އޮފްބީޓް

މަގުމަތީ އުޅޭ ބުޅާތަކަށް މިސްކިތުގެ ދޮރު ހުޅުވައިދިން އިމާމު

ތުރުކީގެ ވެރިރަށް އިސްތާންބޫލްގެ މަގުތަކުގައި ގިނަ އަދަކަށް ބުޅާ އުޅެ އެވެ. އިސްތާންބުލް މަޝްހޫރުވެފައި ވެސް ބުޅަލުގެ ރަށުގެ ނަމުންނެވެ. ބާރުގަދަ ރަސްގެފާނުންނާއި ވެރިން ރަސްކަންކުރަމުންއައި އެ ރަށުގައި މިހާރު ވެރިކަން ކުރަނީ ބުޅަލޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

މަގުމަތީ ބުޅާ ގިނަ ނަމަވެސް ގިނަ ފަހަރަށް އެ ބުޅާތަކާ އަޅާލާނެ މީހަކު ނުވުމުގެ ސަބަބުން ކާނޭ އެއްޗެހި ނުލިބި، އަދި ފިނި މޫސުމުންތަކުގައި ހިޔާވާނެ ތަނެއް ނުލިބުމުން މަރުވާ ބުޅަލުގެ އަދަދުވެސް ވަރަށް ގިނަ އެވެ.

އެކަމަށް ހައްލެއް ގެނައުމުގެ އަމާޒުގައި އިސްތާންބުލްގެ ބޮޑު މިސްކިތެއް ކަމަަށްވާ އަޒީޒް މަހުމޫދު ހުޔައިދީ މިސްކިތުގެ އިސް އިމާމަކު ފިނި މޫސުންތަކުގައި ބުޅަލަށް ހިޔާވަހިކަން ދިނުމަށް އެ މިސްކިތައް އޭއްޗެއްސަށް ވަދެވޭނެ ގޮތަށް ދޮރުތައް ހުޅުވާލި އެވެ. އޭނާ އެކަން ކުރަން ފެށީ މީގެ ދެ އަހަރު ކުރިން 2015 ވަނަ އަހަރު ފިނި މޫސުމުގަ އެވެ.

އިމާމް މުސްތަފާ އެފީ، އެކަންކުރީ މަގުމަތީ އުޅޭ ބުޅާތަކާއި އޭގެ ދަރިންނަށް ރަނގަޅު ހިޔާވައްސެއް ހޯދާދިނުމުގެ މަގުސަދުގަ އެވެ. ދަތި ހާލުގައި އެތަކެތި މަރުވެދާތަން ބަލަން އޭނާ ބޭނުމެއް ނުވި އެވެ. އިމާމް މުސްތަފާ ވަނީ އޭނާގެ ފޭސްބުކްގައި ބުޅާތަކާއެކު ނަގާފައިވާ ފޮޓޯތައް ހިއްސާކޮށްފަ އެވެ.

ބުޅަލަކީ އޭގެ ސާފުތާހިރުކަމުގެ ސަބަބުން އިސްލާމްދީނުގައި ވަރަށް މާތް ކުރައްވާފައިވާ ޖަނަވާރެކެވެ. ބުޅަލަށް އިހާނެތިކޮށް ނުހިތުމަށް ރަސޫލާ މުހަންމަދުގެފާނު ވެސް ވަނީ އަންގަވާފަ އެވެ. ބުޅަލަކީ ރަސޫލާ ވަރަށް ކާމޭހިތްތެވި އަދި ލޯބިފުޅު ކުރެއްވި ޖަނަވާރެކެވެ.