ހަބަރު

ސަރުކާރު ވައްޓާލަން ދުރާލާ ރޭވިކަމުގެ ތުހުމަތު ރިޔާޒަށް

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒަށް ވެސް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުކޮށްފި އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ރިޔާޒަށް ކުރަނީ ދުރާލާ ރާވައިގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތެވެ.

ރިޔާޒު ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ކުއްލި ނުރައްކަލުގެ ދަށުން ހައްޔަރުކުރިތާ 12 ދުވަސް ފަހުން ރޭގައި ރިޔާޒުގެ މައްޗަށް ކުރާ ތުހުމަތުތައް ފުރަތަމަ ފަހަރަށް ފުލުހުން އަންގައި ތަހުގީގުގައި ސުވާލުކޮށްފައިވާ ކަމަށެވެ.

ނޫރުއްސަލާމް ވިދާޅުވީ ރިޔާޒަށް ކުރާ ތުހުމަތަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް މާޗް މަހުގެ ދެވަނަ ދުވަހު މާލެ ތެރޭފައި ހަމަނުޖެހުން ހިންހައި މީހުން އެއްކޮށް އެކަމުގައި އިސްވެ ހަރަކާތްތެރިވެ ދުރާލާ ސަރުކާރު ވައްޓާލަން ރޭވި ކަމުގެ ތުހުމަތު ކަމަށެވެ.

ރިޔާޒު ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. ނޫރުއްސަލާމް ވިދާޅުވި ގޮތުގައި ރިޔާޒު ވަނީ އެ ދުވަހު ބައިވެރިވަޑައިގެންނީ ސުލްހަވެރި އެއްވުމެއްގަ ކަމަށް ވިދާޅުވެފަ ކަމަށެެވެ. އެއްވުމެއްގައި ބައިވެރިވުމަކީ ގާނޫނު އަސާސީއިން ލިބިދޭ ހައްގެއް ކަމަށާއި ކުއްލި ހާލަތު އޮތަސް ރޭގަނޑު 10:30 އާ ހަމައަށް މުޒާހަރާ ކުރެވޭނެކަން ފުލުހުން ބުނެފައިވާ ކަމަށް ވެސް ރިޔާޒު ތަހުގީގުގައި ވިދާޅުވި ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.

ރިޔާޒުގެ މައްޗަށް މި ނޫން ތުހުމަތުތަކެއްކޮށް އެ މައްސަލަތަކުގެ ޝަރީއަތް ވެސް ވަނީ ފަށާފަ އެވެ. ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅޭ ގޮތުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އެކި ރޭންކްތަކުގެ ފުލުހުންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް މެސެޖްކޮށްގެން މައުލޫމާތު ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ވަނީ ކޮށްފަ އެވެ.

ގާނޫނު ތަންފީޒު ކުރަން ހުރި މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ދައުވާ ވެސް އުފުލި އެވެ. އެ ދައުވާ އުފުލީ، ތަހުގީގަށް ރިޔާޒުގެ ފޯނު ހިފެހެއްޓުމުން ޕިން ކޯޑް ދީފައިނުވާތީ އެވެ. ފޯނު ޕިން ކޯޑް ނުދިނުމުން އުފުލި ދައުވާ ރިޔާޒުގެ މައްޗަށް ސާބިތެއް ނުވެ އެވެ.

އިދިކޮޅު 12 މަޖިލިސް މެންބަރުންނާއެކު ވެސް ރިޔާޒުގެ މައްޗަށް ވަނީ ދައުވާއެއް އުފުލާފަ އެވެ. އުފުލާފައިވަނީ، ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅިކަމުގެ ދައުވާ އެވެ. އެ ދައުވާ ކޮށްފައިވަނީ، ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާގެ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ ތެރެއަށް އެ މެންބަރުން ވަދެފައިވާ މައްސަލައިގަ އެވެ.