ހަބަރު

އެއްވަނީ ސަރުކާރު ވައްޓާލަން، އެ ފުރުސަތު ނުދޭނަން: ފުލުހުން

އަންނަ ހުކުރު ދުވަހު އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުމަކީ ސަރުކާރު ވައްޓާލައި ގައުމުގެ އަމަންއަމާންކަން ނަގާލުމަށް ބާއްވާ އެއްވުމެއް ކަމަށާއި އެ އެއްވުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އަންނަ ހުކުރު ދުވަހު ބާއްވާ އެއްވުމަކީ ގާނޫނާ ހިލާފު ކަންތައްތަކެއް ކުރުމަށް ގޮވާލައި ސަލާމަތީ ބާރުތަކާ ކުރިމަތިލުމަށް ގޮވާލާ ބާއްވާ އެއްވުމެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އެފަދަ އެއްވެސް ކަމަކަށް ފުލުހުން ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަން،" ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ މިފަދަ އެއްވުންތަކަށް ކުއްލި ނުރައްކަލުގެ ހާލަތުގަ ވެސް އަދި އެ ނޫން ހާލަތްތަކުގަ ވެސް ފުރުސަތު ނުދޭނެ ކަމަށެވެ. ޣައިރު ގާނޫނީ އެއްވުންތަކަށް ހަރަދުކުރާ ފަރާތްތައް ހޯދައި އެ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން ވައްޓާލަން ކަމަށް ބުނެ ބާއްވާ އެއްވުންތަކާ ގުޅޭ ގޮތުން މިހާރު ވެސް ބަޔަކު ހައްޔަރުކޮށްފަ އެބަ ތިބި، އެމީހުންގެ ތަހުގީގު ކުރިއަށްދާ ވާހަކަ ވެސް ދަންނަވަން،" ޝިފާން ވިދާޅުވި އެވެ.

ޝިފާން މިގޮތަށް ވިދާޅުވިއިރު ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްއިން މިއަދު ހެނދުނު މިފަދައިން ވަނީ ވާހަކަ ދައްކާފަ އެވެ. ޕީޕީއެމްގެ ސެކްރެޓްރީ ޖެނަރަލް ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ، ހުކުރު ދުވަހު އެއްވާ އެއްވުމަކީ ވެސް ސަރުކާރު ވައްޓާލައި ގައުމު ހުއްޓުވުމަކަށް ގެންނަން އިދިކޮޅު ފަރާތްތަކުން ރާވާ ރޭވުންތަކުގެ ބޮޅެއް ކަމަށެވެ. އެ ވާނީ ޣައިރު ގާނޫނީ ކަމަކަށް ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި އެފަދަ އެއްވުންތައް ނުބޭއްވޭނެ ކަމަށް ފުލުހުން ބުނެފައިވާކަން ފާހަގަކުރައްވައި އެ އެއްވުމުގައި ރައްޔިތުން ބައިވެރިނުވުމަށް ވެސް ހަލީލު އެދިވަޑައިގަތެވެ.

ފިޝަރީޒް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ވެސް އެއްވުމަށް މަސް ދޯނިތަކުގައި މީހުން އުފުލާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. އެކަމަށް އިޝާރަތް ކުރައްވައި ޝިފާން ވެސް ވަނީ މަސް ދޯނިތަކުގައި ޣައިރު ގާނޫނީ އެއްވެސް ކަމެއް ހިންގާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

އިދިކޮޅު ފަރާތްތަކުން އަންނަ ހުކުރު ދުވަހުގެ އެއްވުމަށް ތައްޔާރުވުމުގެ ގޮތުން ބޭނުން ކުރަމުން ދަނީ "ހުއްޓުވުން" ޝިޔާރެވެ. އެއީ އެކެއް ފެބުރުއަރީގެ އަމުރު ތަންފީޒުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ގޮވާލަން ބާއްވާ އެއްވުމެއް ކަމަށް ޕާޓީތަކުން ބުނެ އެވެ.