ހަބަރު

ގޮޅިތަކުގެ ހާލަތު ގޯސް ކަމަށް އެޗްއާރްސީއެމުން ވެސް ބުނި: ފާރިސް

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ހުންނެވި ގޮޅިއަކީ މީހުން ބައިތިއްބާ ތަނެއްގައި ފުރިހަމަ ވާންޖެހޭ އެންމެ އަސާސީ ކަންކަން ވެސް ފުރިހަމަވެފައި ނެތް ގޮޅިއެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އާ ހަވާލާދީ ފާރިސްގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ފާރިސްގެ ވަކީލުން މިހެން ވިދާޅުވީ، ފާރިސްގެ އެދިލެއްވުމަކަށް އެޗްއާރްސީއެމްގެ ރައީސާ އާމިނަތު އީނާސްވެސް ހިމެނިވަޑައިގަންނަވާ ޓީމަކުން މިއަދު ފާރިސްއާ ބައްދަލުކުރައްވައި ދެކެވުނު ވާހަކަތަކާ ބެހޭގޮތުން ނެރުނު ބަޔާނެއްގަ އެވެ. އެޗްއާރްސީއެމާ ބައްދަލުކުރަން ފާރިސް އެދިލައްވާފައިވަނީ ބަންދުކޮށްފައި ތިބޭ މީހުންނަށް ލިބެންޖެހޭ ގިނަ ހައްގުތަކަކުން މަހުރޫމްވެފައިވާތީ ހުރި ކަންބޮޑުވުންތަކެއް ހިއްސާކުރެއްވުމަށެވެ.

އެޗްއާރްސީއެމަށް ފާރިސް ހުށަހެޅުއްވި ޝަކުވާތައް ބަޔާންކޮށްދީފައިވާ އެ ބަޔާނުގައި ބުނީ، ފާރިސް ހައްޔަރުކޮށްފައިވާ ގޮތާ ބެހޭގޮތުން އެޗްއާރްސީއެމުން ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ގާނޫނާ ހިލާފަށްތޯ ބެލުމަށް އެޗްއާރްސީއެމުން ދިރާސާކުރަމުންދާ ކަމަށް މެންބަރުން ވިދާޅުވި ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު ދިރާސާކުރުމަށްފަހު އެ ސުވާލަށް އެކަށޭނަ ޖަވާބެއް ދޭނެކަމަށް ވެސް މެންބަރުން ވިދާޅުވި ކަމަށެވެ.

ފާރިސް ހުންނަވާ ގޮޅީގެ ހާލަތު މީގެ ކުރިންވެސް އެޗްއާރްސީއެމާ ހިއްސާކޮށްފައިވާއިރު މިރޭ މެންބަރުން ވިދާޅުވެފައިވަނީ އެ ގޮޅި ތަކަކީ އިންސާނުން ބޭތިއްބުމަށް ފުރިހަމަވާންޖެހޭ އެންމެ އަސާސީ މިންގަނޑުތަކަށް ނުފެތޭ ގޮޅިތަކެއްކަމަށް ކަނޑައަޅައި އެކަން ހޯމް މިނިސްޓްރީއާ ފުލުހުންނަށާއި ރައީސް އޮފީހަށް ވެސް އަންގާފައިވާ ކަމަށެވެ. އަދި ފާރިސް ހުންނަވާ ގޮޅީގައި ކެމެރާ ހަރުކުރުމަކީވެސް ޓޯޗާގެ އަމަލެއްކަމަށް އެޗްއާރްސީއެމުން ދެކޭ ކަމަށް މެންބަރުން ވިދާޅުވި ކަމަށް ވެސް ވަކީލުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ދޫނިދޫގައި ތިން ބުރިއަށް ހަދާފައިވާ އިމާރާތުގައި ހުންނަ ގޮޅިތަކަކީ އިރުގެ އަލިކަން ނުވަންނަ ގޮޅިތަކެއްކަމަށްވާއިރު، އެ ގޮޅިތަކުގައި މީހުން ބޭތިއްބުމަކީ ހަމުގެ ބަލިތަކަށް ހުށަހެޅިގެން ހިނގައިދާނޭކަމެއްކަމަށްވާތީ އެކަންވެސް ޕޮލިސް ސަރވިސްއާއި، ކަމާ ގުޅުންހުރި އެންމެހައި އިދާރާތަކަށް ދަންނަވާފައިވާނޭކަމަށް މެންބަރުން ވިދާޅުވެފައިވެއެވެ،" ވަކީލުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ދޫނިދޫގައި ބަންދުކޮށްފައިތިބޭ މީހުން ގޮޅީގެ ފާހާނާ ތެރޭގައި ހުންނަ އިސްކުރަކުން ފެން ނަގައިގެން ބޯންޖެހުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫންކަމަށާއި އޭގެ ބަދަލުގައި ރައްކާތެރި ސާފު ފެން ފުޅިފުޅީގައި ފޯރުކޮށްދެވޭނޭ އިންތިޒާމު ހަމަޖައްސައިދިނުމަށް ފުލުހުންގެ އިދާރާއަށް އަންގަވާފައިވާކަމަށް ވެސް ބައްދަލުވުމުގެ މެންބަރުންނާ ހަވާލާދީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

ވަކީލުން ވިދާޅުވީ އެސްއޯއީގެ ދަށުން ހައްޔަރުކޮށްފައިވާ އެހެންވެސް ބޭފުޅުންނާއެކު ފާރިސްވެސް ކުރައްވާ ބަނޑުހައިހޫނުކަމުގެ ހަޅުތާލަކީ ސާފު ފެނާއި ކާނާ ފޯރުކޮށް ނުދޭތީ ފަށާފައިވާ ހަޅުތާލެއް ކަން އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

ފާރިސް ވަނީ ގެއްލިފައިވާ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކުރިއަށްވުރެ ވެސް ބޮޑަށް މަސައްކަތްކޮށްދިނުމަށް މެންބަރުންގެ ފަރާތުން އެދިވަދައިގެންފަ އެވެ.

އެޗްއާރްސީއެމްގެ މެންބަރުން މިއަދު ފާރިސްއާ ބައްދަލުކޮށްފައިވާއިރު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ އެފަދަ ބައްދަލުވުމަކަށް އެދިވަޑައިގެންފަ އެވެ.