މިއުޒިކް

އިޝާން އަދި ނާޒިހު ކަޓާއި، ގާލާ ރައުންޑުގެ ބައިވެރިން ޔަގީންވެއްޖެ

މޯލްޑިވިއަން އައިޑޮލްގެ ޕިއާނޯ ރައުންޑުގެ ފަހު ބުރުން މިރޭ ޝޯ އިން ވަކިވާންޖެހުނީ އިޝާން އަދި ނާޒިހް އެވެ.

މި ދެ ބައިވެރިން ކެޓުމާއެކު ރޭ ވާދަކުރި ބާކީ ތިބި ހަ ބައިވެރިން ދާނީ ގާލާ ރައުންޑަށެވެ. ގަދަ ހަ ބައިވެރިން ހޮވާފައި ވަނީ އާންމުންގެ ވޯޓުގެ 50 ޕަސެންޓާއި ޖަޖުންގެ މާކްސްގެ 50 ޕަސެންޓުން ލިބުނު ނަތީޖާއަށް ބަލާފަ އެވެ.

މިރޭ ގާލާ ރައުންޑަށް ދަތުރުކުރި ހަ ބައިވެރިންނަކީ ސައިނާ، ތަސްލީމް، ޝަމީލް، ނައުޝާ، ސަލްވާ، އަދި ޝަހްދާން އެެވެ.

މި ބައިވެރިންނާއެކު މިދިޔަ ހަފްތާއި އޮތް ޕިއާނޯ ރައުންޑުގެ ފުރަތަމަ ބުރުން ކާމިޔާބު ހޯދި ހަ ބައިވެރިންނާއެކު ޖުމްލަ 12 ބައިވެރިން ގާލާ ރައުންޑަށް މިހާރު ވަނީ ގޮސްފަ އެވެ. އެ ހަ ބައިވަރިންނަކީ ޝާން، މުނާޒް، މައީޝާ، މުރްޝިދް، އަޒަލް، އަދި ރައިހާން އެވެ.

ގާލާ ރައުންޑުގެ ހުށަހެޅުންތައް ފަށާނީ އަންނަ ހުކުރު ދުވަހުގެ ރޭގަ އެވެ. ގާލާ ރައުންޑުގައި ކޮންމެ ހަފްތާއަކު އެއް ބައިވެރިޔަކަށް ޝޯ އިން ވަކިވާންޖެހޭނެ އެވެ. ކޮންމެ ހަފްތާއަކު ބައިވެރިޔަކު ވަކިކުރަމުން ގޮސް ގްރޭންޑް ފިނާލޭގައި ވާދަކުރާނީ ތިން ބައިވެރިންނެވެ.