ހަބަރު

ރައީސާއި އޭޖީ އަދި ޕީޖީ ހިމެނޭ ގޮތަށް ފާރިސްގެ ފަރާތުން 62 ހެއްކެއް

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާއިން ސަލާމަތްވުމަށް ފާރިސްގެ ފަރާތުން ގިނަ ހެކިތަކެއް ހުށަހަޅައިފި އެވެ. އެގޮތުން 62 މީހެއްގެ ނަން ހުށަހަޅާފައިވާއިރު 11 ލިޔުމެއް ވެސް ހެކީގެ ގޮތުގައި ވަނީ ހުށަހަޅާފަ އެވެ.

މިއަދު މައްސަލާގައި ބޭއްވި އަޑުއެހުމުގައި ފާރިސްގެ ފަރާތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީނާއި ބަންޑާރަ ނައިބު މުހައްމަދު އަނިލާއި ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމާއި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ހިމެނެ އެވެ.

އޭގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލާގައި ސޮއިކުރެއްވި 44 މެންބަރުންގެ ނަން ވެސް ހުށަހެޅި އެވެ. އޭގެ ތެރޭގައި ސޮއިއާމެދު ސުވާލު އުފައްދައި ވާހަކަ ދެއްކެވި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވެސް ހިމެނެ އެވެ. އަދި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ ނަން ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އެއީ އޭނާ ވިދާޅުވި ފައިސާ ގޯނީގެ މައްސަލަ ނުބަލާކަން ސާބިތުކޮށް ފާރިސް ވީމަ ތަފާތުކުރާކަން ސާބިތުކުރުމަށެވެ.

ފާރިސްގެ މައްސަލާގެ ތަހުގީގުގައި ބައިވެރިވި ހަ ފުލުހެއްގެ ނަން ހުށަހެޅިއިރު އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީގެ ނަމާއި އެސިސްޓެންޓް ޕީޖީ ހުސެއިން ނާޝިދުގެ ނަން ވެސް ހެކީންގެ ގޮތުގައި ހުށަހެޅި އެވެ. އޭގެއިތުރުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ ވެރިޔާ ހަސަން ސައީދުގެ ނަން ވެސް ހުށަހެޅި އެވެ. އަދި، ދައުލަތުން މައްސަލާގައި ހުށަހަޅާފައިވާ ސިއްރު ހެކިވެރިޔާ އާއި ފާރިސްއާއެކު ހައްޔަރުކުރި އަހުމަދު ޝާފިއުގެ ނަން ވެސް ވަނީ ހުށަހަޅާފަ އެވެ.

އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ޗެނަލް 13 އަށް ދެއްވި އިންޓަވިއުއަކާއި ޕީޕީއެމް ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަތަކާއި ރާއްޖެޓީވީއަށް އަހުމަދު ޝާފިއު ދިން އިންޓަވިއުއަކާއި ލީކްވެފައިވާ ޝާފިއުގެ ފޯނު ކޯލާއި ޝާފިއުގެ މައްސަލާގައި ހައިކޯޓުން އިއްވި ހުކުމް ވަނީ ކިތާބީ ހެކީގެ ގޮތުގަބ ހުށަހަޅާފަ އެވެ. އޭގެއިތުރުން އަހުމަދު ރަޝީދު، ޝާފިއުއަށް ފޮނުއްވި މެސެޖްތަކާއި އަހުމަދު ރަޝީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީ އާއި މަސީހުގެ އިތުބާރު ނެތް ކަމުގެ ގަރާރާއި ފާރިސް ރިޝްވަތު ނުދެއްވާ ކަމަށް ވިދާޅުވެ މެންބަރުން ކުރެއްވި ޓްވީޓްތައް ވެސް ހުށަހެޅި އެވެ. އަދި ދައުލަތުން ހުށަހަޅާ މޮބައިލް ފޮރެންސިކް ރިޕޯޓާއި އޯޑިއޯ އެނާލިސިސް ރިޕޯޓާއި ޝާފިއުގެ ބަޔާން ވެސް ހުށަހެޅި އެވެ.

ދައުލަތުގެ ފަރާތުން ފާރިސްއާ ދެކޮޅަށް ހުށަހެޅީ ތިން ފުލުހަކާއި ފާރިސްގެ ގެއިން ފެނުނު އޭފޯ ގަނޑަކާއި ފާރިސް އާއި ޝާފިއުއާ ދެމެދު ދެކެވޭ ވާހަކަތަކެއްގެ ވީޑިއޯ އާއި އޭގެ ސްކްރިޕްޓާއި އޯޑިއޯ އެނާލިސިސް ރިޕޯޓާއި ފާރިސް ފޯނުގެ ފޮރެންސިކް ރިޕޯޓެވެ. ދެން ހުށަހަޅާފައިވަނީ ޝާފިއު އާއި ސިއްރު ހެކިވެރިއެކެވެ.

ދައުލަތުން ފާރިސްގެ ގެއިން ފެނުނު އޭފޯ ގަނޑު ހެކީގެ ގޮތުގައި ހުށަހަޅާފައިވާތީ ފާރިސްގެ ފަރާތުން ވަނީ މައްސަލަ ޖައްސާފަ އެވެ. އެ ގަނޑަކީ މަސީހުގެ މައްސަލާގައި ސޮއި ކުރެއްވި މެންބަރުންގެ ނަންތައް ލިޔެފައިވާ ގަނޑެއް ކަމަށް ދައުލަތުން ބުނެ އެވެ. މީގެކުރިން އެ ގަނޑާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލް ވިދާޅުވެފައިވަނީ އެ ގަނޑު ހެކީގެ ގޮތުގައި ހުށަހަޅަން ބޭނުންނުވާ ކަމަށާއި އެއީ އެކަށީގެންވާ ހެއްކެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އެހެންވެ ފުރަތަމަ ހެކިން ހުށަހެޅިއިރު އެ ގަނޑު ހެކީގެ ގޮތުން ހުށަހައެއް ނާޅަ އެވެ. އެ ދުވަހު ދައުލަތުން ވަޑައިގަތީ މިއަދު ވަޑައިގެންނެވި ވަކީލެއް ނޫނެވެ.

މިއަދު ދައުލަތުގެ ފަރާތުން ވަޑައިގެން ވަކީލް ވިދާޅުވީ، އެވެސް ހެކީގެ ގޮތުގައި ހުށަހަޅާ ކަމަށެވެ. އަދި، އޭފޯ ގަނޑު ހެކީގެ ގޮތުގައި ހުށަހަޅަން ބޭނުންނުވާ ކަމަށް ކުރިން ވަޑައިގެން ދައުލަތުގެ ވަކީލް ވިދާޅުވިތޯ ޖެހޭނީ ސާފުކުރަން ކަމަށް ވެސް ވިދާޅުވި އެވެ. އެ ގަނޑު ސިއްރުކުރަން ވެސް ދައުލަތުން އެދެ އެވެ. އެއީ އެ ގަނޑުގައި ސިއްރު ހެކިވެރިޔާގެ ނަން ލިޔެފައިވާ ކަމަށް ބުނެ އެވެ.

މިކަމާ ގުޅިގެން ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ހެކި ސިއްރުކުރުމަށް އެދުމާއި ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކި ހާމަކުރުމުގެ މަރުހަލާ މިހާރު ނިމިފައިވާ ކަމަށެވެ. އެހެންވެ އެ ގަނޑު ހެކީގެ ގޮތުގައި ހުށަހެޅުމުގެ ފުރުސަތު މިހާރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ނެތް ކަމަށެވެ. މިއަދު މި މައްސަލަ ބެއްލެވުމާ ހަވާލުވެވަޑައިގެންނެވި ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

މި މައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުގެ ހެކިންގެ ހެކި ބަސް ނަގާނެ އެވެ. ފާރިސްގެ ފަރާތުން ހުށަހެޅި ހެކިތަކުގެ ތެރެއިން ހާޒިރުކުރާނެ ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކައި އެއާމެދު ގޮތެއް ނިންމާނީ އޭގެ ފަހުންނެވެ.