މިއުޒިކް

ގަލާ ރައުންޑަށްދާ ބައިވެރިން ކަށަވަރުވާނީ މިރޭ

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ޕިއާނޯ ރައުންޑުގެ ފަހު ބުރު ރޭ ވަނީ ބާއްވާފަ އެވެ. ޕިއާނޯ ރައުންޑަށް ދަތުރުކުރި ގަދަ 16 ބައިވެރިންގެ ތެރެއިން ބާކީ ތިބި އަށް ބައިވެރިންގެ ހުށަހެޅުންތައް ރޭ ފެނިގެންދިޔަ އެވެ.

ޕިއާނޯ ރައުންޑުގެ ފުރަތަމަ ބުރު ވަނީ މިދިޔަ ހަފްތާގައި ބާއްވާފަ އެވެ. އެ ބުރުގައި ވާދަކުރި އަށް ބައިވެރިންގެ ތެރެއިން ދެ ބައިވެރިޔަކު ވަނީ ޝޯ އިން ވަކިވެފަ އެވެ. އެއީ ނިޝްފާ އަދި އިޝާމެވެ. ބާކީ ތިބި ހަ ބައިވެރިންކަމަށްވާ ޝާން، މުނާޒް، މައީޝާ، މުރްޝިދް، އަޒަލް، އަދި ރައިހާންއަށް ވަނީ ގާލާ ރައުންޑުން ޖާގަ ކަށަވަރުވެފަ އެވެ.

ޕިއާނޯ ރައުންޑުގެ ދެ ވަނަ ބުރުގައި ވާދަކޮށްގެން ގާލާ ރައުންޑުން ޖާގަ ކަށަވަރު ކުރާ އަނެއް ހަ ބައިވެރިން މިރޭ އެނގިގެންދާނެ އެވެ. މި ބުރުގައި ވާދަކުރާ ބައިވެރިންނަކީ ޝަހުދާން، ނައުޝާދު، އިޝާން، ތަސްލީމް، ނާޒިހް، ސައިނާ، ސަލްވާ އަދި ޝަމީލް އެވެ. މި ބައިވެރިންގެ ތެރެއިން ވެސް ދެ ބައިވެރިޔަކު މިރޭ ޝޯއިން ވަކިވާނެ އެވެ.

ޖަޖުން ބުނެފައި ވަނީ މިއީ ޖަޖުކުރަން އެންމެ އުނދަގޫ ސީޒަން ކަމަށް.

މިރޭ ގަދަ ހަ ބައިވެރިން ހޮވާނީ އާންމުންގެ ވޯޓުގެ 50 ޕަސެންޓާއި ޖަޖުންގެ މާކްސްގެ 50 ޕަސެންޓުން ލިބުނު ނަތީޖާއަށް ބަލައިގެނެވެ. ބައިވެރިންނަށް ވޯޓު ދިނުމުގެ ފުރުސަތު ވަނީ މިއަދު ހަވީރު 4:00 ޖަހަންދެން ހުޅުވާލާފަ އެވެ.

ރޭގެ ބައިވެރިންގެ ހުށަހެޅުންތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ ހުށަހެޅުމެއް ފެނިގެންދިޔައީ އެންމެ ފަހުން ލަވަކީ ޝަމީލްގެ ފާރުތުންނެވެ. އެނާ ކިޔައިދިން "ވާނޭ ވާނޭ އޮޑި މަހަށް" ޖަޖުންގެ ތައުރީފު ލިބުނެވެ. ރޭ އެންމެ އެނަޖެޓިކް ޕާފޯމަންސެއްދިނީ ޝަމީލް ކަމަށް ވެސް ބައެއް ބެލުންތެރިންވެސް ބުނެފައިވެ އެވެ.

ރޭގެ ޝޯގައި ޝަމީލްގެ ހުށަހެޅުން

ޝަމީލްގެ އިތުރުން ދެން އެންމެ ފާހަގަކޮށްލެވޭ ހުށަހެޅުމެއް ފެނިގެންދިޔައީ ސައިނާ އަދި ޝަހުދާންގެ ފަރާތުންނެވެ. ޖަޖުންނާއި އާންމުންގެ ތައުރީފު އެ ދެމީހުނަށް ލިބުނެވެ.

ރޭގެ ޝޯގައި ސައިނާގެ ހުށަހެޅުން.

ޕިއާނޯ ރައުންޑުގެ ފަހު އެލިމިނޭޝަން މިރޭ އޮންނާނެ އެވެ. މި ސީޒަންގައި ވާދަވެރިކަން ބޮޑުވުމާއި ހުރިހާ ބައިވެރިންގެ ކުޅަދާނަ ހުނަރުގެ ސަބަބުން މިރޭ ޝޯ އިން ވަކިވާނީ ކޮން ބައިވެރިޔެއްކަން ބުނަންވެސް ގިނަ މީހުނަށް އުނދަގުލެވެ. އައިޑޮލްގެ ޖަޖުންވެސް ބުނެފައިވަނީ މިއީ މިހާތަނަށް ޖަޖުކުރަން އެންމެ އުނދަގޫ ސީޒަން ކަމަށެވެ.