ބުޑިސްޓުންނާއި މުސްލިމުންގެ މެދުގައި އުފެދުނު ނުތަނަވަސް ކަމެއްގެ ހުޅު ފަޅައިގެން ގޮސް މަސްރަހު ގޯހުން ގޯހަށް ބަދަލުވެފައިވާ އަވަށްޓެރި ސްރީލަންކާގެ ކެންޑީގައި ހިންގަމުންދާ ހަމަނުޖެހުންތައް މައިތިރި ކުރުމަށް ފުލުހުން ފެށި މަސައްކަތުގައި 150 އާ ގާތް ކުރާ އަދަދަކަށް މީހުން ހައްޔަރުކޮށްފި އެވެ.
ރައީސް މައިތްރިޕާލާ ސިރިސޭނާ އަމުރު ކުރައްވާފައި ވަނީ ވެނުނު ގޮތަކަށް ހަމަނުޖެހުންތައް މައިތިރި ކުރުމަށެވެ.
ހަމަނުޖެހުންތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު ބަލާފައި ވަނީ މި މާޗް މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ހަމަނުޖެހުންތައް އިތުރު ކުރުމަށް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އެކި މައުލޫމާތުތައް ހިއްސާ ކުރަމުންދިޔަ 17 އަހަރާއި 18 އަހަރުގެ ދެ ކުޑަކުދިން ވެސް ހިމެނެ އެވެ.
ލަންކާގައި އެފަދަ ދޮގު މައުލޫމާތު ފޯރުކޮށްދިނުން ބޮޑުވުމުގެ ސަބަބުން ސޯޝަލް މީޑިއާގެ ވަސީލަތްތައް ވަނީ ރަސްމީކޮށް ބްލޮކްކޮށްފަ އެވެ.
ދިވެހިންގެ ވެސް 15،000 މީހުންގެ އާބާދީއެއް އޮތް ލަންކާގެ މަސްރަހު ގޯސްވެފައިވާއިރު އެންމެ ބޮޑަށް ހަމަނުޖެހުންތައް ހިނގަމުން އަންނަ ކެންޑީގައި ވެސް ދިވެހި އާއިލާތަކެއް ދިރިއުޅެ އެވެ.
ލަންކާގެ ދެކުނުގައި މިފަހަރު ހަމަނުޖެހުންތައް ފެށުނީ ކެންޑީގައި މިދިޔަ އާދީއްތަ ދުވަހު ހިނގި ހާދިސާއަކާ ގުޅިގެންނެވެ. އެގޮތުން ހިނގި ހާދިސާއަކީ ކެންޑީގައި މަގުމަތީ އެކްސިޑެންޓަކާ ހެދި އުފެދުނު އަރައިރުމެއްގައި މުސްލިމުންގެ ބަޔަކު ކުރި އަނިޔާއިން ބުޑިސްޓުންގެ މީހަކު މަރުވުމެވެ.
އެ ހާދިސާ ހިނގީ ކެންޑީގެ ތެލެޑީނިއާ ނަަމަކަށް ކިޔާ ސަރަހައްދުގަ އެވެ. އެއީ ބުޑިސްޓުންގެ ދީނީ ގޮތުން މުގައްދަސް އެތައް ތަނެއް ހުންނަ ސަރަހައްދެކެވެ.
ޖެހިގެން އައި ދުވަހު ބުޑިސްޓުންގެ އެތައް ސަތޭކަ ބަޔަކު ކެންޑީގެ މަގުތަކަށް ނުކުމެ މުސްލިމުންގެ އެތައް ފިހާރައަކާއި އެތައް ގެއަކާއި މިސްކިތެއްގައި ހުޅުޖެހި އިރު އޮފިޝަލުން ބުނާ ގޮތުގައި އޭގެ ތެރޭގައި ގިނައިން ތިބީ އެހެން ސަރަހައްދުތަކުން އައި މީހުންނެވެ. އަންދާލި ތަންތަނުގެ ތެރެއިން އެއް އިމާރާތަކުން އުމުރުން 23 އަހަރުގެ މުސްލިމެއްގެ ހަށިގަނޑު ފެނުނެވެ.
ހަމަނުޖެހުންތައް އިތުރަށް ވަރުގަދަ ވެދާނެ ކަމުގެ ބިރަށް ލަންކާ ސަރުކާރުން މުޅި ގައުމަށް 10 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ކެންޑީގައި އެކި ވަގުތުތަކަށް ކާފިއު ހިންގާފަ އެވެ.