ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތުގައި ޕްރޮސިކިއުޓާ ޖެނަރަލަށް އިތުރު އޮޅުމެއް އަރައިފި އެވެ. މިފަހަރު މައްސަލަ ޖެހިފައިވަނީ ހެއްކެެއް ހުށަހެޅުމުގަ އެވެ.
މީގެކުރިން ފާރިސްއަށް ދައުވާކުރުމުގައި ދައުވާކުރި މާއްދާ ނުބައިކޮށް ޕީޖީއިން ޖަހާފައިވެ އެވެ. އޭގެފަހުން ފާރިސްގެ ފޯނު ފޮރެންސިކް ރިޕޯޓްގަ ވެސް މައްސަލައެއް ޖެހިގެން އެކަން ފާހަގަކޮށްފައިވެ އެވެ.
އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ވަނީ މި މައްސަލާގައި ފާރިސްއާ ދެކޮޅަށް ނުވަ ހެއްކެއް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މިއަދު ޝަރީއަތް ފެށުމަށް ބޭއްވި އަޑުއެހުމުގައި ޖުމްލަ 10 ހެއްކެއް ހުށަހެޅި އެވެ. އެއް ހެކި ވަނީ އިތުރުވެފަ އެވެ. އެއީ ފާރިސް ދިރިއުޅުއްވާ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި ފެނުނު އޭފޯ ސައިޒް ގަނޑެކެވެ. އެ ގަނޑުގައި ސިއްރު ހެކިވެރިޔާގެ ނަން ލިޔެފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.
އެކަމާ ގުޅޭ ގޮތުން ފާރިސްގެ މައުމޫން ހަމީދު ސުވާލުކުރެއްވި އެވެ. އާ ހެއްކެއް ހުށަހެޅުމާ ގުޅިގެންނެވެ. ދައުލަތުގެ ވަކީލް ރީޝާ ވިދާޅުވީ އެއީ އާ ހެއްކެއް ނޫން ކަމަށާއި އެ ހެކީގެ ވާހަކަ ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާނެ ކަމަށެވެ. އަދި އެ ގަނޑު ފެނުނުކަން ސާބިތުކުރަން ތިން ފުލުހެއްގެ ނަން ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވާނެ ކަމަށެވެ.
އިބްތިދާއީ އަޑުއެހުންތަކަށް ދައުލަތުގެ ފަރާތުން ވަޑައިގެންނެވީ އެހެން ވަކީލެކެވެ. އޭފޯ ގަނޑު ފެނުނުކަން ސާބިތުކުރުމަށް ފުލުހުންގެ ނަން ހުށަހެޅުމަށްފަހު އެ އޭފޯ ގަނޑު ހެކީގެ ގޮތުގައި ހުށަނާޅާތީ ފާރިސްގެ ވަކީލުން މައްސަލަ ވެސް އޭރު ޖައްސާފައިވެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ބޮޑު ބަހުސެއް ވެސް ކުރެވުނެވެ. އެއީ ފެނުނު އެތި ހުށަނާޅާ، އެ ފެނުނުކަން ސާބިތުކުރުމަށް ހެކިންތަކެއް ހުށަހެޅުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ފާރިސްގެ ފަރާތުން ބުނެ އެވެ.
ނަމަވެސް އޭރު ދައުލަތުގެ ފަރާތުން ވަޑައިގެންނެވި ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ އެ ގަނޑު ހުށަނާޅަ ވަނީ ހެއްކެއްގެ ގޮތުގައި އެ ގަނޑު އެކަށީގެންވާ ކަމަށް ގަބޫލުނުކުރައްވާތީ ކަމަށެވެ. އެ ގަނޑު ހެކީގެ ގޮތުގައި ހުށަހަޅަން ބޭނުންނުވާ ކަމަށް އެ ވަކީލް ވިދާޅުވި އެވެ.
މިއަދު ދައުލަތުގެ ފަރާތުން ވަޑައިގެން ވަކީލް ރީޝާ ވިދާޅުވީ، އެވެސް ހެކީގެ ގޮތުގައި ހުށަހަޅާ ކަމަށެވެ. ހެކިންގެ ލިސްޓްގައި އެކަން ފާހަގަނުކުރެވި ވަނީ އޮޅުމަކުން ކަމަށެވެ. އަދި، އޭފޯ ގަނޑު ހެކީގެ ގޮތުގައި ހުށަހަޅަން ބޭނުންނުވާ ކަމަށް ކުރިން ވަޑައިގެން ދައުލަތުގެ ވަކީލް ވިދާޅުވިތޯ ޖެހޭނީ ސާފުކުރަން ކަމަށް ވެސް ވިދާޅުވި އެވެ. އެ ގަނޑު ސިއްރުކުރަން ވެސް ދައުލަތުން އެދެ އެވެ. އެއީ އެ ގަނޑުގައި ސިއްރު ހެކިވެރިޔާގެ ނަން ލިޔެފައިވާ ކަމަށް ބުނެ އެވެ.
މިކަމާ ގުޅިގެން ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ހެކި ސިއްރުކުރުމަށް އެދުމާއި ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކި ހާމަކުރުމުގެ މަރުހަލާ މިހާރު ނިމިފައިވާ ކަމަށެވެ. އެހެންވެ އެ ގަނޑު ހެކީގެ ގޮތުގައި ހުށަހެޅުމުގެ ފުރުސަތު މިހާރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ނެތް ކަމަށެވެ. މިއަދު މި މައްސަލަ ބެއްލެވުމާ ހަވާލުވެވަޑައިގެންނެވި ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ މިހާރު ވެސް ވަނީ ބަދަލުކޮށްފަ އެވެ. މިހާރު މައްސަލަ ބައްލަވަނީ އަލަށް ކުރިމިނަލް ކޯޓަށް އައްޔަންކުރެއްވި ގާޒީ އަހުމަދު ހައިލަމަށެވެ. ހައިލަމް މައްސަލަ ހަވާލުވެޑައިގެންނެވިއިރު މީގެކުރިން އެ މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމްގެ އަމުރެއްގެ ދަށުން ފާރިސް މިނިވަންކުރި އެވެ. ނަމަވެސް ފަހުން އެ ކޯޓުގެ އެހެން ގާޒީއެއްގެ އަމުރަކާއެކު ފާރިސް އަނެއްކާވެސް ހައްޔަރުކުރި އެވެ. މުޅިން އާ މައްސަލައެއްގެ ތުހުމަތަށެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުން ވަނީ ފާރިސް މިނިވަންކުރުމަށް އަމުރުކޮށްފަ އެވެ.
އެ އަމުރާ އެއްގޮތަށް ފާރިސް މިނިވަންކުރުމަށްފަހު އަނެއްކާވެސް ފާރިސް ހައްޔަރުކުރި އެވެ. މިހާރު ފާރިސް ހައްޔަރުގައި ހުންނެވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެެވެ. އެވެސް މުޅިން އާ ތުހުމަތެއް ކަމަށްވާ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށެވެ.