ހަބަރު

ރައީސް ޔާމީން ހުއްޓުވަން ޖެހޭ: އިދިކޮޅު

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ހުއްޓުވަން ޖެހޭ ކަމަށާއި އެ މަނިކުފާނު ހުއްޓުވައިގެން ނޫނީ ގާނޫނުނު ލިބިދީފައިވާ ހައްގުތައް އަލުން އަނބުރާ ރައްޔިތުންނަށް ނުލިބޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ 2008 ވަނަ އަހަރު ތަސްދީގު ކުރި ގާނޫނު އަސާސީން ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ތިން ބާރު ވަކިވެފައި އޮތުން ކަމަށާއި ނަމަވެސް ރައީސް ޔާމީން މިއަދު މިވަނީ އެ ތިން ބާރު މުށުތެރެއަށް ލާފައި ކަމަށެވެ.

"މި ގައުމުގައި އޮތް ގާނޫނު އަސަސީ ފުނޑާލީ ޔާމީން، އެހެން ކަމުން ޔާމީން ހުއްޓުވައިގެން ނޫނީ ގާނޫނުން ލިބިދީފައިވާ ހައްގުތައް އަލުން އަނބުރާ ރައްޔިތުންނަކަށް ނުލިބޭނެ،" އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވީ، ހުރިހާ ބާރެއް ފެށެނީ ރައްޔިތުންގެ ކިބައިން ކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ރައްޔިތުންގެ ބާރުތައް ރައްޔިތުންނަށް ލިބޭނީ ރައީސް ޔާމީން ހުއްޓުވައިގެން ކަމަށެވެ. އަދި ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ހުރިހާ މިނިވަން މުއައްސަސާތަކެއް ވެސް ވަނީ ކަސްދޮޅު އަޅުވާފައި ކަމަށެވެ.

މުހައްމަދު އަމީތު މިއަދު ވިދާޅުވީ، ގާނޫނު އަސާސީން ބޭރުން ވެރިކަން ކުރުމުގެ ބާރަކީ އެއްވެސް ވެރިއަކަށް ލިބިގެންވާ ބާރެއް ނޫން ކަމަށާއި މި ހާލަތުން ގައުމު އަރައިގަންނަށް ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ، ޣައިރު ގާނޫނީ ކަންކަން ހުއްޓުވަން ޖެހޭ ކަމަށާއި ޣައިރު ގާނޫނީ އަމަލުތައް ހުއްޓުވުމުގެ ބާރު އޮތީ ރައްޔިތުން އަތުގައި ކަމަށެވެ.