ހަބަރު

ފާރިސްގެ މެސެޖް: ގަދަކޮށް ހިފަހައްޓާ، މި ނިމެނީ

ޝަރީއަތުގެ މަޖިލީހުގައި މިއަދު ލިބުނު ކާމިޔާބީއާއެކު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން، ސަޕޯޓަރުންނަށް މެސެޖެއް ދެއްވައިފި އެވެ. ފާރިސް ވިދާޅުވީ "މި ނިމެނީ" ކަމަށެވެ. ފާރިސް މައުމޫންއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިވެރިޔާ އޭނާއާ އެއްކޮޅަށް މިއަދު ހެކިބަސް ދީފަ އެވެ.

މިއަދު މެންދުރުފަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހު އިރުއޮއްސެނިކޮށް ފާރިސް އަނބުރާ ޖަލަށް ގެންދަން ލޯންޗަށް އެރުވުމުން ސަޕޯޓަރުންނާ މުހާތަބުކޮށް ފުރަތަމަ ފާރިސް ވިދާޅުވީ، "ގަދަކޮށް ހިފެހެއްޓުމަށް"ށެވެ. އެއަށްފަހު "މި ނިމެނީ މި ނިމެނޭ މި ނިމެނީ" ކަމަށް ވިދާޅުވި އެވެ.

ފާރިސްގެ މައްޗަށް ރިޝްވަތުގެ ދައުވާ ހުށަހެޅީ ދައުލަތުން ހެކިވެރިއެއްގެ ގޮތުގައި ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ މެންބަރަށް ފާރިސް ރިޝްވަތު ދީފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް އޭނާ މިއަދު ޝަރީއަތުގެ މަޖިލީހުގައި ސިއްރުން ހެކި ބަސް ދެމުން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިކުރުމަށް އޭނާއަށް އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށެވެ. ފާރިސްގެ ފަރާތުން އެއްވެސް އެއްޗެއް ބަދަލުގައި ލިބިފައިނުވާ ކަމަށެވެ.

އެ ޕެޓިޝަނުގައި އޭނާ ސޮއިކުރީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގުޅުއްވައި އެކަމަށް އެދިވަޑައިގަތުމުން ކަމަށް ވެސް އޭނާ ބުންޏެވެ. ރައީސް މައުމޫންއަކީ ވަރަށް އިހްތިރާމް ކުރައްވާ ބޭފުޅަކަށްވާތީ އޭގައި ސޮއިކުރީ ކަމަށެވެ. އެއީ މާލީ ގޮތުން އެއްވެސް އެއްޗެއް ހޯދުމަށް ކުރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް މައްސަލާގެ ސީރިއަސްކަން އެނގުމުން އޭގެން އޭނާގެ ނަން އުނިކޮށްދިނުމަށް އެދުނު ކަމަށެވެ.

"ފާރިސް ބޭނުންވެގެން ކޮށްފައިވާ ސޮޔެއް ނޫން އެއީ، އެއީ ރައީސް މައުމޫން އެދިވަޑައިގަތުމުން ކޮށްފައިވާ ސޮޔެއް، އޭގެ ބަދަލުގައި އެއްވެސް ފައިސާއެއް ނުލިބޭ، ރައީސް މައުމޫނަށް ކުރައްވާ އިހްތިރާމްގެ ބޮޑުކަމުން ކުރި ކަމެއް އެއީ،" މެންބަރު ބުންޏެވެ.

ޕެޓިޝަންގައި ސޮއިކުރީ ފައިސާ ދީގެން ކަމަށް ބުނެ ފުލުހަށް ދީފައިވާ ބާޔަނަކީ ތެދު ބަޔާނެއް ނޫން ކަމަށާއި އޭރު އެގޮތަށް ވާހަކަ ދެއްކީ ފާރިސްއާއެކު ހައްޔަރުކުރި، އަހުމަދު ޝާފިއު ދެކެ އައިސްފަ ހުރި ރުޅިއެއްގަ ކަމަށް އޭނާ ބުންޏެވެ. އޭރު އޭނާ ރުޅި އައީ ޕެޓިޝަނުގައި ސޮއިކުރަން އިންދާ ނަގާފައިވާ ފޮޓޯއެއް ލީކްކޮށްލުމުން ކަމަށް ވެސް މަޖިލީހުގެ މެންބަރު ބުންޏެވެ. ނަމަވެސް ﷲ ގަންދީ ހުވާ ކުރުމަށްފަހު ހަގީގަތާ ހިލާފަށް އެއްވެސް ވާހަކައެއް ނުދައްކާނެ ކަމަށް އޭނާ ބުންޏެވެ. ފާރިސް ރިޝްވަތުގެ އެއްވެސް ފައިސާއެއް ނުދޭ ކަމަށް އޭނާ ތަކުރާރުކޮށް ބުންޏެވެ.