މޯލްޑިވިއަން އައިޑޮލް

ދެން ފަށާނީ އައިޑޮލްގެ އަސްލު ދަތުރު!

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ޕިއާނޯ ރައުންޑުގެ ފަހު ބުރު ރޭ ވަނީ ނިންމާލާފަ އެވެ. އެއާއެކު އައިޑޮލްގެ އަސްލު ދަތުރު، ގާލާ ރައުންޑަށްދާ ގަދަ 12 ބައިވެރިން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ގާލާ ރައުންޑުގައި ވާދަކުރާނެ ގަދަ 12 ބައިވެރިންނަކީ އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަސްލީމް އަބްދުލް ކަރީމް، އިބްރާހިމް ޝަމީލް، ނައުޝާ އަބްދުލް ލަތީފް، މަރިޔަމް ސަލްވާ، ހަސަން ޝަހުދާން، ޝާން ޝަރީފް، އަބްދުﷲ މުނާޒް، މަރިޔަމް މައީޝާ، އަބްދުﷲ މުރުޝިދް، އައިޝަތު އަޒަލް ޒާހިރު، އަދި ރައިހާން އާދަމް އެވެ.

ރޭ އޮތް ޕިއާނޯ ރައުންޑުގެ ފަހު ބުރުން ޝޯއިން ވަކިވާންޖެހުނީ މޫސާ އިޝާން އަދި އަހްމަދު ނަޒީހު އެވެ. ޕިއާނޯ ރައުންޑުގެ ފުރަތަމަ ބުރުން ޝޯއިން ވަކިވީ ނިޝްފާ އަދި އަހްމަދު އިޝާމް އެވެ.

ރޭގެ ޝޯއަށް ބަލާއިރު އެންމެ ފާހަގަކޮށްލޭ ހުށަހެޅުމެއް ފެނިގެންދިޔައީ ޝަމީލް އަދި ސައިނާގެ ފަރާތުންނެވެ. ރޭގައި ލަވަތައް ހުށަހަޅާފައި ވަނީ ޑުއްޓުކޮށް ދެ ބައިވެރިން އެކީގަ އެވެ. އެ ދެބައިވެރިން ހުށަހަޅާދިން ލަވައަކީ "ރީތީ ހީލީމާ" އެވެ. ލަވަ ކިޔަމުންދިޔައިރު އެ ދެ ބައިވެރިންގެ ކެމިސްޓްރީ ދިމާވުމުން ގިނަ ބެލުންތެރިންގެ ތައުރީފުވެސް ލިބުނެވެ.

ސައިނާ އަދި ޝަމީލް ރޭގެ ހުށަހެޅުމުގެ ތެރެއިން.

ޖަޖުންގެ ކޮންމެންޓްސްއަށް ބަލާއިރު ޖަޖު ޒާރާ ބުނީ "ހީވަނީ ހަމަ ރެކޯޑިންއެއް އަޑުއަހާލިހެން" އެވެ. ޖަޖު އުނޫޝާ "ގޯލްޑެން ޕާފޯމަންސް" އެކޭ ބުނިއިރު ޖަޖު އަފްއާން އަދި އައްމަޑޭގެ ފަރާތުންވެސް ތައުރީފުތައް ލިބުނެވެ. މި ދެ ބައިވެރިންނަކީވެސް ތިއޭޓާ ރައުންޑުން ގޯލްޑެން މައިކް ކާމިޔާބުކޮށްފައިވާ ދެ ބައިވެރިންނެވެ.

އެންމެ ފޯރިގަދަ ހުށަހެޅުމަކަށް ރޭ ފެނިގެންދިޔައީ އިޝާން އަދި ނައުޝާދުގެ ފަރާތުންނެވެ. އެ ދެ ބާއިވެރިން ހުށަހަޅާދިނީ ފޯރި އަރާ ދިވެހި ކްލެސިކް ލަވައެއް ކަމަށްވާ "ޖާނޭ ދޫވި ޖާން" އެވެ. އެ ދެ ބައިވެރިންގެ މަޖާ ހަރާކާތްތަކާއެކު ލަވަ ނިމުނުއިރު ޖަޖުންނާއި ބެލުންތެރިންވެސް ތިބީ "ހީލީމާ ގުރުބާން" ވެފަ އެވެ.

އިޝާން އަދި ނައުޝާދުގެ ރޭގެ ހުށަހެޅުމުގެ ތެރެއިން.

ޖަޖު އައްމަޑޫ އަދި އައްފާންގެ ހުށަހެޅުމެއްވެސް ރޭ ފެނިގެންދިޔަ އެވެ.

ޖަޖު އައްފާން އަދި އައްމަޑޭ ރޭގެ ޝޯގައި ލަވައެއް ކިޔަނީ.

ގާލާ ރައުންޑުގެ ހުށަހެޅުންތައް ފަށާނީ އަންނަ ހުކުރު ދުވަހުގެ ރޭގަ އެވެ. ގާލާ ރައުންޑުގައި ކޮންމެ ހަފްތާއަކު އެއް ބައިވެރިޔަކަށް ޝޯ އިން ވަކިވާންޖެހޭނެ އެވެ. ކޮންމެ ހަފްތާއަކު ބައިވެރިޔަކު ވަކިކުރަމުން ގޮސް ގްރޭންޑް ފިނާލޭގައި ވާދަކުރާނީ ތިން ބައިވެރިންނެވެ.