ރިޕޯޓް

އިހްލާސްތެރިނަމަ ކީއްވެ 13 ޖުލައި؟

މަކުނުދޫ ދާއިރާގެ މެންބަރުގެ އަނާރާ ނައީމް މިހެން ވިދާޅުވި އެވެ: "ޖުލައި މަހުގެ 13 ވަނަ ދުވަހުން ޕާޓީ ބަދަލު ކުރި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ބިލް ފާސް ކޮށްފައިވުމުން އެނގެނީ އެއްވެސް އިހުލާސްތެރިކަމެއް ނެތްކަން. އިހުލާސްތެރި ކަމެއް ހުރި ނަމަ ދައުރު ފެށުނީންސުރެ އެ ބިލަށް އަމަލު ކުރަން ފާސް ކުރާނެ،"

އެއީ އެކަމަނާގެ ހިޔާލެވެ. އެއަށް ތާއީދުކުރާ މީހުން ވެސް ގިނަ އެވެ. ސަބަބުތަކެއް ހުރުމުންނެވެ. އެންޓި ޑިފެކްޝަން ގާނޫނުގެ ނަމުގައި އެކުލަވާލާފައިވާ ގާނޫނަކީ މުހިންމު މަގުސަދެއްގައި އެކުލަވާލި ރާއްޖެ މުހިންމު ގާނޫނެކެވެ. މަގުސަދަކީ ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ މެންބަރުންގެ ނަޒާހަތްތެރިކަން ހިފެހެއްޓުމެވެ. ކޮރަޕްޝަނުން ދުރު ކުރުމެވެ. ރައްޔިތުން އިތުބާރު ކުރާ ތަނަކަށް ހެދުމެވެ. ބިލް ފުރަތަމަ ބައްޓަންވެފައިވާ އޮތީ އެގޮތަށެވެ. އެކަމަކު ގެނައީ އިސްލާހެކެވެ.

ގާނޫނުގެ މާޒީއަށް ރުޖޫއަވާ ގޮތަށް ރެޓްރޯސްޕެކްޓިވްކޮށް ތަންފީޒުވާ ގޮތް ހެދުމެވެ. ވަކި ހާއްސަ ތާރީހަކުން ފެށިގެން ބެކްޑޭޓްކޮށް ގާނޫނުގެ ބާރު ހިނގާ ގޮތަށެވެ. އެ ތާރީހަކީ ރާއްޖޭގެ ސިޔާސީ މައިދާން އޮތް ފުށް ނޫން އަނެއް ފުށަށް ޖަހަލާއި ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ހުކުމް އިއްވި ޖުލައި މަހުގެ 13 ވަނަ ދުވަހެވެ. އެ ދުވަހާ ހަމައަށް މާޒީއަށް ގާނޫނު ރުޖޫއަކުރުވީ ހަމަ އެންމެ މަގުސަދެއްގަ އެވެ. މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގާނޫނުން ގެއްލިގެންދާ ނަތީޖާއަށެވެ. ފެންނަން އޮތް ޓެކްނިކަލް ހަގީގަތަކީ އެއީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެ 12 މެންބަރުންނަކީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް މައްސަލާގައި ސޮއި ކުރައްވައި ކުއްލިއަކަށް ސަރުކާރާ ފެޔަށް ޖެހިވަޑައިގެންނެވި މެންބަރުންނެވެ. ރައީސް ޔާމީން ވިދާޅުވާ "މަޖިލިސް ތެރޭގެ ބަޣާވާތު"ގައި ބައިވެރިވަޑައިގެން މެންބަރުންނެވެ. މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ސަރުކާރުން ނުވަތަ ޕީޕީއެމްއިން ދިޔައީ އެ މެންބަރުންގެ ގޮނޑި އެއްގޮތުން ނުވިއްޔާ އަނެއް ގޮތުން ގެއްލުވައިލުމަށް މަސައްކަތް ކުރަމުންނެވެ. ޖުލައި 13، އަކީ އެކަން ފެށުނު ހިސާބެވެ.

އެންޓި ޑިފެންކަޝަން ގާނޫނުގައި މިހާރު އޮތް ގޮތަށް މެންބަރަކު އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ، ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކަށް ގުޅިއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން އޭރު ހުކުމްކުރި އެވެ. އެއާއެކު އިލެކްޝަން ކޮމިޝަނުން 12 މެންބަރުންގެ ގޮނޑި ގެއްލުވާލި އެވެ. އެކަމަކު އެ މެންބަރުން ވަޑައިގަތީ ސުޕްރީމް ކޯޓަށެވެ. އަދި ގޮނޑި ނުގެއްލޭ ކަމަށް ބުނެ ގާނޫނީ ގިނަ ނުކުތާތަކެއް ފާހަގަ ކުރެއްވި އެވެ. ސުޕްރީމް ކޯޓުން ވެސް ހުކުމް ކުރީ އެ ދުވަހުން ފެށިގެން ފަހުން ޕާޓީން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށެވެ. އެކަމަކު އޭގެ ކުރިން އެ މެންބަރުން ތިއްބެވީ އެކަމަށް ފިޔަވަޅު އަޅުއްވައިގެންނެވެ.

ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބު ވަޑަައިގެންނެވުމުން އެފަދަ ހުކުމެއް އަންނަން އުޅޭކަން ކަށަވަރުވި އެވެ. އެހެން އެ 12 މެންބަރުން އެކުގައި ކަހަލަ ގޮތަކަށް ޕީޕީއެމްއިން ވަކިވާން ސިޓީ ހުށަހެޅުއްވި އެވެ. ބައެއް މެންބަރުން އިލެކްޝަން ކޮމިޝަނަށް ވެސް ސިޓީ ހުށަހެޅުއްވި އެވެ. އެއީ 13 ޖުލައިގެ ކުރިންނެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގައި ބުނަނީ ޕާޓީގެ ކޮންމެ މެންބަރަކަށް ވެސް ކުރިން ނޯޓިސް ދިނުމަކާ ނުލައި ޕާޓީގެ މެމްބަރުކަމުން ވަކިވެވިދާނެ އެވެ. އަދި ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން މެމްބަރަކު ވަކިވާން އެދިއްޖެނަމަ އެ މެންބަރަކު ޕާޓީގެ މެމްބަރުކަމުން ވަކިވާނެ އެވެ. ހިތުހުރިހާ އިރެއް ވަންދެން މެންބަރަކު ޕާޓީން ވަކިނުކޮށް ހުރުމަކީ އެއްވެސް ޕާޓީއަކަށް ލިބިގެންވާ ހައްގެއް ނޫނެވެ. ޕާޓީން ވަކިވާން ހުށަހަޅާއިރަށް އެ މެންބަރަކު ވަކިވީ އެވެ. ހަމައެހެން ސުލޫކީ ފިޔަވަޅު އެޅުމުން އެ މެންބަރަކު އެ އިސްތިއުފާނު ނުކުރާނަމަ އެ މެންބަރަކު ވެސް ވަކިވީ އެވެ.

އޭގެ ތެރެއިން ތިން މެންބަރުން ކަމަށްވާ މުހައްމަދު އަމީތާއި މުހައްމަދު ވަހީދާއި ސައުދު ހުސެއިނަކީ ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައި ޕާޓީން ވަކި ކުރި ވެސް ތިން މެންބަރުންނެވެ. އެއީ ޖުލައި މަހުގެ މާކުރިންނެވެ. ނަމަވެސް އެ 12 މެންބަރުން އެ ހުރިހާ ކަމެއް ކޮށްފައިވަނިކޮށް އަލުން ބަލުން ސުލޫކީ މައްސަލައެއް ބަލައި ޖުލައި 13 ގެ ފަހުން އެ މެންބަރުން ޕީޕީއެމްއިން ވަކިކުރުމަކީ ގާނޫނީ ބޮޑެތި ސުވާލުތަކެއް އޮތް ކަމެކެވެ. މިސާލަކަށް އެމްޑީޕީ މެންބަރަކު ޕީޕީއެމްއިން ވަކިކުރުމުގެ ބާރެއް ޕީޕީއެމްއަށް އޮންނާނެ ހެއްޔެވެ؟ ޕާޓީއެއްގެ ނެތް މެންބަރަކު އެ ޕާޓީއަކަށް ވަކިކުރެވޭނެ ހަމައެއް ނޯންނާނެ އެވެ.

މިފަދަ ބޮޑެތި ސުވާލުތަކާއެކު މިހާތަނަށް ސުޕްރީމް ކޯޓުން ވެސް އެ 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައެއް ނުވެ އެވެ. ނަމަވެސް އެކެއް ފެބުރުއަރީގައި ނެރުނު އަމުރުގައި ފްލޯ ކްރޮސިން ހުކުމް ބާތިލުކޮށް އެ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި އެވެ. އެ ބައި އަދިވެސް ސުޕްރީމް ކޯޓުން ބާތިލެއް ނުކުރެ އެވެ. އޮތީ ސަސްޕެންޑްކޮށްފަ އެވެ. އެހެންވެ 12 މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނެވޭނެ އެއްވެސް އަސާސެއް ނެތެވެ.

މިހުރިހާ ކަމެއް ފާހަގަކުރަން މި ޖެހުނީ ގާނޫނު ފާސްކުރުމުގައި އެއްވެސް އިހްލާސްތެރި ކަމެއް ނެތްކަން ހާމަވާ ސަބަބުތައް ދެއްކުމަށެވެ. އެއީ 12 މެންބަރުންނަށް ޓާގެޓް ގާނޫނެއްކަން ހާމަވާ ކަންކަން ދެއްކުމެވެ.

ފުރަތަމަ ކަމަކަށް ސުޕްރީމް ކޯޓަށް ވެސް އެ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑަނޭޅި ވަނީ ކުރިން ވެސް ބުނި ގޮތަށް މެންބަރުން އަމިއްލައަށް ޕާޓީން މާކުރިން ވަކިވެފައި އޮތުމެވެ. ގާނޫނު ފާސްކުރިއިރު ޖުލައި މަހުގެ 13 ވަނަ ދުވަސް ޖެހި ގޮތަށް ކޮންމެ ތާރީހެއް ޖެހުމުގެ ފުތުސަތު ޕީޕީއެމްއަށް އޮތެވެ. ޖޫން އެކެއް ނުވަތަ ޖެނުއަރީ މަހުގެ އެކެއް ވެސް ޖެހެން އޮތެވެ. މެންބަރުން އުފައްދާ އެކަމަކު ނުޖެހީ ކީއްވެ ހެއްޔެވެ؟

އެ ޕާޓީއަށް މުހިންމު މެންބަރެއްގެ ގޮނޑި ގުރުބާންކޮށްލަން ޖެހޭނެތީ އެވެ. މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާ ރީކޯ މޫސާ މަނިކު ޕީޕީއެމްއަށް ގުޅިވަޑައިގެންނެވީ ޖުލައި މަހުގެ 11 ވަނަ ދުވަހު އެވެ. އެހެންވެ ގާނޫނުގައި ތާރީހު ޖެހުމުގައި ޕީޕީއެމް މެންބަރުން ތިއްބެވީ "ފިތިފަ" އެވެ. އެކެއް ދެއެއް ފަހަތަށް ޖައްސާލި ނަމަވެސް މޫސަގެ ގޮނޑި ގެއްލުނީ އެވެ.

ހަމައެހެން ދައުރު ފެށުނީންސުރެ ޕާޓީ ބަދަލުކޮށްފައިވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ބަދަލުކުރި ނަމަވެސް ގެއްލުން ބޮޑީ ޕީޕީއެމްއަށެވެ. އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވާ ގޮތަށް އެންޓި ޑިފެކްޝަން އޮތްނަމަ ޕީޕީއެމްއިން އެއާމެދު ފަހުރުވެރިޔާ މަޖިލީހުގެ މެޖޯރިޓީ އެ ޕާޓީގައި ނޯންނާނެ އެވެ. މި ދައުރުގައި ޕާޓީއަށް މެންބަރުން ގެނައުމުގެ ކުޅިވަރު ފެށީ ވެސް ޕީޕީއެމްއިންނެވެ. ދައުރު ފެށުނީންސުރެ ގާނޫނުގެ ތާރީހު މާޒީއަށް ދުއްވާލިނަމަ ޕީޕީއެމްއަށް ގެއްލޭނެ މެންބަރުންތަކެއް އެބަ ތިއްބެވެ އެވެ. އެހެންވެ އެކަން ނުކުރީ އެވެ.

މަޖިލީހުގެ 12 މެންބަރުން އުފައްދާ ސުވާލުތަކަށް ފުރުސަތު ނުދިނުމަށް ތާރީހު އެކެއް ނުވަތަ ދެ ދުވަސް ފަހަތަށް ޖައްސާލަން ވެސް ނުކުރެމުން ގާނޫނުގެ މަގުސަދާއި އިހްލާސްތެރިކަން އެނގިގެން މިދަނީ އެވެ. އެންޓި ޑިފެކްޝަން ގާނޫނުގައި ވަކި މަގުސަދެއް ލިޔެފައި އޮތް ނަމަވެސް ހަގީގީ މަގުސަދު ނޫންކަން އެނގެނީ އެވެ. ހަގީގީ މަގުސަދަކީ ޕީޕީއެމްއަށް ގެއްލުންނުވާ ގޮތް ހެދުމެވެ. އެ 12 މެންބަރުންގެ ގޮނޑި ގެއްލުވާލައި އެހެން މެންބަރުން ސަލާމަތް ކުރުމެވެ. ބާރަ މެންބަރުންގެ ގޮނޑި ގެއްލުވާނުލައިފިނަމަ ޕީޕީއެމްއަށް މެޖޯރިޓީ ގެއްލޭނެ އެވެ. ބޭނުންހާ އެއްޗެއް މަޖިލިސް ތެރެއިން ނުހެދޭނެ އެވެ. އަނާރާ ނައީމް ވިދާޅުވަނީ ތެދެއް ކަމަށް މިހާރު އެއްބަސްވެވޭ ނޫން ހެއްޔެވެ؟