ޖަލުގައި ހުކުމް ތަނަފީޒު ކުރަމުން އަންނަ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާގެ ކަންކަން ރަނގަޅަށް ނުދާތީވެ، އޭނާގެ ވަކީލުންގެ ފަރާތުން އެކަމުގެ ކަންބޮޑުވުންތައް އަނެއްކާވެސް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ހުށަހަޅައިފި އެވެ.
އެޗްއާރްސީއެމްގެ ރައީސް އާމިނަތު އީނާޒް އަށް އަދީބުގެ ގަނޫނީ ވަކީލް މޫސާ ސިރާޖް ފޮނުވި ސިޓީގައި ވަނީ، އަދީބުގެ ލޮލަށް ގޮލޮކޮމާ ޖެހިފައިވާތީވެ އޭނާ އަކީ ލޮލަށް ބޭސްކުރަން ޖެހޭ ފަރާތެއް ކަމަށާއި ނަމަވެސް މިދިޔަ މަހު 20 ވަނަ ދުވަހު މާފުށި ޖަލަށް ބަދަލު ކުރިފަހުން ލޮލަށް އަޅަން ޖެހޭ ބޭސް އަޅަމުން ނުދާ ކަމަށެވެ.
އަދި މިދިޔަ މަހުގެ އެއްވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމުން އަދީބު ލޮލުގެ ސާޖަރީއެއް ހަދަން ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ފުރަން ޖެހޭ ކަމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މެޑިކަލް ބޯޑަށް ހުށަހަޅައިގެން ރާއްޖެއިން ބޭރަށް ފޮނުވާ ދިނުމަށް ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން މަސައްކަތް ކުރަމުން ނުދާ ކަމަށްވެސް ސިޓީގައި ވެއެވެ.
އެ ސިޓީއާއެކު އަދީބު ރާއްޖެއިން ބޭރަށް ފޮނުވާ ދިނުމަށްއެދި ޑޮކްޓަރު ދީފައިވާ ލިއުންވެސް ހިމަނާފައިވާ ކަމަށް އެ ސިޓީގައި ވެއެވެ.
މީގެ ކުރިންވެސް ވަނީ އަދީބުގެ އާއިލާ އާއި އޭނާގެ ވަކީލުން އެޗްއާރްސީއެމްގެ މެންބަރުންނާ ބައްދަލުކޮށްފަ އެވެ. އެފަހަރުގެ ބައްދަލުވުމުގައި އަދީބުގެ ބޭސްފަރުވާއާ ގުޅޭގޮތުން ވާހަކަތައް ދެކެވިފައި ވެއެވެ. އަދި އެ ބައްދަލުވުމުގައި އަދީބުގެ ބޭސްފަރުވާގެ ކަންކަން ގާތުން ބަލާނެ ކަަމަށްވެސް އެޗްއާރްސީއެމުން ބުނެފައި ވެއެވެ.
އަދީބު ރާއްޖެއިން ބޭރަށް ގެންގޮސް ފަރުވާ ދިނުމަށް އަންގާފައިވާ ލިޔުމެއް ކަރެކްޝަނަލް ސާވިސްއިން އޭނާގެ އާއިލާއާ ވަނީ ހަވާލުކޮށްފަ އެވެ. އެ ލިޔުމަކީ މިދިޔަ މަހުގެ އެއްވަނަ ދުވަހު އައި ކެއާއަށް އަދީބު ދެއްކުމުން ދީފައިވާ ލިޔުމެކެވެ. އެ ލިޔުމަކީ ޑރ. ސްރިނިވާސް ޝެޓީ ކަލްޕަޑީ ދީފައިވާ ލިޔުމެކެވެ. ލިޔުމުގައިވާ ގޮތުން، ރާއްޖެއިން ބޭރަށް ގޮސް ގުލަކޯމާ ސްޕެޝަލިސްޓަކަށް ދައްކަން ވަނީ އަންގާފަ އެވެ.
އަދީބުގެ ލޮލުގެ ހާލަތު ގޯސްވެފައިވަނީ ލޮލުގެ ނުރައްކާތެރި މައްސަލައެއް ކަމަށްވާ ގޮލޮކޮމާ ޖެހިފައިވާތީ އެވެ. އެކަން އައިޖީއެމްއެޗްގެ ޑޮކްޓަރުން އަދީބަށް އެންގިތާ މިހާރު އެތައް މަހެއް ވަނީ ވެފަ އެވެ. ލޮލުގެ ސިއްހީ މައްސަލައެއް ކަމަށްވާ "ކެޓެރެކްޓް" އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
އަދީބު ބޭސްފަރުވާއަށް ބޭރަށް ދިޔުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ. ސަރުކާރުން ބުނަނީ އަދީބަށް ބޭރަށް ވަޑައިގެންނެވޭނީ ދައުލަތަށް ދައްކަންޖެހޭ ފައިސާތައް ދެއްކުމަށްފަހު ކަމަށެވެ. ނަމަވެސް މިހާތަނަށް އަދީބުގެ މައްޗަށް ފައިސާތަކެއް ދެއްކުމަށް އެއްވެސް ހުކުމެއް ކޮށްފައެއް ނުވެ އެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް ޖިނާއީ ދައުވާތަކެއް ސާބިތުވެ މިހާރު ވެސް އިތުރު ދައުވާތަކެއް ހިންގަ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގައި މަދަނީ ދައުވާއެއް ނުކުރެ އެވެ. މިހާރު ގާނޫނު އޮތް ގޮތުން ހިޔާނާތުގެ ފައިސާ ހޯދާނީ ވަކިން މަދަނީ ދައުވާކޮށްގެންނެވެ.
އަދީބަށް ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ ސިވިލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ.