ހަބަރު

ކޯޓުގެ ބޭނުމަކަށް ފާރިސްގެ އަޑުއެހުން ކެންސަލްކޮށްފި

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

ފާރިސްގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ އަޑުއެހުން ކެންސަލްވެފައިވާކަން ކުރިމިނަލް ކޯޓުން އަންގާފައިވާ ކަމަށާއި ސަބަބެއް ކަމަށް ވިދާޅުވީ ކޯޓުގެ ބޭނުމަކަށް ކަމަށެވެ.

މިއަދުގެ އަޑުއެހުމަކީ ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ތާވަލުކުރި އަޑުއެހުމެކެވެ. ފާރިސްއާ އެއްކޮޅަށް ދައުލަތުން ހުށަހެޅި ސިއްރު ހެކުވެރިޔާ ހެކި ބަސްދީ، ދައުލަތުގެ ގިނަ ކިތާބީ ހެކިތަކެއް ބަލައިނުގަތުމަށް ނިންމުމުން ފާރިސްގެ ފަރާތުން ހުށަހެޅި 62 ޝަފަވީ ހެކި ހާޒިރުކުރަން ބޭނުން ނުވާ ކަމަށް ފާރިސްގެ ވަކީލް ވަނީ ވިދާޅުވެފަ އެވެ.

ދައުލަތުން ސިއްރު ހެއްކެއްގެ ގޮތުގައި ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ. އެ ހެކިވެރިޔާ ބުނީ ރިޝްވަތުގެ އެއްވެސް ފައިސާއެއް ފާރިސް ދެއްވާފައިނުވާ ކަމަށެވެ. ހެކިވެރިޔާ މިހެން ބުނިއިރު ދައުލަތުން ފާރިސްއާ ދެކޮޅަށް ދައުވާކުރީ އެ މެންބަރަށް ފާރިސް ރިޝްވަތު ދީފައިވާ ކަމަށް ބުނެ އެވެ.

ދައުލަތުގެ ފަރާތުން ފާރިސްއާ ދެކޮޅަށް ހުށަހެޅީ ތިން ފުލުހަކާއި ފާރިސްގެ ގެއިން ފެނުނު އޭފޯ ގަނޑަކާއި ފާރިސް އާއި ޝާފިއުއާ ދެމެދު ދެކެވޭ ވާހަކަތަކެއްގެ ވީޑިއޯ އާއި އޭގެ ސްކްރިޕްޓާއި އޯޑިއޯ އެނާލިސިސް ރިޕޯޓާއި ޝާފިއުގެ ފޯނުގެ ފޮރެންސިކް ރިޕޯޓެވެ. ދެން ހުށަހަޅާފައިވަނީ ޝާފިއު އާއި ސިއްރު ހެކިވެރިއެކެވެ. މީގެތެރެއިން ބަލައިގަންނަން މިހާރު ނިންމާފައިވަނީ ސިއްރު ހެކިވެރިޔާ އާއި މޯބައިލް ފޮރެންސިކް ރިޕޯޓާއި އެ ތައްޔާރުކުރި އޮފިސަރުގެ ހެކި ބަސް އެކަންޏެވެ.