އޭސީސީ

އޭސީސީގެ ބެލުމަކު އެއްމިލިއަން ޑޮލަރެއް ނެތް!

ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ޕީޕީއެމްއިން ބުނި ނަމަވެސް އެ ފައިސާ ދުވަހަކު ވެސް އެ ކޮމިޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާ ކަމަށް ކޮމިޝަންގެ މެންބަރަކު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމާއި ސަރުކާރާއި އެމްޑީއޭގެ ހުރިހާ ވާހަކައެއް ހާމަކުރާގޮތަށް ކޮންމެ ދުވަހަކު ބާއްވާ ނިއުސް ކޮންފަރެންސްގެ މިއަދު ބައްދަލުވުމުގައި ބުނެފައިވަނީ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކުރި ހުރިހާ ފައިސާއަކީ އެމްއެމްޕީއާރްސީގެ ފައިސާކަން ކަނޑަ އެޅެންދެން އޭގައި އަތް ނުލެވޭ ގޮތަށް ބަހައްޓާފައިވާ ކަމަށެވެ. އެކަން ޕީޕީއެމަށް އެނގޭ ކަމަށާއި އެ ފައިސާ އޭސީސީގެ ބެލުމުގެ ދަށުގައި ބަރާބަރަށް އެބަހުރި ކަމަށެވެ.

އޭގެ ފަހުން، ފަސް މެންބަރުން ހިމެނި ވަޑައިގަންނަވާ އޭސީސީގެ އެއް މެންބަރަކު މިރޭ ވިދާޅުވީ އޭސީސީގެ ބެލުމުގެ ދަށުގައި އެ ފައިސާ ނެތް ކަމަށެވެ. މި މެންބަރު މިހެން ވިދާޅުވި ނަމަވެސް ސީދާ ކޮމިޝަނުން އަދި އެއްޗެއް ނުބުނެ އެވެ. އަދި އެ މެންބަރު އެ ވާހަކަ ވިދާޅުވީ އޭނާގެ ނަން ހާމަ ނުކުރުމަށް ޝަރުތު ކުރިމަތި ކުރުވާފައެވެ.

އޭސީސީގެ ބެލުމުގެ ދަށުގައި ފައިސާތައް ހުންނާނެ ކަމަށް ޕީޕީއެމްއިން ބުނިއިރު ރައީސްގެ އެދިވަޑައިގަތުމަށް އެ ފައިސާތައް ހުރި އެކައުންޓް ފްރީޒް ކޮށްފައިވާ ކަމަށް ވެސް ޕީޕީއެމުން މިއަދު ބުނެފައި އެވެ. އެ އެކައުންޓަކީ މޯލްޑިވްސް އިސްލާމިކް ބޭންކްގައި އޮންނަ އެކައުންޓެކެވެ.

ފައިސާތަކުގެ ވާހަކަ މިއަދު ކުއްލިއަކަށް ޕީޕީއެމްއިން ދެއްކި އިރު އެ މައްސަލަ މިހާރު އޭސީސީން އޮތީ ފައިލް ވެސް ކޮށްފަ އެވެ. އަދި މި ދުވަސްވަރު އިދިކޮޅު ފަރާތްތަކުން ވެސް އެ ވާހަކަ ފެންމަތިކޮށްގެނެއް ނޫޅެ އެވެ.

އޭސީސީއިން ބުނެފައިވަނީ، އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވި ތަހުގީގު ފުރިހަމަ ކުރެވޭނީ ރައީސް އަބްދުﷲ ޔާމީން އެކައުންޓަށް ފައިސާ ޖަމާކުރި ކުންފުނީގެ ވެރިން ތަހުގީގަށް ހާޒިރުކުރެވި އެފަރާތްތަކުގެ ބަސް ހޯދައިގެން ކަމަށެވެ. އެފަރާތްތައް ހާޒިރު ކުރެވެންދެން މައްސަލަ ފައިލް ކުރުމަށް އޭސީސީއިން ވަނީ ނިންމާފަ އެވެ. އެ ނިންމުން އައީ މިދިޔަ އޮގަސްޓް މަހު އެވެ.