ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކިވެރިންގެ ހެކި ބަސް ނެގުމަށް މާދަމާއަށް އަޑުއެހުމެއް ތާވަލުކޮށްފި އެވެ.
ދައުލަތުގެ ފަރާތުން މައްސަލާގައި ޝަފަވީ ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ފާރިސްއާއެކު ހައްޔަރުކުރި އަހުމަދު ޝާފިއު އާއި ސިއްރު ހެކިވެރިއެކެވެ. އޭގެ އިތުރުން ތިން ފުލުހެކެވެ.
ފާރިސްގެ ފަރާތުން ވެސް ވަނީ ގިނަ ޝަފަވީ ހެކިތަކެއް ހުށަހަޅާފަ އެވެ. އެ ހެކިވެރިންގެ ހެކި ބަސް ނަގާނީ ފާރިސްގެ ފަރާތުން ހުށަހެޅި ހެކިތަކުގެ ތެރެއިން ހާޒިރުކުރާނެ ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކައި އެއާމެދު ގާޒީ ގޮތެއް ނިންމެވުމުންނެވެ.
ފާރިސްގެ ފަރާތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީނާއި ބަންޑާރަ ނައިބު މުހައްމަދު އަނިލާއި ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމާއި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް ހިމެނެ އެވެ.
އޭގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލާގައި ސޮއިކުރެއްވި 44 މެންބަރުންގެ ނަން ވެސް ހުށަހެޅި އެވެ. އޭގެ ތެރޭގައި ސޮއިއާމެދު ސުވާލު އުފައްދައި ވާހަކަ ދެއްކެވި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ވެސް ހިމެނެ އެވެ. އަދި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ ނަން ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އެއީ އޭނާ ވިދާޅުވި ފައިސާ ގޯނީގެ މައްސަލަ ނުބަލާކަން ސާބިތުކޮށް ފާރިސް ވީމަ ތަފާތުކުރާކަން ސާބިތުކުރުމަށެވެ.
ފާރިސްގެ މައްސަލާގެ ތަހުގީގުގައި ބައިވެރިވި ހަ ފުލުހެއްގެ ނަން ހުށަހެޅިއިރު އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީގެ ނަމާއި އެސިސްޓެންޓް ޕީޖީ ހުސެއިން ނާޝިދުގެ ނަން ވެސް ހެކީންގެ ގޮތުގައި ހުށަހެޅި އެވެ. އޭގެއިތުރުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ ވެރިޔާ ހަސަން ސައީދުގެ ނަން ވެސް ހުށަހެޅި އެވެ. އަދި، ދައުލަތުން މައްސަލާގައި ހުށަހަޅާފައިވާ ސިއްރު ހެކިވެރިޔާ އާއި ފާރިސްއާއެކު ހައްޔަރުކުރި އަހުމަދު ޝާފިއުގެ ނަން ވެސް ވަނީ ހުށަހަޅާފަ އެވެ.