ދިވެހި ސިނަމާ

"ހުވާ"ގައި އެންމެ މޮޅު އެކްޓިންއެއް ދައްކާނީ ކޮން ބަތަލާއެއް؟

ޑައިރެކްޓާ ފާތިމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން މިހާރު ގެނެސްދިނުމަށް ތައްޔާރުވަމުންދާ ވެބް ސީރީޒްއަށް ކުރެވޭ އުއްމީދު ބޮޑެވެ. ސަބެބެއް ވެސް ނެތިއެއް ނޫނެވެ. ނަހުލާގެ އުފެއްދުމަކަށްވެފައި މިއީ ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒްއަށްވެސް ވުމުންނެވެ. މީގެ އިތުރުންވެސް މި ސީރީޒް އެތައް ގޮތަކުން ހާއްސާވާނެ އެވެ.

ބޮޑު ކާސްޓެއް ހިމެނޭ މި ސީރީޒްގެ ކާސްޓުން ވަރުގަދަ ކުރަމުން އަންނައިރު މިހާރު ވަނީ ސީރީޒްގެ ލީޑު ކާސްޓުގައި ކުޅަދާނާ ތިން އަންހެން ބަތަލާއިން ވެސް ހިމަނާފަ އެވެ. އެ ބަތަލާ އިންނަކީ މަރިޔަމް އައްޒަ، ޝީލާ ނަޖީބު އަދި އައިމިނަތު ރިޝްފާ އެވެ. ރާއްޖޭގައި މިހާރު ތިބި އެންމެ މޮޅު ބަތާލައިންގެ ލިސްޓުގެ އެންމެ ކުރީގައި މި ތިން ތަރިން ހިމެނެ އެވެ.

ކުޅަދާނަ ތިން ބަތަލާއިން، ދޫކުރާނެ ތަރިއެއް ނެތް

އައްޒަ ވަނީ މީގެ ކުރިން ނަހުލާއާއެކު ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަހުލާގެ އެންމެފަހުން ނިކުތް ފިލްމު "ބޮސް" ގެ ލީޑު ބަތަލާއަކީ ވެސް އައްޒަ އެވެ. އަހަރުގެ އެންމެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމުގައި އޭނާ ދެއްކި އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ.

އައްޒަގެ އެކްޓިން ކެރިއާގައި އޭނާއަށް އެންމެ ބޮޑު މަގުބޫލުކަމެއްވެސް ލިބުނީ ނަހުލާގެ ފިލްމެއްގައި ދެއްކި އެކްޓިނުންނެވެ. ފިލްމު "4426" ވެގެންދިޔައީ އައްޒަގެ އެކްޓިން ކެރިއަރުގައި އެންމެ ފުރަތަމަ ބޮޑު ކާމިޔާބީއެއް ހޯދިި މަސައްކަތަށެވެ.

ނަހުލާގެ ދެ ސިލްސިލާއެއް ކަމަށްވާ "އުމުރަށް ސަލާމް" އަދި "ވަކިވުމުގެ ކުރިން" ގައިވެސް އައްޒަ މަސައްކަތްކޮށްފައިވެ އެވެ. މިިދިޔަ އަހަރު ނިކުތް ގިނަ ފިލްމުތަކެއްގައިވެސް އައްޒަ ފެނިގެންދިއުމާއި، އެ ފިލްމުތަކުގައި އޭނާ ދެއްކި މޮޅު އެކްޓިންއަށް ބަލާފައި ގިނަ ބަޔަކު ވަނީ އައްޒައަކީ މިހާރު ދިވެހި ސިނަމާގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ތަރީގެ ގޮތުގައި ސިފަކޮށްފަ އެވެ.

ދެން ތިބި ދެ ބަތަލާ އިންނަށް ބަލާއިރު ޝީލާ އަދި ރިޝްފާއަކީވެސް ނަހުލާއާއެކު މީގެ ކުރިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ދެ ބަތަލާއިންނެވެ.

މި ތިން ބަތަލާއިންގެ ތެރެއިން ނަހުލާއާއެކު އެންމެ ގިނަ ޕްރޮޖެކްޓުތަކުގައި މަސައްކަތްކޮށްފައި ހުރި ބަތަލާއަކަށް ވާނީ ޝީލާ އެވެ. ނަހުލާގެ އެންމެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ޔޫސުފް"، "ހެޔޮނުވާނެ" އަދި "ޒުލޭހާ" ފަދަ ފިލްމުތަކުގައި އޭނާ ދެއްކި އެކްޓިންއަށް ތައުރީފު އޮހުނެވެ. ފިލްމު "4426" ގައި ޝީލާ ދެއްކި އެކްޓިންއަށްވެސް ގިނަ ބައެއް ސަމާލުކަން ލިބުނެވެ. ނަހުލާގެ ކުރީގެ ބައެއް ސިލްސިލާތަކުގައިވެސް ޝީލާ މަސައްކަތްކޮށްފައިވެ އެވެ.

ރިޝާފްވެސް ނަހުލާގެ ބައެއް މަސައްކަތްތަކުން މީގެ ކުރިން ފެނިގެންދިޔަ އެވެ. އެގޮތުން ގިނަ ބައެއް ލޯބި ލިބުނު ނަހުލާގެ ދެ ސިލްސިލާކަމަށްވާ "އަދިވެސް އެ ލޯތްބަށް ގަދަރުކުރަން" އަދި "އުމުރަށް ސަލާމް" ގައި ރިޝްފާ މުހިންމު ރޯލުތަކުން ފެނިގެންދިޔަ އެވެ.

"މިއީ މި ތަރިންނަށްވެސް ވަރަށް ޗެލެންޖިން އެއްޗަކަށް ވާނެކަން ޔަގީން. ކޮންމެ ތަރިއަކުވެސް އެމީހެއްގެ އެންމެ މޮޅު އެކްޓިން ދައްކާނެކަމަށް އަޅުގަނޑު ގަބޫލުކުރަން،" ނަހުލާ ބުންޏެވެ.

ތަރިއަކަށް ދޫކުރާނެ ތަރިއެއް ނެތެވެ. މި ތިން ތަރިންނަކީވެސް ކުޅަދާނަ އަދި ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހުރި ތިން ބަތަލާއިންނެވެ. މިއީ މި ތިން ބަތަލާއިން އެއްކޮށް ފެނިގެންދާނެ ފުރަތަމަ ފަހަރަށްވުމުން މި ސީރީޒްއަށް ކުރެވޭ އިންތިޒާރު އަދި ވަކިން ބޮޑެވެ.

ޑްރާމާތަކާއި ދުރު ޔޫއްޕެވެސް މި ސީރީޒްގައި

ސީރީޒްގެ ކާސްޓުން އިއުލާނުކުރެވިގެން ދިޔައިރު އެންމެ ބޮޑު ހައިރާންކަމެއް ގެނުވީ ކާސްޓަށް މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީޢު (ޔޫއްޕެ) ނަގާފައި އޮތުމުންނެވެ. ޔޫއްޕެއަކީ އަބަދުވެސް ޑްރާމާތަކާއި ވަަރަށް ދުރިގައި އުޅޭ ތަރިއެކެވެ. ޔޫއްޕެ މި ސީރީޒް އިން ފެނިގެންދިއުމަކީ މި ސީރީޒްއަށް ލިބޭ ބޮޑު ފުރިހަމަކަށް ވާނެކަމަށް ގަބޫލުކުރެވެ އެވެ.

"ޔޫއްޕެ މި ސީރީޒް އިން ފެނިގެންދިއުމަކީ މި ސީރީޒްއަށް ލިބޭ އިތުރު ފުރިހަމަކަމެއް." ނަހުލާ ބުންޏެވެ.

"ވަރުގަދަ ކާސްޓަކާއި ޕްރޮޑަކްޝަން ޓީމަކާއެކު ވަރަށް ޕްލޭންކޮށްގެން ވަރަށް ރަނގަޅަށް މަސައްކަތް ކުރިއަށްދަނީ." ޝޫޓިން ފަށައިގެން މިހާރު ކުރިއަށްދާ "ހުވާ" އާއި ބެހޭގޮތުން ނަހުލާ ބުންޏެވެ. "ވަރަށް ބޮޑު އަޒުމެއްގައި މި ސީރީޒް މި ތައްޔާރުކުރަނީ. މި ސީރީޒްއަކީ ތާރީހުގައި ލިޔެވޭވަރުގެ އެއްޗަކަށް ހަދަން ބޭނުން." ނަހުލާ ބުންޏެވެ.

"ހުވާ" ވަރުގަދަ ސީރީޒްއަކަށް ވާނެ

ޓީވީއެމް އިން ޑްރާމާ ސީރީޒްތައް ދައްކަން ފެށިއިރު ދެއްކި ކާމިޔާބު ޑްރާމާއެއް ކަމަށްވާ "ކައްތިރި" އަކީވެސް ނަހުލާގެ ހިއްސާ އޮވެގެން ތައްޔާރުކުރި ޑްރާމާއެކެވެ. އެ ޑްރާމާއަކީ ދިވެހިންގެ ހިތްތަކުން އަދިވެސް ފޮހެވިގެން ނުދާހާއި ބޮޑު ކާމިޔާބީއެއް ހޯދި ޑްރާމާއެކެވެ.

"ބޭނުން ވަނީ 'ކައްތިރި' ފަދަ އިން 'ހުވާ' އަކީވެސް ހަނދާނުން ފޮހެނުލެވޭނެ ވަރުގެ ސީރީޒްއަކަށް ހަދަން." ނަހުލާ ބުންޏެވެ. "ބޭނުންވަނީ ކޮންމެ އެޕިސޯޑެއްވެސް ވަރަށް ޝައުވެރި އެޕިސޯޑަކަށް ހަދަން. ކޮންމެ މަންޒަރަކީވެސް ބަލާ ހިތްވާ މަންޒަރަކަށް ވުން. ކޮންމެ ރެޔަކީވެސް 'ހުވާ' އަށް އިންތިޒާރުކުރެވޭ ރެއަކަށް ވުން."

"ހުވާ" ގެ މުހިންމު ރޯލުތަކުން އިބްރާހިމް ޖިހާދު (ޖިމީ)، އަލީ އާޒިމް (ދޮން އައްޔަ) އަދި ޖާދުﷲ ވެސް ފެނިގެންދާނެ އެވެ. މީގެ އިތުރުން ދާއިރާއަށް އަލަށް ނިކުންނަ ގިނަ ތަރިންނާއި އަދި ނަން ހާމަނުކުރާ އިތުރު ތަރިންވެސް ފެނިގެންދާނެކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފައިވެ އެވެ.

"މީގަ ގިނަ ތަރިންތަކެއް ލީޑުގައި އުޅޭ. ކޮންމެ މިހާކަށްވެސް ވަރުގަދަ ރޯލުތަކެއް ދީފައި ވާނީ. މޮޅު އެކްޓިންއެއް ހުރިހާ ތަރިންގެ ފަރާތުންވެސް ފެނިގެންދާނެ." ނަހުލާ ބުންޏެވެ.

ނަހުލާ ބުނީ "ހުވާ" އަކީ މުޖުތަމައު އާއި ގުޅޭ ތަފާތު ކަންކަމާއި އާއިލީ ތަފާތު މައްސަލަތަކުގެ މައްޗަށް ބިނާކޮށް ގެނެސްދޭ ސީރީޒެއް ކަމަށެވެ. މި ސީރީޒް ޑައިރެކްޓު ކުރަނީ ނަހުލާގެ ބެލުމުގެ ދަށުން މުހައްމަދު ފައިސަލް އާއި ޔޫއްޕެ އެވެ.

"އަޅުގަނޑުގެ ބެލުމުގެ ދަށުން ހުރިހާ ކަމެއް ވެސް ކުރަމުން އަންނަނީ." ނަހުލާ ބުންޏެވެ.

"ހުވާ" ގެ ޕްރޮޑިއުސަރާއި ބެހޭގޮތުން ނަހުލާ ބުނީ މި ސީރީޒްގެ ޕްރޮޑިއުސަރަކީ ވަރަށް ވަރުގަދަ ފަރާތްތެއްކަމަށެވެ. ނަމަވެސް އެއީ ކޮން ފަރާތެއްކަން ހާމަކުރާނީ އަދި ފަހުން ކަމަށް އޭނާ ބުންޏެވެ.

ހަ މަސްދުވަހުގެ މުއްދަތަށް ދެމިގެންދާނެ މި ސީރީޒް ބެލުންތެރިންނާއި ހަމައަށް އަންނާނެ ދުވަހެއް އަދި އިއުލާނުކޮށްފައެއް ނުވެ އެވެ. އަދި ވެބް ސީރީޒް ސްޓްރީމްކުރެވޭނެ ގޮތް ހަދާނީ ކޮން ސައިޓަކުން ކަމެއްވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.