ބޮލީވުޑް

ސަލްމާންގެ "ބަޖްރަންގީ ބައިޖާން" ރިލީޒްކުރުން ލަސްކޮށްފި

May 16, 2015

ސަަލްމާން ޚާންގެ އާ ފިލްމު "ބަޖްރަންގީ ބައިޖާން" ސިނަމާތަކުގައި ދައްކާނެ ވަގުތެއްގައި އިންތިޒާރުގައި ތިބި އެންމެންނަށް ހިތާމަވެރި ހަބަރެކެވެ. މިފިލްމު ރިލީޒްކުރާ ދުވަސް މިވަނީ ފަސްކޮށްފަ އެވެ.

ކުރިން އީދު ދުވަހު ރިލީޒްކުރާގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، މިފިލްމުގެ ބައެއް މަންޒަރުތައް އަދިވެސް ޝޫޓްކޮށް ނުނިމޭތީވެ، ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ރިލީޒްކުރާ ދުވަސް ލަސްކޮށްފައި ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައިވެ އެވެ.

މިފިލްމުގެ ޝޫޓިން ކަޝްމީރުގައި ކުރިއަށް ދަނިކޮށް، ކަޝްމީރަށް ވިއްސާރަވެ، ފެންބޮޑުވުމާއި ގުޅިގެން ވަނީ ފިލްމުގެ ޝޫޓިން މެދުކަނޑާލާފަ އެވެ. އަދި މިމަހުގެ 6 ވަނަ ދުވަހު އެކްސިޑެންޓް މައްސަލައިގައި ސަލްމާންގެ މައްޗަށް ހުކުމް އިއްވުމުގެ ޝާރީއަތަށް ހާޒިރުވާން ޖެހުމުންވެސް ވަނީ ޝޫޓިން މެދުކަނޑާލާފަ އެވެ.

ސަލްމާން ދުއްވީ ކާރަކުން ޖެހި މީހަކު މަރުވުމުގެ ކުށް ސާބިތުވުމުން ފަސް އަހަރަށް ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ނިމެންދެން ގޭގައި ހުރުމުގެ ހުއްދަ ދިނުމުން ވަނީ އެނބުރި ކަޝްމީރަށް ފިިލްމުގެ ނުނިމި ހުރި މަންޒަރުތައް ނެގުމަށް ގޮސްފަ އެވެ.

ސަލްމާން އެނބުރި ޝޫޓިންއަށް ގޮސްފައިވީ ނަމަވެސް، ފެންބޮޑު ވުމުގެ ހާދިސާގެ ސަބަބުން، މިފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާ ބައެއް ލޮކޭޝަންތަކަށް އެކަމުގެ އަސަރުކޮށްފައި ވުމުގެ ސަބަބުން ފިލްމު ކުރިން ރިލީޒްކުރަން ކަނޑައަޅާފައި އޮތް ތާރީހަށް ނުނިމޭނެ ކަމަށް ވެސް ޕްރޮޑަކްޝަން ޓީމްއާއި ހަވާލާދީ ނޫސްތަކުން ވަނީ ބުނެފަ އެވެ.

“އޭކް ތަ ޓައިގާ" ވެސް ޑައިރެކްޓްކުރި ކަބީރް ހާން ޑައިރެކްޓްކުރާ މިފިލްމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވީ ނަމަވެސް، މިހާރު ނުނިމި ހުރީ ފިލްމުގެ އެންމެ ފަހުގެ އެންމެ މުހިންމު މަންޒަރުތައް ކަމަށްވެ އެވެ.

އީދުގައި މިފިލްމު ރިލީޒްކުރެވެން ނެތުމުން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރުގައި ރިލީޒްކުރުމަށް ނިންމާފަ އެވެ. ނަމަވެސް، ސަލްމާންގެ އިސްތިއުނާފު މައްސަލަ ނިމޭގޮތަކުން ޖަލަށް ދިއުމުގެ ފުރުސަތު އޮތުމުން، ފިލްމު އުފައްދާ ފަރާތުން ބޭނުންވަނީ ފިލްމުގެ ހުރިހާ މަސައްކަތެއް ނިމުނުހާ އަވަހަކަށް ރިލީޒްކުރާށެވެ.

އެގޮތުން، މިހާރު ވަނީ އިންޑިއާގެ މިނިވަން ދުވަހާއި ދިމާކޮށް 14 އޮގަސްޓް ގައި ރިލީޒްކުރަން ނިންމާފަ އެވެ. އަދި މިނިވަން ދުވަހާއި ދިމާކޮށް ތިން ދުވަހުގެ ބަންދު ދުވަހެއް ލިބޭނެތީވެ، ވިޔަފާރީގެ ގޮތުން މިފިލްމު ރިލީޒްކުރަން އެންމެ ރަނގަޅީ އޮގަސްޓް 14 ވަނަ ދުވަހުގައި ކަމަށްވެސް ވެ އެވެ.

މިފިލްމު އޮގަސްޓް 14ގައި ރިލީޒްކުރާނަމަ، އަކްޝޭ ކުމާރް އާއި ސިދާތް މަލްހޯތުރާ އަދި ޖެކުއަލީން ފާނެންޑޭޒް ލީޑްރޯލުން ފެނިގެންދާ ފިލްމު "ބްރަދާސް" އާއި ދެފިލްމުގެ ވާދަވެރިކަން ބޮޑުވާނެ އެވެ.މިފިލްމުގެ އިތުރުން، ޝާހްރުކް ޚާންގެ "ފޭން" ވެސް ކުރިން ރިލީޒްކުރުމަށް ހަމަޖެހިފައި އޮތީ އޮގަސްޓް 14ވަނަ ދުވަހު އެވެ. ނަމަވެސް އެފިލްމު މިހާރި ވަނީ ފަހުގެ ތާރީހެއްގައި ރިލީޒްކުރާގޮތަށް ހަމަޖެހިފަ އެވެ.

ސަލްމާން ޕްރޮޑިއުސް ވެސް ކުރާ މިފިލްމުގައި ސަލްމާން އާއިއެކު ލީޑްރޯލުން ފެނިގެންދާނީ ކަރީނާ ކަޕޫރު އާއި ނަވާޒުއްދީން ސިއްދީގީ އެވެ.

މިފިލްމުުގެ ފުރަތަމަ ޓްރެއިލާ މިމަހުގެ 22ވަނަ ދުވަހު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިފިލްމުގެ ޝޫޓިން ނިމުނުހާ އަވަހަކަށް ސަލްމާން ދެން އެނބުރި ދާނީ ސޫރަޖް ބަރްޖަތިޔާގެ "ޕްރޭމް ރަތަން ދަން ޕާޔޯ"ގެ ޝޫޓިން އަށެވެ. މިފިލްމުގެ ވެސް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފަ އެވެ.