ހަބަރު

މިއަދު ހަވީރު މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އައްޔަންކުރުމަށް މިއަދު ހަވީރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފި އެވެ.

މިއަދު ހަވީރު 4:30 ގައި ބާއްވާ ޖަލްސާގެ އެޖެންޑާ ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ފަސް ނަން ކޮމެޓީން ދިރާސާކުރުމަށްފަހު ރިޕޯޓް އިއްވުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.

ކޮމިޝަނުން ހުސްވަނީ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް ހުންނެވި މުހައްމަދު އަސްލަމްގެ މަގާމެވެ. އެ މަގާމަށް އޭނާ ވެސް ވަނީ ކުރިމަތިލައްވާފަ އެވެ. މިއަދު ރައީސް ޔާމީން މަޖިލީހަށް ނަންތައް ފޮނުވީ އެމަނިކުފާނު އިސްކަން ދެއްވާ ތަރުތީބުންނެވެ. އެގޮތުން އެންމެ އިސްކަން ދެއްވާފައިވަނީ ޗެނަލް13ގެ ނިއުސްހެޑްގެ މަގާމުގައި ހުންނެވި އަމްޖަދު ވަހީދަށެވެ.

ދެން އިސްކަން ދީފައިވަނީ ހ.ޕްރިޓީވިލާ، މުހައްމަދު ޝަމީމަށެވެ. އެއަށްފަހު ރ.އިނގުރައިދޫ، ކީސްވިލާ، މުހައްމަދު ސައުޒަމެވެ. އޭނާއަކީ ޗެނަލް13ގެ ކުރީގެ ސީއީއޯ އެވެ. ދެން ލިސްޓްގައި ހިމެނެނީ މިހާރު ވެސް ކޮމިޝަނުގެ މެންބަރަކަށް ހުންނެވި މުހައްމަދު އަސްލަމަށެވެ. ލިސްޓްގެ އެންމެ ތިރީގައިވަނީ ނ.މަނަދޫ، އޮޓާގޯ މަޖުދު ރަޝީދުގެ ނަމެވެ.