chattelegramwhatsappviber google-plus twitter facebook

ރިޕޯޓް

އެންޓި ޑިފެކްޝަން ބިލް: ނިޒާމާ ރައްޓެއްސެއް ނޫން!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް މަޖިލީހަށް ވަނުމަށް ސިފައިން ހުރަސް އަޅަނީ: އެންޓި ޑިފެކްޝަން ބިލާއެކު ބަހުސް ހޫނު - އަހުމަދު ޝުރާއު | އަވަސް

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ބަހުސްއަކީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އެކި ކޮޅުކޮޅަށް ފުޅާވަމުންދާ ބަހުސެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ޕީޕީއެމްގެ 12 މެންބަރުން ސޮއިކުރައްވައި ސަރުކާރަށް މެޖޯރިޓީ ގެއްލިގެން ދިޔުމާއެކު ބަންޑާރަ ނައިބު މުހައްމަދު އަނިލް ހައްލެއް ހޯއްދެވުމަށް ވަޑައިގެންނެވީ ސުޕްރީމް ކޯޓަށެވެ. ފަރުވާއެއްގެ ގޮތުން ސުޕްރީމް ކޯޓުން އިއްވީ ފްލޯ ކްރޮސް ނުވަތަ އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ މެންބަރުންގެ ގޮނޑި ގެއްލޭނެ ހުކުމެވެ.

ޖުލައި މަހު އިއްވި ހުކުމުން އެދެވޭ ފަރުވާއެއް ނުލިބޭ ކަމަށް ބަލާ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފަ އެވެ. އަދި ފްލޯ ކްރޮސްކުރުމަކީ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް ކަނޑައަޅާފަ އެވެ. ނަމަވެސް އެ އަމުރަށް އަމަލުކުރުން ފަސްކުރުމަށް މިހާރު ސުޕްރީމް ކޯޓުން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ. އެއީ އަނެއްކާވެސް އެ މައްސަލާގައި ބަންޑާރަ ނައިބު އެ ކޯޓަށް ވަޑައިގެންފައިވާތީ އެވެ. އެއާއެކު ބަންޑާރަ ނައިބު ތައްޔާރުކޮށްފައިވާ "އެންޓި ޑިފެކްޝަން ބިލް" ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

އެ ބިލްގައި ވަނީ އިންތިހާބުވި ޕާޓީން މެންބަރު ވަކިކޮށްފިނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނޫނީ ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ. ގޮނޑި ގެއްލޭނެ އާ ގޮތެއް ގާނޫނަކުން ކަނޑައަޅަނީ އެވެ. މިކަން ގާނޫނަކުން ކުރާއިރު ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ގޮތްތައް ބަޔާންކޮށްފައިވެ އެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި މެންބަރުންގެ ހުންނަންޖެހޭ ޝަރުތުތަކާއި މެންބަރުކަން ގެއްލޭނެ ހަތަރު ހާލަތެއް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އެ މާއްދާގައި ކީއްކުރަން ރައްޔިތުންގެ މަޖިލީހުގެ މުޅި ބާބުގައި ވެސް ސިޔާސީ ޕާޓީއެއްގެ ވާހަކަ ބުނެފައެއް ނުވެ އެވެ. އެހެންވެ ޕާޓީ ބަދަލުކުރުމަކީ މަޖިލީހުގެ މެންބަރުންނަށް މަނާ ކަމެއް ނޫން ކަމަށް ވަރަށް ސާފެވެ. އުފެދޭ ސުވާލަކީ ގާނޫނު އަސާސީއިން މަނާ ނުކުރާ ކަމެއް ގާނޫނަކުން މަނާ ކުރެވިދާނެ ހެއްޔެވެ؟

"ގާނޫނު އަސާސީގަ އޮންނަ ކަމެއް ގާނޫނަކުން ބަދަލެއް ނުކުރެވޭނެ، ގާނޫނު އަސާސީގަ އޮންނަ ކަމެއް ބަދަލުކުރާނަމަ ފުރަތަމަ ޖެހޭނީ ގާނޫނު އަސާސީއަށް އިސްލާހެއް ގެންނަން، މި ބިލުން ކުރަން މިއުޅޭ ކަމަކީ ގާނޫނު އަސާސީ އިސްލާހުކުރުން، އެކަމެއް ނުކުރެވޭނެ، އެކަމަކު މިއަދު ސަރުކާރަށް ނެތް އެ މެޖޯރިޓީއެއް މަޖިލީހުގަ، އެހެންވެ މިކަހަލަ ބިލްތައް ހުށަހަޅައިގެން މި މަސައްކަތް ކުރަނީ،" ކުރީގެ ސޮލިސިޓާޖެނަރަލް އިބްރާހީމް ރިފްއަތު ވިދާޅުވި އެވެ.

ވަކީލް ރިފްއަތު: އެންޓި ޑިފެކްޝަން ބިލަށް ފާޑުވިދާޅުވި - އަހުމަދު ޝުރާއު | އަވަސް

ރިފްއަތު ވިދާޅުވި ގޮތުގައި އެންޓި ޑިފެންކްޝަން ބިލްގައި ކަންކަން ބަޔާންކޮށްފައިވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ދިމާ އިދިކޮޅަށެވެ. އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެކަން އެގޮތަށް ކުރީމަ ނިކުންނަ ނަތީޖާއަކީ އެއް ކަމަކަށް ގާނޫނު އަސާސީގެ އަސާސީ ސިފައެއް ގެއްލިގެން ދިޔުން ކަމަށާއި، ދެވަނަ ކަމަކަށް ރައްޔިތުން ވަކި ބާރުތަކެއް ވަކި ބަޔަކާ ހަވާލުކޮށްފަ އޮންނައިރުގަ އެ އުސޫލާ ހިލާފަށް ރައްޔިތުންގެ މައްޗަށް ވެރިކަން އެ ކުރުންކަން ރިފްއަތު ފާހަގަކުރެއްވި އެވެ.

މަޖިލީހުގައި އިންނެވި ގާނޫނީ ގޮތުން އެންމެ ފުންނާބު އުސް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ވެސް ގާނޫނު އަސާސީއަށް ބަދަލު ނުގެނެސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތެއް ނުހެދޭނެ އެވެ. ފްލޯ ކްރޮސްކުރުމުން ގޮނޑި ގެއްލޭނެކަން ކަނޑައަޅަން ޖެހޭނީ ގާނޫނު އަސާސީގައި ފަސްވަނަ ހާލަތެއްގެ ގޮތުގަ އެވެ. ގާނޫނަކުން ކަނޑައަޅަން ޖެހޭނީ އޭގެ ތަފްސީލްތައް ނުވަތަ އިޖުރާއުތައް ކަމަށެވެ.

"އެންޓި-ޑިފެކްޝަނަށް އަމަލުކުރާ ގައުމުތައް މަދުނަމަވެސް، އޭގެ ތެރެއިންވެސް ގިނަ ގައުމުތަކުގައި މިކަން ބަޔާންކޮށްފައި އޮންނަނީ، ގާނޫނުއަސާސީގައި މަޖިލިހުގެ ގޮނޑި ގެއްލޭ ހާލާތްތައް ބަޔާންކުރުމުގެ ތެރޭގައި، އެކަމުގެ އެއް ހާލަތުގެ ގޮތުގަ، އަދި، ތަފްސީލުތައް އައިސްފައި ހުންނަނީ، އެންޓި-ޑިފެކްޝަން ގާނޫނުތަކުގަ،" ނަޝީދު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.

ލީޑަރުންގެ ބާރު ގަދަވެ ރައްޔިތުންގެ ބާރު ނެތުން

މިއީ ސިޔާސީ ބޭފުޅުން އަދި ގާނޫނީ ބޭފުޅުން ވެސް ކަންބޮޑުވާ ކަމެކެވެ. މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުން ރައްޔިތުންގެ ބާރު ކެނޑިގެންދާނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. ބިލްގައިވާ ގޮތުން ޕާޓީގެ ވިޕްލައިނާ ހިލާފުވެއްޖެނަމަ ނުވަތަ ސުލޫކީ ފިޔަވަޅެއް މެންބަރަކަށް އަޅައިފިނަމަ އެ މެންބަރެއްގެ ގޮނޑި ނުގެއްލޭނެ އެވެ. އެކަމަކު ވިޕްލައިނާ ހިލާފުވެގެން ވިޔަސް އަޅާ ސުލޫކީ ފިޔަވަޅަކީ ޕާޓީން ވަކިކުރުން ކަމަށްވާނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލުނީ އެވެ.

އިދިކޮޅުގެ މަޖިލިސް މެންބަރުންތަކެއް - އަހުމަދު ޝުރާއު | އަވަސް

މިހެންވެ މެންބަރު ނަޝީދު އުފައްދަވަނީ މި ސުވާލެވެ؛ އިންތިހާބުވަނީ ޕާޓީ ތަމްސީލުކުރުމަށްތޯ ނުވަތަ ރައްޔިތުން ތަމްސީލުކުރުމަށްތޯ؟

"ކޮންމެ ޕާޓީއެއްގެ ޓިކެޓުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލިހަށް ހޮވުނުނަމަވެސް، މިހާތަނަށް ރައްޔިތުންނަށް ވިސްނިފައި އޮންނަނީ، މެންބަރުން އިންތިހާބުކޮށް މަޖިލިހަށް ފޮނުވަނީ، ވަކި ސިޔާސީ ޕާޓީއެއް ތަމްސީލުކުރަން ނޫން ކަމަށާއި، އެ އިންތިހާބީ ދާއިރާއެއްގެ ރައްޔިތުން ތަމްސީލުކުރުމަށް ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

އޭގެ ސަބަބުތައް ވެސް ދެއްކެވި އެވެ. ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ވަރަށް ސާފުބަހުން ބުނަނީ، ރައްޔިތުންގެ މަޖިލިހުގެ މެންބަރުން އަމަލުކުރަންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން ކަމަށެވެ. އަދި، މެންބަރުންގެ އިންތިހާބީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށް ރިއާޔަތްކުރުންވާނެ ކަމަށްވެސް އެ މާއްދާގައި ބުނެއެވެ. މިއީ ޕާޓީގެ ފިކުރާއި ޕާޓީލައިން ހިފަހައްޓަން ލާޒިމުވާނަމަ، ކުރެވޭނެކަމެއް ނޫންކަން ނަޝީދު ފާހަގަކުރައްވަ އެވެ.

"ވިޕްލައިނަކާ ހިލާފަށް ވޯޓެއްދީގެން ޕާޓީން ކަނޑާލުމަކީ، ނުވަތަ އިންތިހާބުވި ޕާޓީ ދޫކޮށްލުމަކީ، އިންތިހާބުކޮށްފައިވާ މެންބަރެއްގެ ރަސްމީ ވަޒީފާއަށް އަސަރެއް ކުރާގޮތަށް އޭނާގެ އިންތިހާބީ ގޮނޑި ގެއްލުވާލެވިދާނެ ސަބަބަކަށް ވާނެގޮތެއް ނޭނގޭ، ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާ ބުނާގޮތުން، ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީވެސް ދެމިއޮންނަނީވެސް ރައްޔިތުންގެ ކިބައިގައި ކަމުގައިވާއިރު، ރައްޔިތުންގެ މަސްލަހަތަށް ވުރެ ޕާޓީ ލައިން އިސްވަނީ ކިހިނެއް ކަމެއްވެސް ނޭނގެ،" ނަޝީދު ވިދާޅުވި އެވެ.

"މިހާރު މި ބިލް އޮތް ގޮތުން ޕާޓީތަކުގެ ލީޑަރުންނަށް އެބަ އޮތް މެންބަރުންނަށް ނުފޫޒު ފޯރުވެން، ޕާޓީން ކަނޑާލީމަ އެ ނިމުނީ، އެހެންވެ މެންބަރެއްގެ އަމިއްލަ ވިސްނުން އެއްކައިރިކޮށްފަ ލީޑަރުން އަންގާ ގޮތަށް ޖެހޭނީ ވޯޓު ދޭން، ޕާޓީއާ ހިލާފަށް ވެސް ވޯޓު ދޭން ޖެހޭ ހާލަތު އަންނާނެ، ގާނޫނު އަސާސީ ބައްޓަންވެފައި އޮންނަނީ ސިޔާސީ ޕާޓީތަކަށް ބާރު ދޭ ގޮތަކަށް ނޫން، ރައްޔިތު މީހާއަށް ބާރުތައް ލިބޭ ގޮތަށް، މި ބިލުން މި ލިބެނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް މެންބަރުންނަށް ބޭނުން ގޮތެއް ހަދާލުމުގެ ބާރު، ރައްޔިތުންގެ ބާރު ގެއްލެނީ،" ގައުމު ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް ފައްޔާޒު އިސްމާއިލްގެ ހިޔާލު ހުންނެވީ މިހެނެވެ.

އިދިކޮޅު ދެ މެންބަރުން ކަމަށްވާ މާރިޔާ އަދި ފައްޔާޒު: ބިލަށް ފާޑުވިދާޅުވި - އަހުމަދު ޝުރާއު | އަވަސް

ރައްޔިތުންގެ ބާރުގެ އިތުރަށް މި ބިލުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރެއް ވެސް ވަނީ ކަނޑުވާލާފަ އެވެ. އެއީ ރައްޔިތުންގެ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާނީ ސުޕްރީމް ކޯޓުން އެކަނި ކަމަށް ގާނޫނު އަސާސީގަ އޮންނަ އޮތުމެވެ. ރިފްއަތު ވިދާޅުވީ ސުޕްރީމް ކޯޓަށް އޮތް ބާރެއް އެހެން ވެސް ބަޔަކަށް ގާނޫނަކުން ނުދެވޭނެ ކަމަށެވެ. އެއީ ޕާޓީއެއްގެ ސުލޫކީ ކޮމެޓީއަކަށް ވެސް އަދި އިލެކްޝަން ކޮމިޝަނަށް ވެސް ގާނޫނަކުން ދެވޭނެ ބާރެއް ނޫން ކަމަށެވެ. ބިލްގައިވާ ގޮތުން ޕާޓީއަކުން މެންބަރުން ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ސުޕްރީމް ކޯޓުގެ ބަހެއް ނެތި ގެއްލޭނެ އެވެ.

ރިޔާސީ ސިފައެއް ނޫން، ފަރުވާއެއް ވެސް ނޫން

ފްލޯ ކްރޮސްކުރުމުން ގޮނޑި ގެއްލޭ ގޮތަށް އޮތުމަކީ ބަރުލަމާނީ ސިފައެކެވެ. އެހެން އޮންނަ ގިނަ ގައުމުތަކަކީ ބަރުލަމާނީ ނިޒާމް އޮންނަ ގައުމުތަކެވެ. އެންމެ ކައިރިންނަމަ އިންޑިއާ އެވެ. އެހެން އެގޮތަށް ވަނީ ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު އުފެދެނީ މަޖިލީހުގެ ތެރެއިން ކަމަށްވާތީ އިންތިހާބު ނިމި އަދި ސަރުކާރު އެކުލަވާލާއިރު މަޖިލީހުގެ ގޮނޑިތައް އެތިރިފައި ހުރި ގޮތަށް ހުރުމަކީ ސަރުކާރު ދެމިއޮތުމާ ސީދާ ގުޅިފައިވާ ކަމަކަށްވާތީ އެވެ. އެ ނިޒާމްގެ ގައުމުތަކަށް ފްލޯ ކްރޮސިންއާ ދެކޮޅީ އެހެންވެ އެވެ. ޕާޓީތަކުގެ ކޮންޓްރޯލްގެ ދަށަށް ޕާޓީގެ މެންބަރުން ގެނައުން ކޮންމެހެން މުހިންމުވާތީ އެވެ. އެހެންނޫނީ ސަރުކާރު ވެއްޓުމުގެ ބިރު ބޮޑެވެ. ނަމަވެސް ބަރުލަމާނީ ނިޒާމްގެ ގައުމުތަކުން ވެސް މި އުސޫލު މިހާރު ދަނީ ދޫކޮށްލަމުންނެވެ. ސައުތު އެފްރިކާ އާއި ނިއުޒިލެންޑްގައި އެފަދަ ދެ ގައުމެވެ. ބަރުލަމާނީ ނިޒާމް އޮންނައިރު އެ އުސޫލު ނުގެންގުޅޭ ގައުމުތައް ވެސް އެބަ އޮތެވެ. އިނގިރޭސިވިލާތް ފާހަގަކޮށްލެވެ އެވެ.

ރިޔާސީ ނިޒާމްތަކުގަ އެންޓި ޑިފެކްޝަން މުހިންމު ނުވާ ސަބަބު ނަޝީދު ވިދާޅުވެ ދެއްވި އެވެ. އެއީ ވެރިކަން ކުރާ ފަރާތުން ބޭނުންގާ ގޮތެއް ފާސްކުރުމުގެ ބަދަލުގައި މަޖިލީހުގެ ތެރެއިން ޒިންމާދާރު މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު އޮތުމެވެ.

"ރިޔާސީ ނިޒާމުތަކުގައި ޕާޓީގެ ލައިނާ ދެކޮޅަށް ވޯޓު ދިންނަމަވެސް ސަރުކާރަކީ، މަޖިލިހާ ވަކިން އޮންނަ ތަނެއް ވީމާ، ސަރުކާރުގެ ދެމިއޮތުމަށް، އެކަމުން އަސަރުނުކުރާތީ ޕާޓީއާ އެއްކޮޅަށް ވޯޓު ނުދިނުމަކީ މާބޮޑު މައްސަލައަކަށް ނުވޭ، ހަމައެކަނި ތަފާތަކަށްވަނީ ސަރުކާރުން ބޭނުންވާހާ ގޮތަކަށް އެ ސަރުކާރާ އެއް ޕާޓީއަކަށް ނިސްބަތްވާ މެންބަރުންގެ ވޯޓު ނުލިބުން، އަދި، މަޖިލިސް ތެރެއިން ކުރަންޖެހޭ ކަންކަން ކުރުމުގައި، ގިނަ މަޝްވަރާތަކެއް ކޮށްގެން، މެންބަރުންގެ ފަރާތުންވެސް ބައެއް ކަހަލަ ބަދަލުތައް ގާނޫނުތަކަށް ގެނެސްގެން ކޮމްޕްރޮމައިޒްކުރުމާއި ގިވް އެންޑް ޓޭކްގެ އުސޫލުން ކަންކަން ކުރަންޖެހުން،" ނަޝީދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު --

އެންޓި ޑިފެކްޝަން ބިލް ހުށަހެޅި ބޭނުމަކަށް ބުނެފައިވަނީ ސިޔާސީ އަދި މާލީ ނުފޫޒުތަކުން މަޖިލީސް އެއްކިބާ ކުރުމަށާއި އާންމުންގެ އިތުބާރު ލިބިފައި އޮތް ތަނަކަށް ހެދުމަށް ކަމަށެވެ. އެކަމަކު މި ބިލުން އެކަން ހާސިލުނުވާނެ ކަމަށް މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެ އެވެ. ސަބަބަކީ ނަޒާހަތްތެރިކަމަކީ އެމީހަކު އަމިއްލައަށް ހޯދައި އެއްޗެއް ކަމަށްވާތީ އެވެ. ނޫނީ އެކަމަށް ހާއްސަ ގާނޫނުތައް ކަމުގައިވާ އެންޓި ކޮރަޕްޝަން ގާނޫނު ފަދަ ގާނޫނުތަކުން އިތުކުރާ ކަމެއް ކަމަށެވެ.

"ނަޒާހަތްތެރިކަމަކީ އަމިއްލަ ނަފުސު، އަޅުގަނޑުގެ ނަޒާހަތްރިކަން ހިފަހައްޓާނީ އަޅުގަނޑު، ދެން އަޅުގަނޑާމެދު ތުހުމަތެއް ކުރެވޭނަމަ އެކަމާމެދު ސުވާލު އުފައްދައި އަޅުގަނޑަށް ފިލާވަޅު ދޭނީ ދާއިރާގެ ރައްޔިތުން، އަލުން އިންތިހާބުވާން ހޯދަން ދިޔައީމަ ރައްޔިތުން ގޮތެއް ނިންމާނެ،" އިންތި ވިދާޅުވި އެވެ.

މެންބަރު ނަޝީދު ވަނީ މިފަދަ ގާނޫނެއް ގެނައުމުގެ ބަދަލުގައި މިކަމަށް އޮތް އެހެން ހައްލެއްގެ ހިޔާލު ދެއްވާފަ އެވެ. ދައުރުގެ ތެރޭގައި ގޮނޑި ބަދަލުކޮށްފިނަމަ، އޭނާގެ އިންތިހާބީ ހައިސިއްޔަތު ދައުރުގެ ބާކީއޮތް މުއްދަތަށް ދަމަހައްޓަން ފެނޭތޯ އޭނާގެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. ރިކޯލް ވޯޓެއްގެ ފުރުސަތު ރައްޔިތުންނަށް ދިނުމެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ އަދި އެއްބަސްވެވަޑައިގަންނަވާ އެއް ކަމަކީ މި ބިލް ދުސްތޫރީ ނިޒާމާ ފުށު އެރުމެވެ. އެކަންކަން ހައްލުކޮށްގެން ނޫން ގޮތަށް މި ބިލް ފާސްކޮށްފިނަމަ ނުކުންނަ ނަތީޖާ ރަނގަޅެއް ނުވާނެ އެވެ. ދުސްތޫރީ ނިޒާމަށް އިތުރު ލޮޅުންތައް އަރާނެ އެވެ. މަޖިލީހުގެ ތެރެއިން ބިލަށް ބަދަލުތަކެއް އައުމަކީ އެންމެންގެ ވެސް އުއްމީދެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
 • ސިމްޕްލް

  އެންޓި ޑިފެކްޝަން ބިލަށް މާދަމާ ބަހުސްކުރަން ފަށަނީ ނަމަ އުއްމީދަކީ މާދަމައިން މާދަމަ އަށް މިބިލް ގެ މަސައްކަތް ނިންމަން

  1
  CLOSE
 • ދަވަންސް

  މުޅި ނިޒާމް ބޮއްސުންލާފައި، ރަނގަޅުކުރާނީ ކިހިނެއްތޭ އެކަން ކަން އަދި ދަ ރާއްޖެތެރޭން މާލެ އަށް އަރާ ތިބޭ ދަ ރާއްޖެތެރޭ މީހުންނަށް ނުވިސްނި ހިނގައިދާނެއޭ އެއީ މައްސަލަ އެއް ނޫނޭ މަމެން ޕިންކީން ނަށް އިނގެއޭ އެކަން ކަން ރަނގަޅު ކުރާނެ ގޮތް. އެކަން ކުރެވޭނީ ދަ ހާކިމާ ގެ ބަސް ގަބޫލުކުރާ މީހުން މިނިވަން މުވައްސަސާ ތަކުގެ ބޮޑުންނަށް ލައިގެން ނޭ އެއިރުން ހުރިހާ ކަމެއް ދާނީ ބަރާރަށް ރަނގަޅު މަގުންނޭ އެހެންވެގެންނޭ 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓް ލި މީހުންގެ %85 އިން މަމެންނަށް ވޯޓް ލިބި މަމެންނަށް ދަ ހާކިމާ ގެ މަަގާމް ލިބުނީ. މިގައުމުގައި އޮންނަން ޖެހޭނީ ހަމަ އެކަނި ދަ ހާކިމާ ގެ ބާރޭ އެހެން މީހެއްގެ ބާރު އޮވެގެން ނުވާނެއޭ އިޓްސް ދަ އީޒިއެސްޓް ތިންގް ޓު ޑޫ ދޯ.

  2
  CLOSE
 • ސުމަން މިޔާ

  ނިޒާމާ އެކަންޏެއް ނޫން، ރައްޓެހި ބިލެއް ނޫން ތިއީ!

  2
  1
  CLOSE
 • ކާންޓް

  އެންޓި ޑިފެކްޝަން ބިލް ނިޒާމާއި ރައްޓެއްސެން ނޫނޭ ކިޔާ ޕްރޮޕެގެންޑާ އެފަތުރަނީ އެއީ މަޖްލީސް މެމްބަރު ކަަމަށް އައިސްގެން ކަޓް ކާން ބޭނުންވާ މީހުންނޭ އެންޓިޑިފެކްޝަން ބިލެއް އޮންނަން ޖެހޭނެ ކަން ސްޕްރީމް ކޯޓުގެ 2107 ވަނަ އަހަރުގެ 17 ވަނަ ގަޒިއްޔާ އިން އިނގެން އެބައޮތޭ. ދެން އެކަން އޮޅުވާލާ މަކަރާއި ހީލަތް ހަދަން ވެގެން ކަނޑުކޮސް ލޯޔަރޭ މެން ތަކެއް ކަނޑު ކޮސް އެގޮވަނީ އެއީ އެމެން ކަޓް ކާން ވެގެން ނޭ އެމެން ދާން ޖެހޭނީ މަހަށޭ މަމެން ހަމަ އެންޓިޑިފެކްޝަން ގާނޫނު ފާސް ކުރާނަމޭ އެއިރުންނޭ ރަންރީނދޫ ޓްވިޓަރޭ ތަމެން މަރުފަލި ޖަހައިގެން އެމްޑީޕީ އަށް ހޮވާ ދަ ބަނޑު އަކިރިން އެމްޕީން ނަށް ވުމުން އެމެންނަށް ކަޓް ކާލައިގެން ޕާރޓީ ބަަދަލު ނުކުރެވޭނީ. މީ އޭ މިކަން އޮންނަން ޖެހޭނެ ގޮތަކީ. އޯއް އައި ކާންޓް ބިލީވް އިޓްސް ސޯ ހެޕީ ގްލޯވިންގް..

  1
  3
  CLOSE
 • އިބްރާހީމް

  ތިޔަ ބުނާ ގަޒިއްޔާގެ ފަހުން 1 ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން އަމުރެއްވެސް ކޮށްފައިވޭދޯ 2017 ވަނަ އަހަރުގެ 17 ވަނަ ގަޒިއްޔާ ބާޠިލްކަމަށް ކަނޑައަޅާ. އަދި އޭގެ އިތުރުން އެ އަމުރުގަ އޮވޭދޯ ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް. ކީއްވެބާ އެ އަމުރު ތަންފީޒު ނުކުރީ. ބިރުން އުތަ؟ އެކަމު ބުނާނެ ތިމާމެން ވަރުގެ ގަޓުހުރި ބަޔަކު ނުތިބޭނެއޭ.

  CLOSE

ފަހުގެ ޚަބަރު