އެންޓި ޑިފެކްޝަން ގާނޫނު މީގެ ކުރިން ފާސްކޮށްފައި އޮތްނަމަ ޕީޕީއެމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބުނީސް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އެންޓި ޑިފެކްޝަން ބިލްއާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ގޮނޑި ގެއްލޭ ގާނޫނު އޮތްނަމަ ޕީޕީއެމްގައި ތިއްބެވީހީ 33 މެންބަރުން ކަމަށާއި މެޖޯރިޓީ ނުލިބުނީސް ކަމަށެވެ. އޭނާ ވިދާޅުވީ، ހަގީގަތް އޮތް ގޮތް ފެންނާނީ ދެކޮޅަށް ވެސް ވާހަކަ ދައްކައިގެން ކަމަށެވެ.
"މީގެ ކުރިން ފާސްވި ނަމަ ޕީޕީއެމްގެ މެޖޯރިޓީއެއް ނޯނާނެ، އެ ބިލު ނެތުމުން މެޖޯރިޓީ ލިބިގެން ދިޔައީ އެ ނޫންނަމަ މެޖޯރިޓީއެއް ނުލިބުނީސް، މި ކަމުގައި އެއްކޮޅަކަށް ވާހަކަ ދައްކައިގެން ރަނގަޅެއް ނުވާނެ،" ވިޔަފާރިވެރިޔާ ސަލީމް ވިދާޅުވި އެވެ.
ސަލީމް ވަނީ ގާނޫނުގައިވާ ކަންކަމާމެދު ދެކޮޅު ވެސް ހައްދަވާފަ އެވެ. އެގޮތުން މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލުވާލުމުގެ ބާރު ޕާޓީތަކުގެ ލީޑަރުންނަށާއި އިލެކްޝަން ކޮމިޝަނަށް އޮތުން ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުން ހޮވާފައި ހުރި މަގާމަކާ މެދު ވާހަކަ ދެއްކުމަށް އިލެކްޝަން ކޮމިޝަނަށް އޮންނާނީ ކޮން ބާރެއްތޯ؟ އެއްވެސް ބާރެއް ނޯންނާނެ، އެހެންވެ ގާނޫން ހަދާ މަޖީހުގައި ތިބޭ މީހުންނަކީ ތަސައްވަރު ފުދޭ، އަޅުގަނޑުމެން އެއާ ދޭތެރޭ ވިސްނާ، ހަމައެކަނި އަމިއްލަ އެދުން އިސްނުކޮށް މުޅި ގައުމުގެ މަސްލަހަތަށް ވިސްނައިގެން ކަންކަން ކުރަން ޖެހޭ ބައެއް،" ސަލީމް ވިދާޅުވި އެވެ.
މިހާރު އެންޓި ޑިފެކްޝަން ބިލް އޮތް ގޮތުން ގޮނޑި ގެއްލޭނީ ވަކި ޕާޓީއަކުން އިންތިހާބުވުމަށްފަހު އެ ޕާޓީއަކުން އެ މެންބަރަކު ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅޭ ހާލަތްތަކުގަ އެކަންޏެވެ. މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވާ މެންބަރަކު ޕާޓީއަކާ ގުޅުނަސް އެ މެންބަރެއްގެ ގޮނޑި ނުގެއްލޭނެ އެވެ. ނަމަވެސް އެ ޕާޓީއަކުން ވަކިވެއްޖަނަމަ ގޮނޑި ގެއްލޭނެ ކަމަށް ބިލްގައިވެ އެވެ.