ހަބަރު

ފާރިސް ޝަކުވާކޮށްފައިވާތީ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްފި

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާ ބައްލަވާ ގާޒީ ބަދަލުކޮށްފި އެވެ. ކުރިން މައްސަލަ ބެއްލެވީ ކުރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމެވެ. މިހާރު އެ މައްސަލަ ހަވާލުކޮށްފައިވަނީ އަލަށް ކުރިމިނަލް ކޯޓަށް އައްޔަންކުރެއްވި ގާޒީ އަހުމަދު ހައިލަމަށެވެ.

ފާރިސްގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމަކީ އިބްތިދާއީ އަޑުއެހުންތައް ނިންމާލައި ޝަރީއަތް ފެށުމަށް ބޭއްވި އަޑުއެހުމެކެވެ. އަޑުއެހުމުގައި ގާޒީ ހައިލަމް ވިދާޅުވީ އެ މައްސަލަ ބެއްލެވުމަށް އޭނާއާ ހަވާލުކޮށްފައިވަނީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފް ކަމަށެވެ.

އިސް ގާޒީ އެގޮތަށް ނިންމަވާފައިވަނީ ފާރިސްގެ ފަރާތުން ވެސް ގާޒީ ބަދަލުކޮށްދިނުމަށް އެދިވަޑައިގެންފައިވާތީ އާއި ފާރިސްގެ މައްސަލަ ކުރިން ބެއްލެވި ގާޒީ އަލީ އާދަމް މިހާރު ވެސް ގިނަ މައްސަލަތަކެއް ބައްލަވަމުން ގެންދަވާތީ ކަމަށް ގާޒީ ހައިލަމް ވިދާޅުވި އެވެ. ފާރިސްގެ މައްސަލަ ވެސް އަވަސްކޮށް ކުރިއަށް ގެންދަން ބޭނުންވާތީ އިސް ގާޒީ ނިންމެވި ނިންމުމެއް ކަމަށެވެ.

ގާޒީ ހައިލަމްއަކީ ކުރީގެ ޕީޖީ ވަކީލެކެވެ. ފާރިސްގެ މައްސަލަ ކޯޓަށް ފޮނުއްވިއިރު ވެސް ގާޒީ ހައިލަމް ހުންނެވީ ޕީޖީ އޮފީހުގަ އެވެ. އެހެންވެ ފާރިސްގެ ވަކީލް މައުމޫން ހަމީދު ވަނީ ގާޒީ ހައިލަމް އެ މައްސަލައިން ތާނަޒުލްވެވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް ގާޒީ ހައިލަމް ވިދާޅުވީ ޕީޖީ އޮފީހުގެ ތެރެއިން އެ މައްސަލާގައި އެއްވެސް ވަރަކަށް ބައިވެރިވަޑައިގެންފައިނުވާނެ ކަމަށެވެ.

ގާޒީ ހައިލަމް މައްސަލަ ހަވާލުވެޑައިގެންނެވިއިރު މީގެކުރިން އެ މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމްގެ އަމުރެއްގެ ދަށުން ފާރިސް މިނިވަންކުރި އެވެ. ނަމަވެސް ފަހުން އެ ކޯޓުގެ އެހެން ގާޒީއެއްގެ އަމުރަކާއެކު ފާރިސް އަނެއްކާވެސް ހައްޔަރުކުރި އެވެ. މުޅިން އާ މައްސަލައެއްގެ ތުހުމަތަށެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުން ވަނީ ފާރިސް މިނިވަންކުރުމަށް އަމުރުކޮށްފަ އެވެ.

އެ އަމުރާ އެއްގޮތަށް ފާރިސް މިނިވަންކުރުމަށްފަހު އަނެއްކާވެސް ފާރިސް ހައްޔަރުކުރި އެވެ. މިހާރު ފާރިސް ހައްޔަރުގައި ހުންނެވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެެވެ. އެވެސް މުޅިން އާ ތުހުމަތެއް ކަމަށްވާ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށެވެ.