ރިޕޯޓް

އައިބުތަކާއެކު އުފަންވާ ދިވެހި ކުދިންގެ އަދަދު ގިނަވަނީ ކީއްވެ؟

ސިއްހަތާއި ދުޅަހެޔޮކާމާ ދިވެހިން އަދިވެސް ވަރަށް ބީރައްޓެއްސޭ ބުނުން ގޯހަކަށް ނުވާނެ އެވެ. ކެއުމުގައި ހުންނަ ނުރަނގަޅު އާދަތަކަށް ދިވެހިން ފަރިތަވެފައި ތިބި ވަރުން ސިއްހަތު ރައްކާތެރި ކުރުމާބެހޭ ސިޔާސަތެއް މިރާއްޖޭގައި ރަނގަޅަށް ތަންފީޒުކުރުން ވެފައި އޮތީ ގޮންޖެހުން ބޮޑު މަސައްކަތަކަށެވެ. މިފަދަ ނުރަނގަޅު އާދަތަކުގެ ހިތި ނަތީޖާ ރާއްޖޭގެ ހަތަރު ލައްކަ އެއްހާ މީހުން ހިމެނޭ ކުޑަކުޑަ އާބާދީއަށް ވަނީ ތަހައްމަލު ކުރަން ޖެހިފަ އެވެ. ޒުވާން އުމުރުގައި ދުންފަތުގެ ނުރައްކަލުގެ ތެރެއިން އަންނަ ބަލިތަކުގެ ޝިކާރައަކަށްވެ އެވެ. ހަކުރު ބައްޔާއި ފަލަވުން ފަދަ މައްސަލަތަކުގައި ކުރިމަތިލާން ޖެހެ އެވެ. އޭގެ ސަބަބުން އުފަންވާ ދަރިން ވެސް ނުރައްކަލުގެ ތެރެއަށް ވަދެގެން ދެއެވެ.

ފާއިތުވި ދެ އަހަރުގެ ރާއްޖޭގައި 4820 ކުދިން އުފަންވި އިރު އޭގެ ތެރެއިން 21 ކުދިންނަކީ ވިހޭ އިރު މަރުވެފައިވާ ކުދިންނެވެ. އޭގެ ތެރެއިން އައިޖީއެމްއެޗަށް ވިހެއި ކުދިންގެ 4.7 ޕަސެންޓަކީ އެކި ކަހަލަ އައިބުތަކާއެކު އުފަންވި ކުދިންނެވެ. އެއީ 227 ކުދިންނެވެ. އެހެނިހެން ހޮސްޕިޓަލް ތަކަށް ވިހޭ ކުދިންގެ ތެރެއިން ވެސް ތަފާތު އައިބުތައް ހުރި 37 ކުއްޖަކު ފާހަގަވެ އެއާއިލާތައް ދަނީ ތަކުލީފު އުފުލަމުންނެވެ.

މި ކުދިންގެ ތެރެއިން ފުރާނައަށް ނުރައްކާތެރި މައްސަލަތައް ހުރި ކުދިން ދުނިޔެއާ ވަކިވެގެން ދިޔައީ އެވެ. ފާއިތުވި ދެ އަހަރުގެ ތެރޭ އުފެދުމުގެ އުންޏާއި އައިބުތަކާ ގުޅިގެން ދިމާވި އެކި މައްސަލަތަކުގައި ދިވެހި 50 ކުއްޖަކު މަރުވި އެވެ. ޒިންމާ ނަގަންޖެހޭ ބައެއްގެ ގޮތުން އެ ޒިންމާ ކޮބައިހެއްޔެވެ؟ އިހުމާލުވަނީ ކިހާ ހިސާބަކުން ހެއްޔެވެ؟

އުފެދުމުގައި އުނިކަން ހުންނަން މެދުވެރި ވަނީ އަދި މި މައްސަލަ ރާއްޖޭގައި ބޮޑުވަމުން ދަނީ ހަމައެކަނި ފައިދާހުރި ކާނާ ނުކާތީއެއް ނޫނެވެ. ކްރޮމޮޒޯމަކުން ވެސް އަދި އެންމެ ޖީންއެއްގައި ހުންނަ ފަރަގެއްގެ ސަބަބުން ވެސް އުނިކަމެއް އުފެދެން މެދުވެރިވެދާނެ އެވެ. މީގެ އެއް މިސާލަކީ ރާއްޖޭގައި މައްސަލަ ބޮޑު ތެލަސީމިއާ އެވެ.

ކުއްޖާ އުފެދޭއިރު ބޮޑެތި އައިބުތައް އުފެދެން ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މާ ބޮޑަށް ފަލަވުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ހަކުރު ބައްޔާ ހަނގުރާމަ ކުރަންޖެހުމާއި މަސްތުވާތަކެތި ބޭނުން ކުރުން ހިމެނެ އެވެ. މިއީ މިހާރު ރާއްޖޭގައި ވަރަށް އާންމު މައްސަލަތަކެވެ.

މީގެ އިތުރަށް ފަނިފަކުސަ އާއި ސޫފާސޫފިން ސަލާމަތްވާން ބޭނުންކުރާ ތަފާތު ވައްތަރުގެ ބޭހާއި ޕެސްޓިސައިޑް ވެސް ރޯލެއް އަދާކުރެ އެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި އާންމުކޮށް ގުނުމުގެ ތެރެއަށް ނުގެންގޮސް އޮންނަ އެއް ކަމަކީ "އަން-ޕްލޭންޑް ޕްރެގްނެންސީ" އެވެ. ނުވަތަ ރޭވުމަކާއި ނުލައި ބަލިވެ އިންނަ އިނުމެވެ. މިކަން މައްސަލައަކަށްވާ ސަބަބުތައް އެބަހުއްޓެވެ. ރާއްޖޭގައި މިއީ ވަރަށް ބޮޑު މައްސަލައެކެވެ.

ބަލިވެ އިނުމުގެ ކުރިއަށް ވިސްނާ ނުލެވޭ

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ވިދާޅުވި ގޮތުގައި "އަންނަން އުޅޭ ދަރިފުޅުގެ ސިއްހަތާމެދު ވިސްނަން ޖެހެނީ ދަރިފުޅަށް ބަލިވެ އިންނަ ހިސާބުން ކަމަށް ދެކޭނަމަ އެއީ ރަނގަޅު ވިސްނުމެއް" ނޫނެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންސާނެއްގެ ހެދި ބޮޑުވުމަށް މުހިއްމު ގިނަ މާއްދާތަކެއް ބޭނުންވާއިރު މައިމީހާގެ ހަށިގަނޑުން މަދުވާ މާއްދާތައް ހޯދަން މަސައްކަތްކުރަންވީ ވަގުތަކީ ކުއްޖަކު ހޯދަން ވިސްނުމާއި ބަލިވެ އިނުމާ ދޭތެރޭ ހޭދަވާ ދުވަސްތަކެވެ. އަން-ޕްލޭންޑް ޕްރެގްނަންސީ، ނުރައްކަލަކަށްވާ ހިސާބަކީ އެއީ އެވެ.

"ގިނަ ފަހަރަށް ބަލިވެ އިން ކަމަށް ޝައްކު ކުރެވެނީ ޕީރިއަޑް މިސް ވީމަ. އެހާ ހިސާބުން ޓެސްޓުކޮށްގެން ޑޮކްޓަކަށް ދައްކައިގެން ބޭސް ބޭނުން ކުރަން ފަށާއިރު އޮންނަނީ ވަރަށް ލަސްވެފައި،" ޑރ. ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ދަރިފުޅު އުފެދެމުންދާއިރު ފުރަތަމަ މަސް ތެރޭގައި މައިބަދަ އުފެދޭނެ އެވެ. އެހެންވީމަ ޕީރިއަޑް މިސްވެގެން ޑޮކްޓަރަށް ދައްކައި ބޭސް ބޭނުން ކުރަން ފަށާއިރު އާންމުކޮށް އޮންނަނީ މަހަކަށްވުރެ ގިނަ ދުވަސް ވެފަ އެވެ.

"އެހާ ދުވަސް ވާއިރު ހުންނަނީ ބައެއް އައިބުތައް އައިސްފައި. ދެން ބޭނުން ކުރަން ފަށާ ބޭހުން އެކަން އިތުރަށް ގޯސްވިޔަ ނުދޭން މަސައްކަތް މި ކުރެވެނީ،" ފައިސަލް ތަފުސީލެއް ދެވި އެވެ.

ތަކުރާރުކޮށް ފެންނަ މައްސަލަތަކަށް ސަމާލުވާންޖެހިފައި

ރާއްޖޭގައި ކުދިންގެ އުފެދުމުގައި ހުންނަ އުނި ކަންތައްތަކުގެ ތެރެއިން އެންމެ ގިނައީ ހިތުގެ މައްސަލަތައް ހުންނަ ކުދީންނެވެ. މި ވާހަކަ ބުނެދެނީ ދައުލަތުގެ ރަސްމީ ތަފާސް ހިސާބެވެ. ދުނިޔޭގެ ތަފާސް ހިސާބުގައި ވެސް ގިނައީ މި ބައެވެ.

މިއީ ނޭނގޭ ވާހަކައެވެ؛ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ ދެ އަހަރުގެ ތެރޭގައި 100 އާ ގާތް އަދަދަކަށް ހިތުގެ މައްސަލަ ހުރި ކުދިން ރާއްޖޭގައި އުފަންވެފައިވާއިރު އާބާދީގެ ނިސްބަތުން މި މައްސަލަތައް ދަނީ ގޯސްވެ އިތުރުވަމުންނެވެ. މިކަން ފާހަގަ ކުރެވިގެން "ކޮންޖެނިޓަލް ހާޓް ޑިސީސަސް" ރާއްޖޭގައި މަދު ކުރުމަށް މަސައްކަތް ކުރަން، ބައިނަލްއަގުވާމީ އެފަދަ މުއާހަދާތަކާ އެއްގޮތަށް ރާއްޖޭގައި މަސައްކަތްކުރުމަށް އެކްޝަން ޕްލޭނެއް ވެސް މިހާރު ހަދާފައި އެބައޮތެވެ.

ކޮންޖެނިޓަލް ހާޓް ޑިސީސަސް ކޮބައި ހެއްޔެވެ؟ އެއީ ހިތް އުފެދެން ޖެހޭ އެންމެ ފުރިހަމައަށް ނު އުފެދި އޮތުމެވެ. ބައެއް ފަހަރު ހިތުގެ ދެ ފަޅީގައި ހިނގާ ލޭ މިކްސްވާ ގޮތަށް ލޯވަޅު އެޅިފައި ހުރެ އެވެ. އަނެއްބައި ކޭސްތަކުގައި ހިތުގެ މައި ހޮޅިތައް އަސްލު ހުންނަންވާ ގޮތް ނޫން ގޮތަށް އުފެދިފައި ހުރެ އެވެ. ވަރަށް ގިނައިން "މިއުޅެނީ ދަރިފުޅުގެ ހިތުގައި ލޯވަޅެއް އިނދެގެން އެކަމާއޭ" ބުނާ އަޑު އިވޭނެ އެވެ. އެ ދިމާވަނީ މި މައްސަލަ އެވެ. މިއީ މިހާރު ރާއްޖޭގައި ވަރަށް އާންމު ކަމެކެވެ.

މި މައްސަލަ ނުކުންނަ މައިގަނޑު ސަބަބަކީ ދުންފަތާއި ދުމެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރި ކަމުގައި ވިޔަސް ދިރިއުޅޭ މާހައުލުގައި ހުންނަ ދުމުން ވެސް މައިމީހާ ނުރައްކަލުގެ ތެރެއަށް ގެންދެ އެވެ. އަދި މި މައްސަލަ ދިމާވެދާނެ އެވެ. އަދި މަސްތުވާތަކެތި ބޭނުން ކުރުމާއި ހަކުރު ބަލި ހުރިމާއި މާބޮޑަށް ފަލަވެ ލޭ މައްޗަށް ދިއުމާއި ފޮލިކް އެސިޑް މަދުވުމަކީ ހިތުގެ އުނިކަމަށް ވާރުތަކުރާ ކަންކަމެވެ. ރާއްޖެއަށް ދިމާވެގެން މިއުޅެނީ އެ މައްސަލަ އެވެ.

ޑރ. ފައިސަލް ވިދާޅުވި ގޮތުގައި ދަރިމައިވުމުގެ ސިއްހަތަށް ބަލާއިރު އުމުރަކީ ވެސް އޭގައި މުހިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ. މިއީ ބައެއް ފަހަރު ފަރުވާ ކުޑަކޮށްލެވޭ ކަމެކެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގެ ތަފާސް ހިސާބަށް ބަލާއިރު އުމުރުން 30 އަހަރުގެ ކުރިން ހޯދާ ކުދިން އައިބުތަކާއެކު އުފަންވުމުގެ ޗާންސް ވަރަށް ކުޑަ އެވެ. އެކަމަކު އުމުރު މަތިވާ ވަރަކަށް އެ ރިސްކް މަތިވެ އެވެ. ސާޅީސް އަހަރުގެ ފަހުން ވިހާ ކުދިންގެ ހަށިގަނޑުގައި އުނިކަން ހުރުން 8.1 ޕަސެންޓް އިތުރެވެ.

ފޯލިކް އެސިޑަކީ ހީރޯއެއް

މައިމީހާގެ ހަށިގަނޑުގައި ފޯލިކް އެސިޑް ދަށްވެއްޖެ ނަމަ މައިބަދަ އާއި ހިތާއި ތުންފަތާއި ތަލީގެ މައްސަލަތައް ދިމާވެ އެވެ. ފޯލިކް އެސިޑް މަދުވެއްޖެ ނަމަ އެކަށީގެންވާ މިންވަރަށް އެބައި ހޯދައި މައްސަލަތައް ރަނގަޅު ކުރަން ގާތްގަނޑަކަށް މަހެއް ބޭނުންވެ އެވެ.

މިކަމަށް މަސައްކަތް ކުރަންވީ މާބަނޑުވާ ހިސާބުން ކުރިއަށް އެއްމަހާއި އޭގެ ފަހަށްދާ ތިން މަހުގަ އެވެ. ބޭނުންކުރާ ކާ އެއްޗިހީގައި ފޯލިކް އެސިޑް ހިމެނުން މިކަމަށް އޮތް އެހީއަކަށް ހެދިދާނެ އެވެ. މާބަނޑުވުމަށް ފަހު ވެސް ވަރަށް ބޮޑަށް ކާހިތްވާ އެއްޗެހީގައި ފޯލިކްއެސިޑް ހިމަނައި ބޭނުން ކުރުމަކީ ކުރެވިދާނެ ކަމެކެވެ.

ދުވާލަކަށް 450 މައިކްރޯގްރާމްގެ ފޯލިކް އެސިޑް ބޭނުންވާއިރު އެސްޕެރަގަސް، ސްޓްރޯބެރީ ބީފް ލިވާ އަދި ބްރޮކޮލީ ފަދަ ކާނާގައި ގިނަ އަދަދަކަށް މި މާއްދާ ހިމެނެ އެވެ. ފޯލިކް އެސިޑް މަދުވުމަކީ މާބަނޑު ދުވަސްވަރު ބައިގެން ދިއުމަށް މެދުވެރިވާ އެންމެ މައިގަނޑު އެއް ސަބަބެވެ. -- ކުއްޖާ އުފެދޭއިރު އައިބު ހުރުމަކީ ބައިގެންދިއުމުގެ މައިގަނޑު ސަބަބެވެ --

"ފޮލިކް އެސިޑް ނަގަން އެންމެ ރަނގަޅު ގޮތަކީ ފޯޓިފިކޭޝަން ހުންނަ ކާނާ ބޭނުން ކުރުން. ލޮނުގައި އައޮޑިން ހުންނަ ގޮތަށް ފޮލިކް އެސިޑް ފޯޓިފައި ކޮށްފަ ހުންނަ ކާނާ ހުންނާނެ. މިއީ ވަރަށް ފަސޭހަ ގޮތެއް،" ޑރ. ފައިސަލް ވިދާޅުވި އެވެ.

ފަރުވާއަކީ އަމިއްލަ މަސައްކަތް

މިއީ އަބަދުވެސް ދައްކާ ވާހަކަ އެވެ. ދުޅަހެޔޮ ކާނާ އަކީ ދުޅަހެޔޮ ސިއްހަތެއްގެ ސިއްރެވެ. މިހާރު ވިސްނަންވީ އެއީ އަންނަން ތިބި ދަރިންގެ ވެސް މުސްތަގުބަލް ކަމެވެ. ދޫކޮށްލަންވީ ނުރަނގަޅު އާދަތަކެވެ. ކެއުމުގައި ގެންގުޅޭ ދޯދިޔާ ރަތަތަކެވެ. ލުއި ކާނާ އާއި އެނާޖީ ޑްރިންކް ޓްރެންޑަކަށް އޮތް އޮތުން ނިމުމަކަށް އަންނަންޖެހެ އެވެ. ހަކުރު ބައްޔާއި ފަލަވުމުން މީހާ ދުރުކޮށްދޭނެ ފަދަ ހީވާގި ދިރިއުޅުމަކަށް ހޭނެން މިހާރު ވެސް ލަސްވެއްޖެ އެވެ.