ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ރިޝްވަތު ނުދެއްވާ ކަމަށާއި ބަޔާން ދީފައިވާ ހަގީގަތާ އެއްގޮތަށް ނޫން ކަމަށް ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިޔާ ބުނެފި އެވެ. ދައުލަތުން ސިއްރު ހެއްކެއްގެ ގޮތުގައި ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ. އެ ހެކިވެރިޔާ މިހެން ބުނިއިރު ދައުލަތުން ފާރިސްއާ ދެކޮޅަށް ދައުވާކުރީ އެ މެންބަރަށް ފާރިސް ރިޝްވަތު ދީފައިވާ ކަމަށް ބުނެ އެވެ.
އޭނާ މިއަދު ޝަރީއަތުގެ މަޖިލީހުގައި ސިއްރުން ހެކި ބަސް ދެމުން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިކުރުމަށް އޭނާއަށް އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށެވެ. ފާރިސްގެ ފަރާތުން އެއްވެސް އެއްޗެއް ބަދަލުގައި ލިބިފައިނުވާ ކަމަށެވެ.
އެ ޕެޓިޝަނުގައި އޭނާ ސޮއިކުރީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގުޅުއްވައި އެކަމަށް އެދިވަޑައިގަތުމުން ކަމަށް ވެސް އޭނާ ބުންޏެވެ. ރައީސް މައުމޫންއަކީ ވަރަށް އިހްތިރާމް ކުރައްވާ ބޭފުޅަކަށްވާތީ އޭގައި ސޮއިކުރީ ކަމަށެވެ. އެއީ މާލީ ގޮތުން އެއްވެސް އެއްޗެއް ހޯދުމަށް ކުރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް މައްސަލާގެ ސީރިއަސްކަން އެނގުމުން އޭގެން އޭނާގެ ނަން އުނިކޮށްދިނުމަށް އެދުނު ކަމަށެވެ.
"ފާރިސް ބޭނުންވެގެން ކޮށްފައިވާ ސޮޔެއް ނޫން އެއީ، އެއީ ރައީސް މައުމޫން އެދިވަޑައިގަތުމުން ކޮށްފައިވާ ސޮޔެއް، އޭގެ ބަދަލުގައި އެއްވެސް ފައިސާއެއް ނުލިބޭ، ރައީސް މައުމޫނަށް ކުރައްވާ އިހްތިރާމްގެ ބޮޑުކަމުން ކުރި ކަމެއް އެއީ،" މެންބަރު ބުންޏެވެ.
ޕެޓިޝަންގައި ސޮއިކުރީ ފައިސާ ދީގެން ކަމަށް ބުނެ ފުލުހަށް ދީފައިވާ ބާޔަނަކީ ތެދު ބަޔާނެއް ނޫން ކަމަށާއި އޭރު އެގޮތަށް ވާހަކަ ދެއްކީ ފާރިސްއާއެކު ހައްޔަރުކުރި، އަހުމަދު ޝާފިއު ދެކެ އައިސްފަ ހުރި ރުޅިއެއްގަ ކަމަށް އޭނާ ބުންޏެވެ. އޭރު އޭނާ ރުޅި އައީ ޕެޓިޝަނުގައި ސޮއިކުރަން އިންދާ ނަގާފައިވާ ފޮޓޯއެއް ލީކްކޮށްލުމުން ކަމަށް ވެސް މަޖިލީހުގެ މެންބަރު ބުންޏެވެ. ނަމަވެސް ﷲ ގަންދީ ހުވާ ކުރުމަށްފަހު ހަގީގަތާ ހިލާފަށް އެއްވެސް ވާހަކައެއް ނުދައްކާނެ ކަމަށް އޭނާ ބުންޏެވެ. ފާރިސް ރިޝްވަތުގެ އެއްވެސް ފައިސާއެއް ނުދޭ ކަމަށް އޭނާ ތަކުރާރުކޮށް ބުންޏެވެ.
ފާރިސްއާ އެއްކޮޅަށް އޭނާ ހެކިބަސް ދިންއިރު ޕެޓިޝަންގައި ސޮއިކުރިއިރު ގާތުގައި ފާރިސް އިންނެވި ކަމަށް ބުންޏެވެ. ނަމަވެސް އޭގެ ފަހުން މިހާތަނަށް ފާރިސްއާ އެއްވެސް ވާހަކައެއް ދައްކާފައިނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ. މައްސަލާގައި ދެން ހިމެނޭ ޝާފިއުއަކީ އޭނާގެ ބޮޑީ ގާޑަކަށް އުޅުނު މީހެއް ކަމަށާއި ނަމަވެސް ޕެޓިޝަނުގައި ސޮއިކުރުމާ ގުޅޭ ގޮތުން ޝާފިއުއާ އެއްވެސް ވާހަކައެއް ދައްކާފައިނުވާނެ ކަމަށް ވެސް ބުންޏެވެ.
ދައުލަތުން ބުނާ ގޮތުގައި ސިއްރު ހެކިވެރިޔާއަށް ފައިސާތަކެއް ދިނުމަށް ޝާފިއުއަށް ފާރިސް ވަނީ ހަވާލުކޮށްފަ އެވެ. އަދި އެކަމުގެ ހެއްކަކަށް ފާރިސް އާއި ޝާފިއު ދެއްކި ކަމަށް ބުނާ ވާހަކަތަކެއް ވެސް ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި އެވެ. ނަމަވެސް ދައުލަތުގެ ހެކިވެރިޔާ އަދި މަޖިލިސް މެންބަރު ބުނީ ފާރިސް ދިން އެއްވެސް ފައިސާއެއް ޝާފިއު ދީފައިނުވާ ކަމަށެވެ. އެހެންނަމަވެސް ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ދާއިރާގެ ބައެއް މީހުންނަށް ފައިސާ ދިނުމަށް ފައިސާ ހަމަޖައްސައިދިނުމަށް ޝާފިއުގެ އެހީ ހޯދި ކަމަށް އޭނާ ބުންޏެވެ.
ހެކިވެރިޔާ އެ ހުރިހާ ވާހަކައެއް ވެސް ދެއްކީ ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ. އޭނާ ފާރިސްއާ އެއްކޮޅަށް ހެކި ބަސް ދީފައިވާތީ ފާރިސްގެ ފަރާތުން އެއްވެސް ސުވާލެއް ނުކުރެ އެވެ. ފާރިސްއަށް ދައުވާކޮށްފައިވަނީ އެ މެންބަރަށް ފައިސާ ދިން ކަމަށް ބުނެ ކަމަށްވާތީ އޭނާ އެކަމަށް އިންކާރުކޮށްފައިވާތީ މައްސަލަ ވަގުތުން ވަގުތަށް ބާތިލުކޮށްދިނުމަށް ވަކީލް އިބްރާހިމް ޝަމީލް އެދިވަޑައިގަތެވެ. ނަމަވެސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ މިހާރު މައްސަލަ ބާތިލުކުރާނެ ހާލަތެއް ނެތް ކަމަށާއި މައްސަލަ ނިންމާނީ ހުކުމަކުން ކަމަށެވެ.
ދައުލަތުގެ ތިން ހެއްކެއް ބަލައިނުގަތް
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހެޅި ތިން ހެއްކެއް ބަލައިނުގަންނަން ނިންމި އެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް އެ ހެކިތައް ހުށަހަޅާފައިނުވާތީ އެވެ. ހެކި ހާމަކުރަން ދިން ފުރުސަތުގައި ހުށަނާޅާ ދައުލަތުން އެ ތިން ހެކި ހުށަހެޅީ ޝަރީއަތް ފެށި ފަހުންނެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ހެކި ހާމަކުރަން ލިބޭ ފުރުސަތުގައި ހުށަނާޅާ ހެއްކެއް އެއީ ފަހުން ފާޅުވާ ހެއްކެއް ނޫންނަމަ ބަލައިނުގަނެވޭނެ އެވެ.
ދައުލަތުން ޝަރީއަތް ފެށި ފަހުން ހުށަހެޅީ ފާރިސްގެ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި އެ ގެއިން ފެނުނު އޭފޯ ސައިޒް ގަނޑަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމަށް މެންބަރުން ސޮއިކޮށްފައިވާ ޕެޓިޝަނާއި ޝަފަވީ ހެއްކެއްގެ ގޮތުގައި އަހުމަދު ޝާފިއު އެވެ.
މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ އެ ތިން ހެކި ޝަރީއަތަށް ބަލައިގަނެވެން ނެތް ކަމަށެވެ. ދައުލަތުން ޝަފަވީގެ ހެއްކެއްގެ ގޮތުގައި ޝާފިއުގެ ނަން ހުށަހެޅިއިރު ކުރިން ހެކީގެ ގޮތުގައި ހުށަހެޅީ އޭނާގެ ބަޔާން އެކަންޏެވެ. އޭފޯ ގަނޑު ހެކީގެ ގޮތުގައި ކުރިން ހުށަނާޅާ، ހެކީގެ ގޮތުގައި ހުށަހެޅީ އެ ފެނުނު ތިން ފުލުހުންނެވެ.
އޭފޯ ގަނޑު ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ނިންމުމުން ދައުލަތުން ވަނީ އެ ތިން ފުލުހުގެ ހެކި ބަސް ނެގުމުގެ ބޭނުމެއް މިހާރު ނެތް ކަމަށް ބުނެފަ އެވެ. އެ އޭފޯ ގަނޑުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ނަން ލިޔެފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.
އެކަށީގެންވާ ވަގުތު ނުލިބޭތީ ޝަކުވާ
މައްސަލާގައި ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބޭކަން ފާހަގަކުރައްވައި އެކަން ފާރިސް ވަނީ މިއަދު ޝަރީއަތުގެ ސަމާލުކަމަށް ގެންނަވާފަ އެވެ. އިއްޔެ ހެކި ހުށަހެޅުމަށްފަހު މިއަދު ހެކި ބަސް ނަގާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ވިދާޅުވީ އޭގެ ފަހުން ވަކީލުންނާ ބައްދަލުކޮށް އެކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް ނުކުރެއްވޭ ކަމަށެވެ.
ފާރިސް ވިދާޅުވީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ އެތައް ހައްގުތަކުން އޭނާ ވަނީ މަހުރޫމްވެފަ ކަމަށާއި އިންސާފު ލިބެމުންދާ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. އަޑުއެހުންތަކުގައި ދެ ފަރާތުން ދައްކާ ވާހަކަތައް ދިރާސާކޮށްލުމަށް ވެސް އޭނާއަށް ވަގުތު ނުލިބޭކަން ފާހަގަކުރެއްވި އެވެ.
ނަމަވެސް ގާޒީ ވިދާޅުވީ އެކަށީގެންވާ ވަގުތު މިހާރު ވެސް ފާރިސްއަށް ލިބިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މައްސަލާގައި ލިޔެކިޔުންތައް ހަވާލުކުރިތާ ވެސް އެތައް ދުވަހެއްވެފައިވާއިރު ހެކިން ހުށަހެޅުމުގެ އަޑުއެހުމެއް ވެސް ބޭއްވީ ފުރަތަމަ ތާވަލުކުރި ދުވަހަށްވުރެ އެއް މަސް ދުވަސް ފަހުންކަން ފާހަގަކުރެއްވި އެވެ. އަދި މައްސަލާގައި ހުށަހަޅާފައިވާ ހެކިތަކަކީ ކޮބައި ކަމާއި އެ ހުށަހަޅާފައިވަނީ ކޮން ކަމެއް ސާފުކުރަންކަން ކުރިން ވެސް އެނގެން އޮތްކަން ފާހަގަކުރެއްވި އެވެ.
ގާޒީ އެހެން ވިދާޅުވުމުން ވެސް ފާރިސް އާއި ފާރިސްގެ ވަކީލުން ވަނީ ތަކުރާރުކޮށް އަޑުއެހުން ފަސްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އެހެންވެ ވަކީލުންނާ ފާރިސް އެކަނި ބައްދަލުކޮށްލެއްވުމަށް 30 މިނެޓްގެ ވަގުތެއް ދެއްވި އެވެ. ހެކި ބަސް ނެގުން ކުރިއަށް ގެންދިޔައީ އޭގެ ފަހުންނެވެ.
މާދަމާ ވެސް މި މައްސަލާގައި ހެކި ބަސް ނެގުމަށް އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ. ފާރިސްގެ ވަކީލް ޝަމީލް ވަނީ ދެން އިތުރު ހެއްކެއް ހާޒިރުކޮށްގެން ހެކި ބަސް ނެގުމުގެ ބޭނުމެއް މިހާރު ނެތްކަން ފާހަގަކުރައްވާފަ އެވެ. ދިފާއުގައި ވެސް ގިނަ ހެކިތަކެއް ހުށަހަޅާފައިވެ އެވެ. އެ ހެކިން ހާޒިރުކުރުމާ ގުޅޭ ގޮތުން ވެސް ގާޒީ ގޮތެއް ނިންމަވާނެ އެވެ.