ހަބަރު

ފުރަތަމަ ފަހަރަށް ނަދީމްއާ ސުވާލުކޮށްފި

ހައްޔަރުކުރިތާ މަހެއްހާ ދުވަސް ފަހުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްއާ ތަހުގީގުގައި ސުވާލުކޮށްފި އެވެ.

ނަދީމްއަށް ކުރާ ތުހުމަތުތަކާ ގުޅިގެން މިއަދު ފުލުހުން ތަހުގީގު ހިންގާފައިވާކަން ވަކީލުން ކަށަވަރުކޮށްދެ އެވެ. ނަމަވެސް އެ ތަހުގީގަކީ ޣައިރު ގާނޫނީ ތަހުގީގެއް ކަމަށް ވިދާޅުވެ ނަދީމް ތަހުގީގަށް އެއްބާރުލުން ނުދެއްވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު އެންމެ ފުރަތަމަ ހައްޔަރުކުރީ ނަދީމެވެ. އޭނާ ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގަ އެވެ.

މި ތުހުމަތަށް ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ބޭފުޅުންނާ ދެކޮޅަށް ކަޅު ފޮއްޓަކުން ހެކި ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. ނަމަވެސް ރައީސް މައުމޫން ހެކި ނައްތާލަން އުޅުއްވި ކަމަށް ބުނެ ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ބަޣާވާތެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެ އެވެ. އެހެންވެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ބޭފުޅުންނަށް ވެސް ހެކި ނައްތާލުމުގެ ދައުވާކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ. އަދި އެ ދެ ބޭފުޅުންގެ މަގާމު ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.