ހަބަރު

ހެކި ހޯދި ގޮތާއި ހުށަހެޅި ގޮތް ގޯސްވެ ދައުލަތުގެ ހެކިތަކެއް ބޭރުކޮށްލައިފި

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކެއް ބަލައިނުގަންނަން މިއަދު ވެސް ނިންމައިފި އެވެ. މިއަދު މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ނިންމެވީ ދައުލަތުން ހުށަހަޅާފައިވާ އޯޑިއޯ އެނާލިސިސް ރިޕޯޓާއި ފާރިސްއާއެކު ހައްޔަރުކުރި އަހުމަދު ޝާފިއުގެ ތަހުގީގު ބަޔާން ބަލައިނުގަތުމަށެވެ. އޯޑިއޯ ރިޕޯޓް ބަލައިނުގަތީ އެ ހެކި ހޯދީ ގާނޫނާ އެއްގޮތަށްކަން ދައުލަތަށް ބުނެ ނުދެވުމުންނެވެ.

މިއަދުގެ އަޑުއެހުމަކީ އޯޑިއޯ އެނާލިސިސް ރިޕޯޓް ތައްޔާރުކުރި ފަރާތާއި ޝާފިއުގެ މޯބައިލް ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ދެ ފުލުހުންގެ ހެކި ބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް އެ ހެކި ބަސްތަކާ ނެގުމާމެދު ފާރިސްގެ ވަކީލުން އިޖުރާއީ ކަންކަން ފާހަގަކުރި އެވެ. އެގޮތުން އޯޑިއޯ އެނާލިސިސް ރިޕޯޓަކީ ގާނޫނު އަސާސީއާ ހިލާފަށް ހޯދާފައިވާ އެއްޗެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ރިޕޯޓެއް ކަމަށް ފާރިސްގެ ވަކީލް އިބްރާހިމް ޝަމީލް ފާހަގަކުރެއްވި އެވެ.

މިއަދު ފާރިސްގެ ފަރާތުން ހުށަހެޅި އެދިފައިވަނީ ގާނޫނާ ހިލާފަށް ހޯދާފައިވާ ހެކި ބަލައިނުގަނެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. އެގޮތަށް އެދުނު ސަބަބު ބަޔާންކޮށް ފާރިސްގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ، ދޭދޭ މީހުންގެ ދެމެދު ދެކެވޭ ވާހަކަތަކީ ކޯޓު އަމުރަކާ ނުލައި އަޑުއަހާއި ރެކޯޑުކުރުން ގާނޫނުގައި މަނާކުރާ ކަމެއް ކަމަށެވެ. އެ އޯޑިއޯއަކީ ޝާފިއުއާ އެހެން މީހަކާ ދެމެދު ދެއްކި ވާހަކައެއްގެ އޯޑިއޯ އެވެ. އެ އޯޑިއޯ ނަގާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު ވީޑިއޯއަކުންނެވެ. އޯޑިއޯ ސްކްރިޕްޓް ވެސް ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި އެވެ.

ޝަމީލް ވިދާޅުވީ، ޝާފިއުގެ ވާހަކަތައް އަޑުއަހައި ރިކޯޑްކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެކަން ކޮށްފައިވަނީ ކޮން އުސޫލަކުން ކަމެއް ދައުލަތުން ބުނެދީފައި ވެސް ނުވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އެ ހެއްކަކީ ޝަރީއަތަށް ބަލައިނުގަނެވޭނެ ހެއްކެއް ކަމަށް ޝަމީލް ވިދާޅުވި އެވެ. ދައުލަތުގެ ވަކީލް އައިޝަތު ރީޝާ ވެސް ވަނީ އެ އޯޑިއޯ ރިކޯޑްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ނޫން ކަމަށް ވިދާޅުވެފަ އެވެ. ގާޒީ ނިންމެވީ އެ އޯޑިއޯ ރިޕޯޓަކީ ގާނޫނު އަސާސީއާ އެއްގޮތަށް ހޯދާފައިވާ ހެއްކެއް ކަމަށް ބަލައިގަނެވެން ނެތް ކަމަށެވެ. އެހެންވެ އެ ރިޕޯޓާއި ރިޕޯޓް ތައްޔާރުކުރި ފުލުސްގެ ހެކި ބަހާއި އޯޑިއޯގެ ސްކްރިޕްޓް ހެކީގެ ގޮތުގައި ބަލައިނުގަންނަން ގާޒީ ނިންމެވި އެވެ.

މޯބައިލް ފޮރެންސިކް ރިޕޯޓްގައި މައްސަލަތަކެއްހުރިކަން ވެސް ވަކީލް ޝަމީލް ފާހަގަކުރައްވައި އެ ވެސް ހެކީގެ ގޮތުގައި ބަލައިނުގަތުމަށް އެދުނެވެ. އެ ރިޕޯޓްގައިވާ ގޮތުން ފާރިސް ފޯނު ހިފަހައްޓާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު އެވެ. ނަމަވެސް ފޯނުން ފުލުހުންނަށް ލިބުނު މައުލޫމާތުތަކެއް ނުވަތަ މަންޒަރުތަކަކީ އޭގެ ފަހުން އެ ފޯނަށް ލިބިފައިވާ ތަކެތިކަން ރިޕޯޓްގައި ތާރީހުތައް ހުރި ގޮތުން އެނގެ އެވެ. އެގޮތުން ރިޕޯޓްގައި ހެކީގެ ގޮތުގައި ފާހަގަކޮށްފައިވާ ބައެއް އިމޭޖެސްތަކަކީ 15 ޖޫން އަދި ތިނެއް ޖުލައި ގައި އެ ފޯނަށް ލިބިފައިވާ ތަކެއްޗެވެ. އެހެންވެ، އެއީ ފުލުހުންގެ ހަވާލުގައި ވަނިކޮށް އެ ފޯނަށް ލިބިފައިވާ ތަކެތިކަމުން އޭގެ ޒިންމާ ފާރިސް އުފުލަން ނުޖެހޭނެ ކަމަށާއި އެއީ އުފައްދާފައިވާ ތަކެތި ކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ޝަމީލް ވިދާޅުވި އެވެ.

ޝަމީލް ފާހަގަކުރެއްވި ނުކުތާއަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް، އައިޝަތު ރީޝާ ވިދާޅުވީ، ފޯނު ހިފެހެއްޓި ތާރީހެއްގެ ގޮތުގައި ފަހެއް ޖޫން ޖެހިފައިވަނީ އޮޅުމަކުން ކަމަށެވެ. އެކަން އެނގުނީ ފުލުހުންގެ ފަރާތުން އެކަން އިތުރަށް ދިރާސާކުރުމުން ކަމަށެވެ. އެކަން ސާބިތުކުރަން ފޮރެންސިކް ތަހުލީލަށް އެދޭ ފޯމް ހުށަހަޅުއްވާފައިވާނެ ކަމަށެވެ. އެ ފޯމްގައިވާ ގޮތުން ފޯނު ހިފެހެއްޓި ތާރީހަކީ ފަހެއް ޖުލައި އެވެ. އެހެންވާއިރު، ރިޕޯޓްގައި ފާހަގަކޮށްފައިވާ ތަކެއްޗަކީ ފުލުހުންނަށް ފޯނު ލިބުމުގެ ކުރިން އެ ފޯނަށް އައިސްފައިވާ ތަކެތި ކަމަށް ވަކީލް ވިދާޅުވި އެވެ.

ގާޒީ ނިންމެވީ އެކަންކަން ސާފުކުރުމަށް ރިޕޯޓް ތައްޔާރުކުރި ފުލުސް އޮފިސަރު އިސްމާއިލް ޝަރީފް ޝަރީއަތަށް ހާޒިރުކޮށް ހެކި ބަސް ނެގުމަށެވެ. އޭނާ ހެކި ބަސް ދެމުން ވަނީ ތާރީހުގައި މައްސަލަ ޖެހިފައިވަނީ ޓައިޕިން އެރާއެއް ކަމަށް ބުނެފަ އެވެ. އެކަން ޗޭން އޮފް ކަސްޓަޑީއިންނާއި ތަހުލީލަށް އެދޭ ފޯމުން ސާފުވާ ކަމަށެވެ. އެ ރިޕޯޓްގައި ވަނީ ޝާފިއުގެ ފޯނުން ފޮޓޯތަކާއި ސްކްރީން ޝޮޓްތަކެއް ފެނުނުކަން ފާހަގަކޮށްފަ އެވެ. އޭނާ ބުނީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމަކީ ފާރިސްގެ މައްސަލައާ ގުޅޭ ކަމަށް އިންވެސްޓިގޭޝަން އޮފިސަރު ބުނެފައިވާކަންކަން ކަމަށެވެ.

ޝާފިއުގެ ފޯނުން ފޮޓޯއެއް މީހަކަށް ފޮނުވާފައިވާކަން ވެސް ރިޕޯޓްގައިވެ އެވެ. ނަމަވެސް އެއީ ކާކަށް ފޮނުވި ފޮޓޯއެއްތޯ ބަލައި އެކަން ރިޕޯޓްގައި ހިމަނާފައިނުވާނެ ކަމަށް ޝަރީފް ބުންޏެވެ. އެއީ އިންވެސްޓިގޭޝަން އޮފިސަރު އެކަމަށް ނޭދޭތީ ކަމަށް ވެސް ބުންޏެވެ. އެހެންވެ ރިޕޯޓްގައިވާ ކަންކަން ފާރިސްއާ ގުޅެނީ ކިހިނެއްތޯ ސުވާލުކުރުމުން ޝަރީފު ބުނީ، އޭނާ ރިޕޯޓްގައި ހިމަނާފައިވަނީ އިންވެސްޓިގޭޝަން އޮފިސަރު، މައްސަލަ ގުޅުންހުރި ކަމަށް ބަޔާންކުރި ކަންކަން އެކަނި ކަމަށެވެ.

ޝާފިއުގެ ފޯނުގެ ތަހުލީލު ކުރިއަށް ގެންދިޔައީ ޗެންއިން އޮފް ކަސްޓަޑީގެ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަވެފައި ހުރުމުން ކަމަށާއި އިޖުރާއަތުތައް ފުރިހަމަ ނުވާނަމަ ތަހުލީލުކުރިއަށް ނުގެންދާކަން ވެސް އޭނާ ފާހަގަކުރި އެވެ. ނަމަވެސް މައްސަލާގައި ޗެއިން އޮފް ކަސްޑަޓީ ދައުލަތުން ހުށަހަޅާފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ފާރިސްގެ ވަކީލް ވިދާޅުވީ ޗެއިން އޮފް ކަސްޓަޑީ ނެތި އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަން ސާބިތުނުވާނެ ކަމަށެވެ. އެހެންވެ މޮބައިލް ފޮރެންސިކް އެކުލަވާލީ ސައްހަ އިޖުރާއަތުތަކެއްގެ މައްޗަށް ކަމަށް ބަލާނެ ހަމައެއް ނެތް ކަމަށެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލް ވިދާޅުވީ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާ ކަމަށް ޝަރީފު ވިދާޅުވާތީ އެކަން ސާބިތުވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ޗެއިން އޮފް ކަސްޓަޑީ މައްސަލާގައި ހުށަނާޅުއްވާ ކަމަށް ވިދާޅުވި އެވެ. ޗެއިން އޮފް ކަސްޓަޑީ ދައުލަތަށް ލިބުނީ މައްސަލާގައި ދައުވާކުރި ފަހުން ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. އެހެންވެ ގާޒީ ވަނީ އެ ޗެއިން އޮފް ކަސްޓަޑީއަށް މައްސަލާގައި ރިޔާއަތް ނުކުރުމަށް ނިންމާވާފަ އެވެ.

ދެން މައްސަލާގައި ބަލައިނުގަތުމަށް ނިންމެވީ ޝާފިއު ދީފައިވާ ތަހުގީގީ ބަޔާނެވެ. އެއީ މައްސަލާގައި ހެކި ހާމަކުރަން ދިން ފުރުސަތުގައި ޝާފިއު ޝަފަވީ ހެއްކެއްގެ ގޮތުގައި ހުށަނާޅާ ހެކީގެ ގޮތުގައި ބަޔާން އެކަނި ހުށަހަޅާފައިވާތީ އެވެ. މިހާރު ކުރިމިނަލް ކޯޓުން އަމަލުކުރާ އުސޫލަކީ މީހެއްގެ ބަޔާން ހެކީގެ ގޮތުގައި ބަލައިގަންނަނީ އެމީހެއް ގެނެސް ހެކި ބަސް ނަގަައިގެންނެވެ. ޝަމީލް ވިދާޅުވީ ޝާފިއުގެ ނަން ހެކީގެ ގޮތުގައި ހުށަނާޅާ އޮތުމުން ޝާފިއުގެ ބަޔާނުގެ ސައްހަކަން ކަނޑައަޅާނެ ގޮތެއް ނެތް ކަމަށެވެ. ހެކި ހާމަކުރުމުގެ މަރުހަލާގައި ޝާފިއުގެ ނަން ހުށަނޭޅި ނަމަވެސް ހެކި ހުށަހަޅަން ލިބުނު ފުރުސަތުގައި ޝާފިއުގެ ނަން ހުށަހެޅި އެވެ. ނަމަވެސް އިއްޔެ ޝަރީއަތުން ވަނީ ޝާފިއު ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމާފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ހެކި ހާމަކުރަން ލިބޭ ފުރުސަތުގައި ހުށަނާޅާ ހެއްކެއް އެއީ ފަހުން ފާޅުވާ ހެއްކެއް ނޫންނަމަ ބަލައިނުގަނެވޭނެ އެވެ.

ޝާފިއުގެ ބަޔާން ބަލައިނުގަތުމަށް ނިންމުން ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ 62 ހެކިންގެ ހެކި ބަސް ނަގަން ބޭނުންނުވާ ކަމަށް ވަކީލް ޝަމީމް ވިދާޅުވި އެވެ. ނަމަވެސް މައްސަލާގައި ދިފާއުގައި ހުށަހަޅާފައިވާ ކިތާބީ 11 ހެއްކަކަށް ރިޔާއަތްކޮށްދިނުމަށް އެދުނެވެ. މާދަމާ އެ ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އަޑުއެހުމެއް އޮންނާނެ އެވެ.

ދައުލަތުގެ ފަރާތުން ފާރިސްއާ ދެކޮޅަށް ހުށަހެޅީ ތިން ފުލުހަކާއި ފާރިސްގެ ގެއިން ފެނުނު އޭފޯ ގަނޑަކާއި ފާރިސް އާއި ޝާފިއުއާ ދެމެދު ދެކެވޭ ވާހަކަތަކެއްގެ ވީޑިއޯ އާއި އޭގެ ސްކްރިޕްޓާއި އޯޑިއޯ އެނާލިސިސް ރިޕޯޓާއި ޝާފިއުގެ ފޯނުގެ ފޮރެންސިކް ރިޕޯޓެވެ. ދެން ހުށަހަޅާފައިވަނީ ޝާފިއު އާއި ސިއްރު ހެކިވެރިއެކެވެ. މީގެތެރެއިން ބަލައިގަންނަން މިހާރު ނިންމާފައިވަނީ ސިއްރު ހެކިވެރިޔާ އާއި މޯބައިލް ފޮރެންސިކް ރިޕޯޓާއި އެ ތައްޔާރުކުރި އޮފިސަރުގެ ހެކި ބަސް އެކަންޏެވެ.