މަގުމަތީގެ އެކްސިޑެންޓް

އައްޑޫގައި އެކްސިޑެންޓެއްވެ މީހަކު މަރުވެއްޖެ

Mar 10, 2018
1

އައްޑޫ ސިޓީ ލިންކް ރޯޑްގައި އެކްސިޑެންޓެއްވެ މީހަކު މަރުވެއްޖެ އެވެ. އެކްސިޑެންޓް ހިނގީ މީގެ އިރުކޮޅެއް ކުރިންނެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ލިންކް ރޯޑުން ހިތަދޫގައި ހުންނަ ކުނިކޮށި ކައިރިން ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓްގައި މަރުވެފައިވަނީ ސައިކަލް ދުއްވަން އިން މީހާ އެވެ. އެއީ މެދު އުމުރުގެ ފިރިހެނެކެވެ. އޭނާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނެތެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެނައި އިރު ވެސް މަރުވެފައިވާ ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި ކާރުގައި ތިބި މީހުންނަށް ވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އެކްސިޑެންޓް ހިނގި އިރު ކާރުގައި ތިބީ ތިން މީހުންނެވެ. އޭގެ ތެރެއިން އެކެއްގެ ލޮލަށް ގެއްލުންވެފައިވާ އިރު ދެންތިބި ދެމީހުންނަށް މާ ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި މިހާރު އެ ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މިރޭ 7:05 ހާއިރު ހިނގި މި އެކްސިޑެންޓްގައި ކާރަށާއި ސައިކަލަށް ވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.