ރާއްޖޭގައި މިހާރު އެންމެ މަޝްހޫރު ރެކޯޑު ލޭބަލް "ސިންބޮލިކް ރެކޯޑްސް" އަކީ އަބަދުވެސް އާ ފަންނާނުންނަށް ކުރިއަށްދިއުމަށް ފުރުސަތު ދޭ ފަރާތެއްކަން ފާހަގަކުރެވެ އެވެ. ސިންބޮލިކްގެ ލަވަތަކުން ވިދާލާއި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ގިނަ ފަންނާނުން މިހާރުވެސް އެބަތިއްބެވެ.
ތަފާތު ސްޓައިލުތަކުގެ ލަވަތައް ގެނެސްދެމުންދާ ސިންބޮލިކްގެ ފަރާތުން އަނެއްކާވެސް ތަފާތެއް ފެންނަން އުޅޭހެން ހީވެ އެވެ. ސިންބޮލިކްގެ އޮފިޝަލް ޓުވިޓާގައި ޖަހާފަ އިން ފޮޓޯއެއްގައި މިފަަހަރު އައިޑޮލްގައި ބައިވެރިވެ ޝޯއިން ވަކިވާންޖެހުނު އަހްމަދު އިޝާމް (އިޝީ) ހުންނަ މަންޒަރު ފެނެ އެވެ.
ގިނަ ބަޔަކަށް އެ އަޑެއް ކަމުދިޔަ އިޝީ، އައިޑޮލް އިން ވަކިވީ ޕިއާނޯ ރައުންޑުންނެވެ. ޝޯއިން އަވަހަށް ވަކިވާންޖެހުނު ނަމަވެސް ޖަޖުންނާއި އާންމުގެ ބޮޑު ތަރުހީބެއް އޭނާއަށް ލިބުނެވެ. ޝޯއިން ވަކިވުމަށްފަހު އިޝީ ބުނެފައި ވަނީ މިދާއިރާއިން އަދިވެސް ފެންނާނެ ކަމަށެވެ. ކޮންއިރަކު ކިހިނެތް ކަމެއް ނުބުނެ އެވެ. ބުނީ ވަރަށް އަަވަހަށް ފެންނާނެ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ސިމްބޮލިކް ރެކޯޑުން ކުރި އެ ޓުވީޓުގައިވާ ފޮޓޯ އިން އިޝީ ފެންނާތީ ގިނަ ބަޔަކު އަންނަނީ ސިމްބޮލިކްއާ އޭނާ ގުޅުނީތޯ ސުވާލުކުރަމުންނެވެ. އެ ފޮޓޯއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑު) ސިމްބޮލިކްގެ ފަންނާނުންނަށް އޭނާގެ ތަޖުރިބާ ހިއްސާކުރުމަށާއި ފަންނާނުން ރަނގަޅު ކުރަންވީ ކަންކަން ކިޔާދިނުމަށް ބޭއްވި ކުޑަކުޑަ ހަފްލާއަކަށްފަހު ނަގާފައިވާ ފޮޓޯ އެކެވެ.
މި ފޮޓޯއިން އިޝީ ފެނުނު ނަމަވެސް ސިމްބޮލިކް އިން އަދި އެ ހަބަރު ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އިޝީ ސިމްބޮލިކްއާ ގުޅިއްޖެނަމަ އެ ލޭބަލަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ގިނަ ބަޔަކުދެކެ އެވެ. ވާގޮތެއް ބަލަން ޖެހޭނީ އިންތިޒާރެއް ކޮށްލާށެވެ.
އަމިއްލަ ރާގު ރީތި ލަވަތަކެއް ގެނެސްދީފައިވާ ސިމްބޮލިކްގެ ލަވަތަކަކީ ގިނަ ބައެއްގެ މެދުގައި މިހާރުވެސް މަގުބޫލު ލަވަތަކެކެވެ. އެގޮތުން "ހައެ ހައެ"، އަދި "ކުރުވާހަކަ" ފަދަ ލަވަތަކަކީ ފާހަގަކޮށްލެވޭ ލަވަތަކެކެވެ. މިއަހަރު މިހާތަނަށްވެސް ސިންބޮލިކްގެ ދެ ލަވައެއް ނިކުމެފަވެ އެވެ. އެއީ އެޑެލްގެ އަޑުން އިވިގެންދިޔަ "އިންޒާރު" އަދި "ޕެސްޓް" ގެ އަޑު އިވިންގެދިޔަ "އޮޔާ" އެވެ.
ސިމްބޮލިކް ރެކޯޑްސްގެ ލަަވައެއް އެންމެ ފުރަތަމަ އިވިގެންދިޔައީ 2013 ވަނަ އަހަރު އެވެ.