ރާންބީރު ކަޕޫރު އާއި އަނުޝްކާ ޝަރްމާ އަދި ކަރަން ޖޯހަރް ލީޑްރޯލުން ފެނިގެންދާ "ބޮމްބޭ ވެލްވެޓް" ވަނީ އިއްޔެ ރިލީޒްކޮށްފަ އެވެ.
ހަދަން ފެށިތާ ފަސް އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާ މިފިލްމަކީ މިއަހަރު ނިކުތުމަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި މިފިލްމެވެ.
މިފިލްމު މިދިޔަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވީ ނަމަވެސް، އެންމެ ފަހުން މިއަހަރު ރިލީޒްކުރާގޮތަށް ނިންމައި އިއްޔެ ސިނަމާތަކުގައި ދައްކަން ފަށާފައިވާއިރު، މިއީ ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕްގެ ވެސް އެންމު އުންމީދީ ފިލްމުގެ ގޮތުގައި ބެލެވުނު ފިލްމެވެ.
ގިނަ ބައެއް މިފިލްމަށް އިންތިޒާރުކުރަމުން އައި ނަމަވެސް، ފިލްމުގެ ފެށުން ރަނގަޅު ނޫންކަމަށް ޓްރޭޑް އެނަލިސްޓް ކޮމަލް ނަހްތާ ވަނީ ބުނެފަ އެވެ.
ރަންބީރު އާއި އަނުޝްކާ އެކުގައި ފެނިގެންދާ މިފިލްމަށް ބޮކްސް އޮފީހުގައި ލިބެމުންދަނީ ފިނި ތަރުހީބެއް ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައި ވެ އެވެ.
މީގެއިތުރުން ނަހްތާ ވަނީ ޓްވީޓާގައި މިފިލްމުގެ ފެށުން ރަނގަޅު ނޫންކަމަށާއި، އެގޮތުން "ފަން ގްވާލިއޯ" ސިނަމާގައި ދައްކަން ހަމަޖެހިފައި އޮތް މިފިލްމުގެ ފުރަތަމަ ޝޯ ބަލަން ވަން މީހުންގެ އަދަދު މަދުކަމުން ވަނީ ކެންސަލްވެސް ކޮށްފައިވާ ކަމަށް ލިޔެފަ އެވެ. އަދި ހެނދުނު ޝޯތަކަށް ބައެއް ސިނަމާތައް ފުރުނީ 15-20 ޕަސެންޓްކަމަށްވެސް ވެ އެވެ.
އިތުރަށް ނަހްތާ ވަނީ ރަންބީރު ކަޕޫރު އެންމެފަހުން ފެނިގެންދިޔަ ފިލްމު "ރޯއި"ގެ ފުރަތަމަ ޝޯތަކަށް ވަން މީހުންގެ އަދަދު މިފިލްމަށް ވުރެން ގިނަކަމަށާއި، އެހެންކަމުން މިފިލްމުގެ ފެށުން ވަރަށް ފީކަޅާކަމަށް ބުނެފަ އެވެ.
ފުރަތަމަ ދުވަހު މިފިލްމަށް ލިބުނު އާމްދަނީގެ އަދަދު އިނގޭނީ މިއަދު ކަމަށްވާއިރު، ކުރިއަތް އޮތީ ހަފްތާ ބަންދުކަމަށްވެފައި ކަރަން ޖޯހަރު އެކްޓަރެއްގެ ގޮތުގައި ފުރަތަމަ ފެނިގެންދާ މިފިލްމަށް ރަނގަޅު ތަރުހީބެއް ލިބުން ގާތެވެ.
ރަންބީރުގެ އެންމެފަހުން ނިކުތް ފިލްމުތަކުގެ ތެރެއިން "ބޭޝަރަމް" އާއި "ރޯއި" ފްލޮޕްވެފައިވާތީ މިފިލްމު ކާމިޔާބުވުން ރަންބީރުގެ ކެރިއަރަށް ވަރަށް މުހިންމެވެ.
ފާޑުކިޔާ ގިނަ ފަރާތްތަކަކުންވެސް އަންނަނީ މިފިލްމާއި ބެހޭގޮތުން ތަފާތު ވާހަކަތަކެއް ދައްކަމުންނެވެ. އެގޮތުން ގިނަ ފަރާތްތަކަކުން ބުނެފައިވަނީ ރަންބީރު އާއި އަނުޝްކާގެ އެކްޓިންގެ ސަބަބުން ނިދިއަންނަ ކަމަށާއި، ހާއްސަކޮށް އަނުޝްކާގެ އެކްޓިން ހީކުރިވަރަށްވުރެން ސަކަރާތްކަމަށެވެ. އަދި މިފްލްމުގައި ފެނިގެންދަނީ 1960 ގެ އަހަރުތައް ކަމުން، އެފަދަ މަންޒަރުތަކާއި، ފިލްމުގައި ބޭނުންކޮށްފައިވާ ކޮސްޓިއުމްތަކާއި ފިލްމުގެ ސްޓައިލް ފުރިހަމަ ނަމަވެސް އިހްސާސްތަށް ވަރަށް ދަށްކަމަށެވެ.
ފާޑުކިޔުންތެރިންގެ އިތުރުން، އިންޑިއާގެ ގިނަ އަދަދެއްގެ ބަޔަކުވެސް އަންނަނީ ޓްވިޓާގައި މިފިލްމުގެ ކަޑަ ވަހާކަދައްކަމުންނެވެ.
އިންޑިއާގެ 2600 ސިނަމާއެއްގައި މިފިލްމު ޕްރިމިއާކުރިއިރު، އެ ޝޯތައް ފުރުނީ އެވަރެޖްކޮށް 45-50 ޕަސެންޓެވެ.
މިދިޔަ ހަފްތާ ހުކުރު ދުވަހު ރިލީޒްކުރި ދިޕިކާ ޕަދުކޯން އާއި އަމީތާބް ބައްޗަން އަދި އިރްފާން ޚާން ލީޑްރޯލުން ފެނިގެންދާ "ޕީކޫ"އަށް ރަނގަޅު ތަރުހީބެއް ލިބެމުންދާ ކަމަށާއި، އެކަމުގެ ސަބަބުން މިފިލްމުގެ ވިޔަފާރިއަށް ވަނީ އަސަރުކޮށްފައި ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތަށް ބުނެ އެވެ.
“ބޮމްބޭ ވެލްވެޓް" އިއްޔެ އަދި ރިލީޒްކުރީ ކަމަށް ވުމުން، މިފިލްމުގެ ވިޔަފާރި ބަރޯސާވެފައި އޮތީ ފާޑުކިޔުން ތެރިން ބުނާ އެއްޗެއްގެ މައްޗަށް ބިނާކޮށެވެ.
މިފިލްމާއިއެކު ހޮލީވުޑް ފިލްމު "މޭޑް މެކްސް: ފިއުރީ ރޯޑް" ވެސް ވަނީ އިއްޔެ ރިލީޒްކޮށްފަ އެވެ. މިފިލްމުގެ ވިޔަފާރި ހެނދުނުގެ ޝޯތަކުގައި ރަނގަޅު ނޫން ނަމަވެސް، ހަވީރު އަދި ރޭގަނޑު ބާއްވާ ޝޯތަކަށް ގިނަ ބަޔަކު ވަންނާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް، މިފިލްމުގެ ސަބަބުން ހިންދީ ފިލްމުތަކަކަށް ބިރެއް ނެތްކަމަށްވެސް ވަނީ ބުނެފަ އެވެ.
ބޮމްބޭ ވެލްވެޓް" އަކީ ޕްރޮފެސަރު ގިޔާން ޕްރަކާޝް ލިޔެފައިވާ ފޮތެއް ކަމަށްވާ "ބޮމްބޭ ފޭބްލްސް"ގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.
ރަންބީރު މިފިލްމުގައި ކޭޖް ފައިޓާއެއް ކަމަށްވާ ޖޯނީ ބަލްރާޖްގެ ރޯލުން ފެނިގެންދާއިރު، އަނުޝްކާ ފެނިގެންދާނީ ރޯޒީ ކިޔާ ޖޭޒް ލަވަކިޔުންތެރިއެއްގެ ރޯލުންނެވެ. ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރު ވެސް ވަރަށް މުހިންމު ރޯލަކުން ފެނިގެންދެ އެވެ. ނުބައިބައި ރޯލަކުން އޭނާ ފެނިގެންދާނީ ކައިޒާދު ކަމްބާޓާ ކިޔާ ފާރިސީ ވިޔަފާރިވެރިއެއްގެ ގޮތުގަ އެވެ.
މިފިލްމުގައި ރަވީނާ ޓަންޑަން، މަނީޝް ޗައުދަރީ އަދި ސިދާތް ބާސޫ ސަޕޯޓިން ރޯލުތަކުން ފެނިގެންދާނެ އެވެ.
އަނޫރާގް ކަޝްޔަޕް ޑައިރެކްޓްކޮށް، ވިކްރަމަދިތްޔަ މޮޓްވާނޭ، ވިކާސް ބާލް އަދި ފޮކްސް ސްޓާ ސްޓޫޑިއޯގެ ފަރާތުން ޕްރޮޑިއުސްކޮށްފައިވާ މިފިލްމަކީ 80 ކުރޯޑް (800 މިލިއަން ރުޕީޒް)ގެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.
ފިލްމު ރިލީޒްކުރުމުގެ ކުރިން ވަނީ ބޮލީވުޑްގެ ފަރާތްތަކަށް މިފިލްމުގެ ހާއްސަ ސްކްރީނިންއެއް ބާއްވާފަ އެވެ. އެގޮތުން މި ސްކްރީނިންއަށް ފަހު ގިނަ އަދަދެއްގެ ތަރިންނެއް ވަނީ މިފިލްމަށް ތައުރީފުކޮށްފަ އެވެ. ބޮލީވުޑްގެ ފަރާތްތަކުން، މިފިލްމާއި މެދު ދެއްކި އެއްވެސް ރަނގަޅު ވާހަކައެއްގެ އަސަރު ފިލްމަށް ކުރިހެނެއް ހިއެއްނުވެ އެވެ.