ހަބަރު

އަދީބުގެ ލޮލަށް ފަރުވާ ނުދޭތީ އާއިލާގެ ކަންބޮޑުވުން

Mar 10, 2018
1

ޖަލުގައި ހުކުމް ތަނަފީޒު ކުރަމުން އަންނަ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ލޮލަށް އަޅަމުން އައި ބޭސް އެޅުން ހުއްޓާލާފައިވާތީ އާއިލާއިން ކަންބޮޑުވުންފާޅުކޮށްފި އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ ޓްވީޓެއް ކުރައްވާފަ އެވެ. އެ ޓްވީޓްގައި ވަނީ، "މަސައްކަތް ކުރަމުންދަނީ އަދީބު ރަހީނުކޮށްގެން އޭނާގެ ލޯ އަނދިރިކޮށްލަންތޯ،" ސުވާލުކުރައްވާފަ އެވެ.

މީގެކުރިން އަދީބުގެ ގަޔަށް ސުވާލު އުފެދޭ އިންޖެކްޝަނެއް ޖެހުމަށް މަސައްކަތް ކުރިކަން ވެސް ނަޝްވާ ފާހަގަކުރައްވާފައިވެ އެވެ.

އަދީބު ރާއްޖެއިން ބޭރަށް ގެންގޮސް ފަރުވާ ދިނުމަށް އަންގާފައިވާ ލިޔުމެއް ކަރެކްޝަނަލް ސާވިސްއިން އޭނާގެ އާއިލާއާ ވަނީ ހަވާލުކޮށްފަ އެވެ. އެ ލިޔުމަކީ މިދިޔަ މަހުގެ އެއްވަނަ ދުވަހު އައި ކެއާއަށް އަދީބު ދެއްކުމުން ދީފައިވާ ލިޔުމެކެވެ. އެ ލިޔުމަކީ ޑރ. ސްރިނިވާސް ޝެޓީ ކަލްޕަޑީ ދީފައިވާ ލިޔުމެކެވެ. ލިޔުމުގައިވާ ގޮތުން، ރާއްޖެއިން ބޭރަށް ގޮސް ގުލަކޯމާ ސްޕެޝަލިސްޓަކަށް ދައްކަން ވަނީ އަންގާފަ އެވެ.

އަދީބުގެ ލޮލުގެ ހާލަތު ގޯސްވެފައިވަނީ ލޮލުގެ ނުރައްކާތެރި މައްސަލައެއް ކަމަށްވާ ގުލައުކޯމާ ޖެހިފައިވާތީ އެވެ. އެކަން އައިޖީއެމްއެޗްގެ ޑޮކްޓަރުން އަދީބަށް އެންގިތާ މިހާރު އެތައް މަހެއް ވަނީ ވެފަ އެވެ. ލޮލުގެ ސިއްހީ މައްސަލައެއް ކަމަށްވާ "ކެޓެރެކްޓް" އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

އަދީބު ބޭސްފަރުވާއަށް ބޭރަށް ދިޔުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ. ސަރުކާރުން ބުނަނީ އަދީބަށް ބޭރަށް ވަޑައިގެންނެވޭނީ ދައުލަތަށް ދައްކަންޖެހޭ ފައިސާތައް ދެއްކުމަށްފަހު ކަމަށެވެ. ނަމަވެސް މިހާތަނަށް އަދީބުގެ މައްޗަށް ފައިސާތަކެއް ދެއްކުމަށް އެއްވެސް ހުކުމެއް ކޮށްފައެއް ނުވެ އެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް ޖިނާއީ ދައުވާތަކެއް ސާބިތުވެ މިހާރު ވެސް އިތުރު ދައުވާތަކެއް ހިންގަ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގައި މަދަނީ ދައުވާއެއް ނުކުރެ އެވެ. މިހާރު ގާނޫނު އޮތް ގޮތުން ހިޔާނާތުގެ ފައިސާ ހޯދާނީ ވަކިން މަދަނީ ދައުވާކޮށްގެންނެވެ.

އަދީބަށް ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ ސިވިލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ.