ދުނިޔެ

ބޮސްޓޮންގައި ބޮން ގޮއްވި މުސްލިމު ޒުވާނާ މަރަން ހުކުމްކޮށްފި

މެރެތަންއެއްގެ ތެރޭގައި ދިން އެ ހަމަލާގައި ތިން މީހަކު މަރުވެ، 260 މީހަކު ޒަހަމްވެފައިވާއިރު އެ މައްސަލައިގައި ޗެޗްނިޔާ ދަރިކޮޅަށް ނިސްބަތްވާ މުސްލިމް ޒުވާނެއް ކަމަށްވާ ޒޯކަރް ސަރްނައެވްގެ މައްޗަށް އުފުލި ހުރިހާ ދައުވާތަކެއް ސާބިތުވާ ކަމަށް ޖޫރީން ކުރިން ވަނީ ނިންމައިފަ އެވެ. އެހެންވެ އޭނާއަށް ދޭނެ އަދަބަކާ މެދު ޖޫރީންގެ މެދުގައި ކުރި 14 ގަޑިއިރުގެ މަޝްވަރާއަކަށް ފަހު ނިންމީ އޭނާއަށް މަރުގެ އަދަބު ދިނުމަށެވެ.

ޒޯކަރްގެ މައްޗަށް މަރުގެ ހުކުމް އިއްވި މެސެޗޫސެޓްސް ސްޓޭޓަކީ މިހާރު މަރުގެ އަދަބު ތަންފީޒު ކުރުން ހުއްޓާލާފައިވާ ސްޓޭޓެއް ނަމަވެސް ޒޯކަރްގެ މައްޗަށް ސާބިތުވެފައިވާ ކުށުގެ ބާވަތުން އޭނާގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރެވިދާނެ އެވެ.

ޒޯކަރަށް މަރުގެ ހުކުމް އިއްވާފައިވަނީ އޭނާއަށް މަރުގެ އަދަބު ނުދިނުމަށް އޭނާގެ ވަކީލުން އެދެމުން ދަނިކޮށެވެ. ދިފާއީ ވަކީލުން ބުނަމުން ގޮސްފައިވަނީ އެކަމުގައި އޭނާގެ ބައިވެރިވުން އޮތް މިންވަރަށް ބަލާއިރު މަރުގެ އަދަބު ހައްގު ނޫން ކަމަށެވެ.

އެ ހަމަލާ ދިނުމުގައި ޒޯކަރާ އެކު އޭނާގެ ބޭބެ ވެސް ބައިވެރިވެފައިވެ އެވެ. ނަމަވެސް އެ ދެ މީހުން އަތުލައިގަންނަން ބަދަލު ކުރި ހަމަލާތަކުގައި ޒޯކަރްގެ ބޭބެ ވަނީ މަރުވެފަ އެވެ.