އެމެރިކަން އައިޑޮލް މެދުނުކެނޑި 15 އަހަރު ދެއްކުމަށްފަހު އެ ޝޯ ގެނެސްދެމުންދިޔަ ފޮކްސް ނެޓްވޯކުން 2016 ވަނަ އަހަރު އެ ޝޯ އެއްކޮށް ނިންމާލި އެވެ.
ގިނަ ބަޔަކު ތިބީ އެއީ އެމެރިކަން އައިޑޮލްގެ ނިމުން ކަމަށް ގަބޫލު ކޮށްގެންނެވެ. ނަމަވެސް އެ ގަބޫލު ކުރުން ބަދަލު ވެގެން ދިޔައީ މިދިޔަ އަހަރު މެދުތެރޭގައި އޭބީސީ ނެޓްވޯކުން އެ ޕްރެންޗައިޒްގެ ލައިސެންސު ހޯދާއި އެމެރިކަން އައިޑޮލް އަލުން ފަށާނެ ކަމަށް އިއުލާނު ކުރުމުންނެވެ.
އެމެރިކަން އައިޑޮލްގެ 16 ވަނަ ސީޒަން މިހާރު ފަށާފައި ވާއިރު މިހާރު ދައްކަމުންދަނީ އޮޑިޝަންތަކެވެ. ކުރީގެ ސީޒަންތަކާއި މި ސީޒަނާއި އަދި މާ ބޮޑު ތަފާތެއް ފެނިގެން ގޮސްފައެއް ވެސް ނުވެ އެވެ.
މިފަހަރުގެ ސީޒަން ވެސް ހޮސްޓް ކޮށްދެނީ ކުރީގެ ސީޒަންތަކުގައި ހޮސްޓުކޮށްދިން ރިއާން ސީކްރެސްޓް އެވެ. އެ ފުރުސަތު އޭނާއަށް ދިން އިރު ރިއާންގެ މައްޗަށް ވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ވެސް ކޮށްފަ އެވެ. ނަމަވެސް އެމެރިކަން އައިޑޮލްގެ ޕްރޮޑިސަރުން އަންނަނީ އޭނާ ދިފާއު ކުރަމުންނެވެ. ރިއާން ވެސް އެ ތުހުމަތުތަކަށް ވަނީ އިންކާރުކޮށްފަ އެވެ.
މިި ސީޒަންގައި ޖަޖުންނަށް ތިބީ ކެޓީ ޕެރީ އާއި ލައެނަލް ރިޗީ އަދި ލޫކް ބްރިއަން އެވެ.