ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

އެންމެ ބޮޑު ސީފުޑް އެކްސްޕޯގައި ރާއްޖެ ބައިވެރިވެއްޖެ

Mar 12, 2018
1

އުތުރު އެމެރިކާގައި ބާއްވާ އެންމެ ބޮޑު ސީފުޑް އެކްސްޕޯ ފެއާގައި ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީ އާއި އިތުރު ތިން ކުންފުންޏަކުން ބައިވެރިވެއްޖެ އެވެ.

ސީފުޑް ފެއާ ފަށާފައިވަނީ އިއްޔެ އެވެ. ފެއާ މިފަ ހަރު އޮތީ އެމެރިކާގެ ބޮސްޓަންގަ އެވެ. ފެއާގައި މިނިސްޓްރީގެ އިތުރުން ރާއްޖޭއިން ބައިވެރިވެފައިވަނީ، މިފްކޯ އާއި ހޮރައިޒަން ފިޝަރީޒާއި އެންސިސް ފިޝަރީޒް އެވެ.

މިނިސްޓްރީން ބުނީ، މިފަދަ އެކްސްޕޯ ތަކުގައި ބައިވެރިވާ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގައި އުފައްދާ މަހުގެ އުފެއްދުން ތައް އިސްތިހާރުކޮށް، މާކެޓް ކުރުމުގެ ފުރުސަތު އިތުރު ކުރުމަށް ކަމަށެވެ. އަދި ރާއްޖޭގައި ބާނާ މަހަށް އެވަގުތު ދުނިޔޭގެ ބާާރުގައި ހުރި އަގަށް ލިބުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް، ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކަށް އިތުރު ފުރުސަތުތައް ތަނަވަސްކޮށްދިނުމުގެ މަގުސަދުގައި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ، މި އެކްސްޕޯގެ ސަބަބުން ރާއްޖޭގެ މަސްވެރިކަން ތަރައްގީކޮށް އިތުރު ފުރުސަތުތަކެއް ލިބި، ރާއްޖޭގެ މަސްވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

މިއަހަރުގެ ސީފުޑް އެކްސްޕޯގައި 57 ގައުމެއްގެ 1341 ކުންފުނިން ބައިވެރިވެފައި ވެއެވެ. މި ފެއާއަކީ މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ފުޅާ ކުރުމަށާއި މަސްވެރިކަމުގެ އިންޑަސްޓްރީ އިސްތިހާރު ކުރުމަށް ބާއްވާ އެކްސްޕޯ އެކެވެ. މި އެކްސްޕޯ ކުރިއަށްދާނީ މާދަމާއާ ހަމައަށެވެ.