ ނުޖެހޭ ކަންކަން ހިގާފައިވާލެއް ގިނަކަން އަންހެނުން ވަނީ ފާހަގަކޮށްފަ އެވެ. ހާއްސަކޮށް މަގާމުގެ ފަރަގު ހުންނަ އަންހެން މުވައްޒަފުން އެކަކު އަނެކަކާ މެދު އޮންނަ ހިތްހަމަނުޖެހުން ބޮޑު ކަމަށް ވެސް އެ ދިރާސާގެ ނަތީޖާއިން ވަނީ ހާމަވި އެވެ.

"ގޮތަކަށް ބުނާ ނަމަ އަންހެނުންނަށް އަންހެނުން ރޫޑް ކަމަށް މި ދިރާސާއަށް ބަލައި ބުނެވިދާނެ. ފިރިހެނުންނާ ގުޅިގެން އަންހެނުން ކޮށްފައިވާ ޝަކުވާ ތަކަށް ވުރެ އެކުގައި އުޅޭ އަންހެނުންނާ ބެހޭގޮތުން ހުރި ޝަކުވާތައް ގިނަ. އަހަރެމެން ބޭނުންވީ މަސައްކަތު މާހައުލުގައި ކޮން ބައެއްގެ ފަރާތުން ކޮން ބަޔަކަށްތޯ ގޮތް ދެއްކުން ބޮޑަށް އަމާޒުވަނީ ބަލަން،" ދިރާސާގެ އިސްކޮށް ހުންނެވި އެސިސްޓެންޓް ޕްރޮފެސާ އެލިސަން ގޭބްރިއަލް ބުނެފައިވެ އެވެ.

އެކުގައި މަސައްކަތް ކުރާ އަންހެނުންނާ ފިރިހެނުންގެ މެދުގައި އާންމުކޮށް ހަމަޖެހުން އޮންނަ ކަމަށް ވެސް އެ ދިރާސާއިން ވަނީ އެނގިފަ އެވެ.

މިއީ ވަރަށް އާދައިގެ ދިރާސާއަކަށްވީ ނަމަވެސް މީގެ ނަތީޖާ މުހިއްމުވާ ސަބަބެއް އެ ޓީމުން ވަނީ ފާހަގަކޮށްފަ އެވެ. އެއީ އެ ސްޓަޑީގައި ބައިވެރިވި ބައެއް އަންހެނުން އެހެން އަންހެން ސްޓާފުނާ ދިމާވާ ބައެއް މައްސަލަތަކާ ހެދި ވަޒީފާއިން ވަކިވާން ބޭނުންވާ ކަމަށް ވެސް ބުނެފައި އޮތުމެވެ. އެއީ އޮފީސްތަކުން މުވައްޒަފުން ކެނޑޭ މިންވަރު އިތުރުވެދާނެ ސަަބަބަކަށް ވެދާނެ ކަމަށް އެ ޓީމުން ވަނީ ފާހަގަކޮށްފަ އެވެ.